ރޯދަމަހަށް ހޭރިޔާ ގްރޫޕުން މަދަހަ އަލްބަމެއް

މި އަހަރުގެ ރޯދަ މަހަށް ޚާއްސަކޮށްގެން ރާއްޖޭގެ މަގުބޫލު ބޮޑުބެރު ގްރޫޕު "ހޭރިޔާ" އިން މަދަހަ އަލްބަމެއް ނެރެފިއެވެ.

މަދަހަ އަކީ ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ހޯދާ މީޑިއާއެކެވެ. އެގޮތުން ތަފާތު އާޓިސްޓުން ރޯދަ މަހާ ދިމާކޮށް މަދަހަ ސިންގަލްތަކުގެ އިތުރުން އެކި މަދަހަތަކުގެ ކަވަރުތައް ރިލީޒްކުރެއެވެ.

މިފަހަރު ރޯދަ މަހާ ދިމާކޮށް ހޭރިޔާ ބޮޑުބެރު ގްރޫޕުން ރިލީޒްކޮށްފައިވަނީ "ފިތުރަތު: އެކޯސް އޮފް ފެއިތު"ގެ ނަމުގައި މަދަހަ އަލްބަމެއް ވަނީ ރިލީޒްކޮށްފައެވެ.

އަލަށް ރިލީޒްކޮށްފައިވާ އަލްބަމަކީ ސައުންޑްކްލައުޑާއި ޔޫޓިއުބުން ހިލޭ އަޑުއަހާލެވޭނެ އަލްބަމެކެވެ. އަލަށް ނެރުނު އަލްބަމްގައި ދެ މަދަހައެއް ހިމެނެއެވެ.

ފުރަތަމަ މަދަހައަކީ، "ލައުހާއި ފިތުރަތް" އެވެ. މި މަދަހަ ކިޔާފައިވަނީ އަހްމަދު އިޝާމެވެ. ދެވަނަ މަދަހައަކީ "މާތް ރަސޫލާ" އެވެ. މި މަދަހަ ކިޔާފައިވަނީ ޝާން ޝަރީފެވެ. ފުރަތަމަ މަދަހައިގެ ޅެން ހަދާފައިވަނީ އީސާ ޝަރީފެވެ. އަދި ދެވަނަ މަދަހައިގެ ޅެން ހަދާފައިވަނީ ހަތިފުށި ޝާކިރެވެ.

މި އަލްބަމްގެ ރެކޯޑިން އަދި މިކްސިންގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ހޭރިޔާ ގްރޫޕުންނެވެ.

އަދި ދެ މަދަހަ ނެރެފައިވި ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ގްރޫޕުން އިތުރު މައުލޫމާތުތަކެއް ނެރޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހި ޒުވާނުންގެ ޓީމެއް ހިމެނޭ ހޭރިޔާ އުފެދިފައިވަނީ 2010 ވަނަ އަހަރުގައެވެ. ރ. އަތޮޅުގެ ޒުވާނުންގެ ޓީމަކުން "ފުރާވަރު ބޮޑުބެރު"ގެ ނަމުގައި 2010 ގައި އުފެއްދި މި ގްރޫޕު ހޭރިޔާ އަށް ބަދަލު ކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މި ގްރޫޕުން މިހާރު ވަނީ ގާތްގަނޑަކަށް 600 އަށްވުރެ ގިނަ ޝޯ މިހާރު ދީފައެވެ.

comment ކޮމެންޓް