މި އަހަރުގެ ރަމަޟާންމަހު ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ފެން ބިލުތައް ބިލްތައް "އާންމު މަހަކަށްވުރެ ބޮޑުނުވާނޭ ގޮތުގެ މަތިން" ޑިސްކައުންޓު ދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
މި އަހަރުގެ ރަމަޟާންމަހުގައި ވެސް ކަރަންޓާއި ފެންބިލުން ޑިސްކައުންޓު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ނިންމަވައިފައެވެ.
މި ކަމާ ގުޅިގެން އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވަނީ ރަމަޟާންމަހު ފެންބިލުން ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފައެވެ.
އާންމު މަހަކަށްވުރެ ބޮޑުނުވާނޭ ގޮތަށް މި ރަމަޟާންމަހު ފެންބިލުން ޑިސްކައުންޓު ދޭން ނިންމާފައިވާއިރު، އާންމު މަހެއްގައި ފެނާއި ކަރަންޓު ބިލުގެ މިންވަރުކަމުގައި ބަލާނީ 2024ވަނަ އަހަރުގެ ފެބްރުއަރީ މާރިޗް އަދި އޭޕްރީލް މަސް ނުހިމަނައި، އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވަރެޖެވެ.
އެމްޑަބްލިއުއެސްސީން ބުނީ ބިލުން އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލްމަހު ފޮނުވާ ބިލުގެ 10 ޕަސެންޓަށްވުރެ ކުޑަ މިންވަރެއް ކަމުގައިވާނަމަ 10 ޕަސެންޓާ އެއްވަރަށް ޑިސްކައުންޓުގެ މިންވަރު މަތިކޮށްދޭނެ ކަމަށެވެ. އަދި އޭޕްރީލްމަހު ފޮނުވާ ބިލު، އާންމު މަހުގެ ބިލަށްވުރެ ކުޑަނަމަ، ޑިސްކައުންޓުގެ ގޮތުގައި އޭޕްރީލްމަހު ފޮނުވާ ބިލުން ވެސް 10 ޕަސެންޓު ޑިސްކައުންޓު ދޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އޭޕްރީލްމަހުގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި، ކުރިން ރެޖިސްޓާ ކުރެވިފައިވީ ނަމަވެސް، މިހާތަނަށް ބިލް ކުރެވިފައިނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ 2025ގެ އޭޕްރީލްމަހުގެ ބިލްކަމުގައިވާނަމަ، އެ ފަދަ ފަރާތްތަކަށް ވެސް އޭޕްރީލްމަހު ފޮނުވާ ބިލުން 10 ޕަސެންޓު ޑިސްކައުންޓު ދިނުމަށް ވަނީ ނިންމައިފައެވެ.
އެމްޑަބްލިއުއެސްސީން ބުނީ، މި ކަމާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވައިގެން ނުވަތަ 1050 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ މެއިލް ކޮށްގެން އެހީތެރިކަން ހޯދޭނެއެވެ.
މީގެ އިތުރުން މި ރަމަޟާންމަހު ކަރަންޓު ބިލުން ވެސް މަދުވެގެން 10 ޕަސެންޓު ޑިސްކައުންޓު ދޭނެ ކަމަށް ސްޓެލްކޯއިން ވެސް ބުނެފައިވެއެވެ.
ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން މިދިޔަ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓް ދީފައިވެއެވެ.