ހުޅުމާލޭގެ ގްރޭންޑް ޕާކްސައިޑްގައި ބޭއްވި އިމާރާތްކުރުމުގެ ސިނާއަތުގެ ފޯރަމް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ބައިވެރިވެއްޖެއެވެ.
މި ފޯރަމަކީ އިމާރާތްކުރުމުގެ ދާއިރާގެ ތަރައްގީއާއި، ދިމާވާ ގޮންޖެހުންތަކާއި އަދި ލިބެންހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ދާއިރާގެ މާހިރުންނާއި ހިއްސާދާރުން ބައިވެރިވެވަޑައިގެންނެވި ފޯރަމެކެވެ.
މި ފޯރަމްގައި އެލައިޑްގެ ފަރާތުން ކަސްޓަމާ ސާވިސްގެ މެނޭޖަރު ހުސެއިން ސަވާދު ވަނީ، ދުނިޔޭގެ ހަމަނުޖެހުންތަކުގެ ސަބަބުން ސަޕްލައި ޗެއިންތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބޭއްވި ޕެނަލް މަޝްވަރާއެއްގައި ވާހަކަދައްކަވާފައެވެ. އޭނާ ވާހަކަދެއްކެވީ "ރީ-އެންޖިނިއަރިން ސަޕްލައި ޗެއިންސް އިން އެން އޭޖް އޮފް ގްލޯބަލް ކޮންފްލިކްޓް" މި މައުޟޫޢުގެ މައްޗަށެވެ.
މީގެ އިތުރުން، އެލައިޑްގެ އެސިސްޓެންޓް މެނޭޖަރު އޮފް ސޭލްސް މަރިޔަމް އަސްނާ ވެސް ވަނީ މި ފޯރަމްގައި ވާހަކަދައްކަވައި، "ސޭފްގާޑް ޔޯ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސް" ގެ ނަމުގައި ޚާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.
މި ޕްރެޒެންޓޭޝަނުގައި، އިމާރާތްކުރުމުގެ މަޝްރޫޢުތައް ކުރިއަށްދާއިރު ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި އެކަށީގެންވާ އިންޝުއަރެންސް ހައްލުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.
އެލައިޑުން ހާމަކުރި ގޮތުގައި، މިފަދަ ފޯރަމްތަކުގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތުގެ ހިއްސާދާރުންނާއެކު އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެހީތެރިވުމެވެ.
އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި 1985 ވަނަ އަހަރު އުފެދުނު އެލައިޑް އިންޝުއަރެންސްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިންޝުއަރެންސް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.
މި ކުންފުނިން އިމާރާތްތަކާއި، އުޅަނދުފަހަރާއި، މުދަލާއި، ވިޔަފާރިތަކަށް ބޭނުންވާ ޖެނެރަލް އިންޝުއަރެންސްގެ އިތުރުން ސިއްޙީ އިންޝުއަރެންސާއި އިސްލާމީ ޝަރީޢަތާ އެއްގޮތަށް އަޔާދީ ތަކާފުލްގެ ޚިދުމަތް ފޯރުކޮށްދެމުން ދާއިރު، އެ ކުންފުންޏަކީ ރާއްޖޭގެ އިގްތިޞާދީ އަދި އިޖުތިމާޢީ ދާއިރާތަކަށް ދިމާވެދާނެ މާލީ ނުރައްކާތަކުން ރައްކާތެރިކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.