ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކިކުރާ ބިލު ތަސްދީގުނުކުރަން ބާ ކައުންސިލުން ގޮވާލައިފި

ބާ ކައުންސިލްގެ 2025 ވަނަ އަހަރުގެ އޭޖީއެމް: ލު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވަން ރައީސަށް ބާ ކައުންސިލްގެ ސިޓީއެއް -- ފޮޓޯ/ ބާ ކައުންސިލް

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ތަސްދީގުނުކުރައްވައި، އެ ބިލު އަލުން އިސްލާހުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުއްވައިދެއްވުމަށް އެދި ބާ ކައުންސިލްގެ ސިޓީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފިއެވެ.

ބާ ކައުންސިލުން ބުނީ އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން، ރައުޔާއި މައުލޫމާތު ހާމަކުރުމަކީ އެ ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެހެންކަމުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ގޮތަށް މިއަދު މަޖިލީހުން ފާސްކުރި ބިލުގައި އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ބޮޑެތި ކަންބޮޑުވުންތަކެއް ރައީސުލްޖުމްޙޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީއާއި، ބަންޑާރަނައިބުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ހިއްސާކޮށްފައިވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން ބުނީ ކޯޓުތަކުގެ ގާނޫނަށް އެ އިސްލާހު ހުށަހެޅި ސަބަބާއި، އެ އިސްލާހުން ހާސިލުކުރަން ގަސްތުކުރާ މަގުސަދު ސާފުކޮށް އެނގެން ނެތް ކަމަށެވެ. ދައުލަތުގެ އެއް ބާރާ ގުޅުންހުރި ކަމެއްގައި ގާނޫނު އިސްލާހުކުރާ ހާލަތުގައި އެ އިސްލާހު ގެންނަން ބޭނުންވާ ސަބަބާއި، އެ އިސްލާހުން ހާސިލުކުރަން ބޭނުންވާ މަގުސަދަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށް އެނގިފައި އޮތުމަކީ ދެފުށް ފެންނަ، ދިމިގްރާތީ މުޖުތަމައުއެއްގައި އަމަލުކުރަންވާނެ ގޮތް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

https://sun.mv/203060

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫންކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް އައްޔަނުކޮށްފައިވާ ފަނޑިޔާރުން ފާއިތުވެދިޔަ ވެރިކަމުގެ ދައުރުތަކުގައި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން ވަކިކުރުމުގައި މާޒީގައި ކަންހިނގާފައިވާ ގޮތާއި އެއްގޮތް ކަންކަން އިއާދަވުމަކީ އެ ކައުންސިލުން ކަންބޮޑުވާކަމެއް ކަމަށް ވަނީ ބުނެފައެވެ.

އެ އިސްލާހަކީ ގާނޫނުއަސާސީގެ 148، 149 އަދި 154 ވަނަ މާއްދާއާ ޚިލާފު، ގާނޫނީ އަދި ދުސްތޫރީ ހަމަތަކާ ޚިލާފު އިސްލާހުތަކެއްކަމުގައި އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެއީ ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވޭ ޣައިރު ދުސްތޫރީ އިސްލާހެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އަދި އެ އިސްލާހުގައި ސުޕްރިމް ކޯޓުގައި މިހާރު މަސައްކަތްކުރާ ހަތް ފަނޑިޔާރުންގެ ތެރެއިން ކޮންމެވެސް ދެ ފަނޑިޔާރަކީ، ފަނޑިޔާރުކަމުގެ މަގާމަށް ގާބިލު ނޫން ފަރާތެއް ކަމަށް ކަނޑައަޅައި މަޖިލީހަށް ފަސް ދުވަސްތެރޭ އެންގުމަށްވެއެވެ. އެކަން ފާހަގަކުރައްވައި އެ ކައުންސިލުން ބުނީ އެއީ ގާނޫނުއަސާސީއާއި ޖޭއެސްސީގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ.

...ބިލަކީ ޣައިރު ދުސްތޫރީ ބިލެއްކަމުގައި މި ކައުންސިލުން ދެކޭތީ، މި ބިލު ތަސްދީގުކުރެއްވުމުގެ ބަދަލުގައި، އެ ބިލަށް ނަޒަރުކޮށްދެއްވައި، އެ ބިލާމެދު އަލުން ވިސްނަވައި، ބިލު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވުމަށް އެދި ރައީސުލްޖުމްޙޫރިއްޔާއަށް މި ކައުންސިލުން ސިޓީއަކުން ދަންނަވައިފިން. [އަދި] އެ އިސްލާހު އެގޮތުގައި ފާސްނުކުރުމަށް ބަންޑާރަނައިބު އަންގަވައިދެއްވުމަށް އެދި ސިޓީއަކުން ދަންނަވާފައިވާނެ،ބާ ކައުންސިލް

ބާ ކައުންސިލުން ބުނީ ގާނޫނީ ފަންނުގެ ގާނޫނުގެ އަސާސްތައް ކަމަށްވާ އަދުލު އިންސާފު ގާއިމުކުރުމަށް ގާނޫނީ ވަކީލުންގެ މައްޗަށް އޮންނަ ޒިންމާއާއި، ގާނޫނީ ވަކީލުންގެ ސުލޫކު ހިފެހެއްޓުމަށް އޮންނަ މަސްއޫލިއްޔަތާ އެއްގޮތަށް އަމަލުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެ އުސޫލާ ޚިލާފަށް ތަރުތީބުކުރެވޭ ކަންކަމުގައި ބައިވެރިނުވުމަކީ ބާ ކައުންސިލްގެ އާންމު މެންބަރުންނާއި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އެދުމެއްކަމުގައި ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިޚާބުކޮށްފައިވާ މެންބަރަށް އެ ކައުންސިލުން ސިޓީއަކުން އެދިފައިވާނެ ކަމަށެވެ.

އެ ބިލު ފާސްކުރިއިރު މިއަދު ހެނދުނު 11:00 އަށް އޮތީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުމާމެދު ގޮތެއް ނިންމަން އަޑުއެހުމެއް ތާވަލުކޮށްފައެވެ. ނަމަވެސް އެ އަޑުއެހުން ފެށުމުގެ ކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިފައިވާ ކަމަށާއި، އެހެންވެ އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެފައެވެ.

ސަސްޕެންޑުކޮށްފައިވަނީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.

comment ކޮމެންޓް