ރޯދަ މަހުގެ ދުވާލުގެ ވަގުތު ނުކައި ނުބޮއި ހުއްޓަސް ބަރުދަން ލުއިވެދާނެ ކަމަށް އުއްމީދުކުރި ނަމަވެސް ގިނަ ފަހަރަށް މިކަން ދިމާވަނީ އޭގެ އިދިކޮޅަށެވެ.
ރޯދަ މަހަކީ ބައެއް މީހުންގެ ބަރުދަން އިތުރުވާ މައްސަރަކަށް ވާއިރު އަނެއްބައި މީހުންނަށް މިއީ ބަރުދަން ލުއިކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ރޯދައަށް ހުރުމަކީ ދީނީ އަޅުކަމެއްގެ އިތުރުން އޭގެ ސަބަބުން ހަށިގަނޑަށް ސިއްހީގޮތުން ވެސް ނުހަނު ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ.
ރަމަޟާން މަހަށް ހާއްސަކޮށްގެން ވަކި ގޮތަކަށް ކެއުން ބަހައްޓާނެ ގޮތްތަކެއް ކަނޑައެޅުމަކީ ބަރުދަން ލުއިކުރުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.

ރޯދަ މަހު ކެއުމުގައި ޕްރޮޓީން މާއްދާ އެކުލެވޭ ކެއުންތައް ވީހާވެސް ގިނައިން ހިމެނުން މުހިއްމު--ފޮޓޯ/ޓްރައިބިއުން
ފުޑް ހެލްތު އެންޑް ވެލްނެސްއާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ގެނެސްދޭ ދަ އެކްސްޕްރެސް ޓްރައިބިއުންގައި ރޯދަމަހު ބަރުދަން ލުއިކޮށްލަން ބޭނުންވާ ފަރާތްތަކަށް މުހިއްމު މައުލޫމާތުތަކެއް ވަނީ ހިމަނާލާފައެވެ.
މި މަޖައްލާގައިވާ ލިޔުމެއްގައި ފާހަގަކޮށްފައިވާ މުހިއްމު ކަންކަމަށް ބަލާއިރު ރޯދައަށް ނުހުންނަ ވަގުތުތަކުގައި މީހާ ޑީހައިޑްރޭޓްވުމުން ދުރުކޮށްދޭނެ އެންމެ މުހިއްމު އެއް ކަމަކީ ގިނައިން ފެން ބުއިމެވެ. ދިޔާ ތަކެތި ބުއި ނަމަވެސް ހަކުރު އެކުލެވޭ ޖޫސް އަދި ބުއިންތަކާ ދުރުހެލިވުމަށް ސަމާލުކަން ދިނުމަށް މި ލިޔުމުގައި ވަނީ އިރުޝާދު ދީފައެވެ.
ރޯދަވީއްލުމަށްފަހު ޕްރޮޓީންސްއިން މުއްސަނދި ބާވަތްތައް ކެއުމުގައި ހިމަނާލެވިދާނެއެވެ. އޭގެތެރޭގައި ބިސް، ކުކުޅު އެކި ވައްތަރުގެ ބީންސް ކެއުމުގައި ހިމަނާލެވިދާނެ ކަމަށް މި ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

ރޯދަ މަހު ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާއިރު ތެޔޮ އެކުލެވޭ ކާނާ އާއި ދުރުވުން މުހިއްމު--ފޮޓޯ/ޓްރައިބިއުން
އޭގެ ސަބަބުން ހާރުކެއުމަށްފަހު ރޯދަވީއްލުމާ ދެމެދު އެ އިންނަ ވަގުތުތަކުގައި ބަނޑުހައިވުމުގެ އިހުސާސްކުރެވޭ މިންވަރު ކުޑަކޮށްދޭނެއެވެ. ކެއުމުގައި ސަމާލުކަންދިނުން މުހިއްމު ކަންކަމުގެތެރޭ ތެލުގެ ބާވަތްތައް ނުވަތަ 'ޑީޕް ފްރައިޑް' ކާނާތަކުގެ ބަދަލުގައި ގްރިލްޑް ނުވަތަ ފިހެފައި ހުންނަ ކާނާގެ ބާވަތްތައް ކެއުމުގައި ހިމެނިދާނެއެވެ.
ހާރުކެއުމުގައި ވެސް މެދު މިންވަރަކަށް ކެއުމުގެ ވައްޓަފާޅި ބެހެއްޓުމަކީ ސިއްހަތަށް އޭގެއިން ފައިދާތަކެއް ލިބި ކެއުންތައް އެއްމިނެއްގައި ހިފެހެއްޓުމަށް އެހީވެދޭ ކަމެކެވެ.
އެގޮތުން ހާރު ދަމަށް އޯޓްސް، ހޯލް ވީޓް ބްރެޑް ނުވަތަ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ ކެއުން ހިމަނާލުން ރަނގަޅެވެ. ހަމައެއާއެކު ކޮންމެވެސް ކަހަލަ ބަދަނުގެ ވައްތަރެއް ކެއުމުގައި ހިމަނާލުމަކީ ވެސް ހަށިގަނޑަށް ހަކަތަ އިތުރުކޮށްދޭނެ ކަމެއް ކަމަށް މި ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.
އެހެން މަސްތަކެކޭ އެއްގޮތަށް ރަމަޟާން މަހު ކަސްރަތު ކުރުމަކީ ވެސް ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމުގެ އިތުރުން ސިކުނޑިއަށް ވެސް ހަމަޖެހުމެއް ލިބޭނެ ކަމެކެވެ.
އާދައިގެ އެހެން މަސްތަކާ ޚިލާފަށް ރަމަޟާން މަހު ލުއި ކަސްރަތެއް ކޮށްލުމަކީ ވެސް ބަރުދަން ލުއިކޮށްލުމަށް މަސައްކަތް ފެށުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ. ރަމަޟާން މަހު ރޯދައަށް ހުންނަނަމަ ކަސްރަތުކުރުން އެންމެ ރަނގަޅީ ރޯދަވީއްލުމުގެ ކުރިން ނުވަތަ ތަރާވީސް ވަގުތަށް ފަހުއެވެ.