މާލޭ ނޯތު ހާބަރު ސަރަހައްދުގައި އޮޕަރޭޝަން ކުރަނގީގެ ޚާއްސަ ހަރަކާތެއް މިއަދު ހޯމް މިނިސްޓްރީން ފަށައިފިއެވެ.
މާލޭ ނޯތު ހާބަރު ސަރަޙައްދާއި، ލޯކަލް މާރުކޭޓް އަދި އަތޮޅު ފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަކޮށް، މި ހަރަކާތް ކުރިއަށްގެންދާނީ މިއަދު މެންދުރުފަހު، 14:00އިން މިރޭގެ 22:00އަށެވެ.
މި ހަރަކާތް ކުރިއަށްގެންދާނީ، ނޯތު ހަބާރުގައި ހުންނަ، ދަ ޝޮޓް ހާބަރު ރެސްޓޯރަންޓް ސަރަޙައްދުގައެވެ. އެހެން ކަމުން މި ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން، މި ހަރަކާތުގައި ބައިވެރިކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ހޯމް މިނިސްޓްރީން ވަނީ އެދިފައެވެ.
މާލެ ނޯތު ހާބަރު ސަރަހައްދުގައި އޮޕަރޭޝަން ކުރަނގީގެ ޚާއްސަ ހަރަކާތެއް މިއަދު ކުރިއަށްގެންދަން ނިންމާފަވާއިރު މާލެ ސަރައްޙައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ނިންމުމަށް ހޯމް މިނިސްޓްރީން ވަނީ ދާދި ފަހުން އެދިފައެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މަސައްކަތް މާރިޗު އެއްވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.
އަދި ރިޒޯޓްތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށާއި، އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މި އަހަރުގެ އޭޕްރީލް 15ވަނަ ދުވަހުގެ ކުރިން އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާ އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމުގައި ވުޒާރާގެ އިއުލާނުގައިވެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ކ. ހިންމަފުށީގައެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީ ވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، ގައުމުގެ އާބާދީ ފަސް ލައްކައަށް އަރާއިރު އޭގެ ތެރޭގައި 132,371 ބިދޭސީން ހިމެނެއެވެ.
ނުގަވައިދުން ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު، އެ މީހުން ގާނޫނުގެ ތެރެއަށް ގެނައުމަށް މި ސަރުކާރުން އޮޕަރޭޝަން ކުރަނގި ފަށައިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހެވެ.
އެ ހަރަކާތުގެ ތެރެއިން، ބިދޭސީން ވަޒީފާ އަދާކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށްތޯ ޔަގީން ކުރެއެވެ.