ހަމަލާ އުފެއްދިޔަސް ލާޒިއޯއަށް ލަނޑެއް ނުޖެހުނު، ސެމީގައި 2 މިލާންގެ ކުރިމަތިލުމެއް

ކޮޕާ އިޓާލިއާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އިންޓާ މިލާން ޖާގަ ހޯދައިފިއެވެ.

ސެމީ ފައިނަލުން އިންޓާއިން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި 2-0 އިން ލާޒިއޯ ބަލިކޮށްފައެވެ.

މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދީ ލާޒިއޯއިންނެވެ. އެކަމަކު، އިންޓާގެ ޑިފެންސް ފޫއަޅުވައިލެވޭގޮތެއް ނުވިއެވެ. އިންޓާއަށް އެއާ ހިލާފަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ ވެސް ދެ ހަމަލާއެވެ. އެ ދެ ހަމަލާ ވެސް ވީ ގޯލަކަށެވެ.

ފުރަތަމަ ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި އިންޓާއަށް ކާމިޔާބުކޮށްދީ ލީޑު ނަގައިދިނީ މާކޯ އަނޯޓޮވިޗެވެ. ދެވަނަ ލަނޑު 77 ވަަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ ހަކާން ޗަލަނޮގްލޫއެވެ.

މި ކާމިޔާބީއާ އެކު އިންޓާއަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައިވާއިރު ސެމީ ފައިނަލްގައި އެ ޓީމަށް ވާދަކުރަން ޖެހިފައިވަނީ އެއް ސިޓީއަކަށް ނިސްބަތްވާ ވާދަވެރި އޭސީ މިލާނާއެވެ.

މުބާރާތުގެ ސެމީ ފައިނަލުން މިލާން ޖާގަ ހޯދާފައިވަނީ މި މަހު ހަވަނަ ދުވަހު 3-1 އިން އޭއެސް ރޯމާ ބަލިކޮށްގެންނެވެ.

އިންޓާއާއި މިލާން ބައްދަލުކުރާ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ކުޅޭނީ އަންނަ މަހުގެ ދެވަނަ ދުވަހެވެ. ދެވަނަ ލެގު ކުޅޭނީ އަންނަ މަހުގެ 23 ވަނަ ދުވަހެވެ. ނަމަވެސް، ދެ ޓީމަކީ ވެސް އެއް ސްޓޭޑިއަމެއް ބޭނުން ކުރާ ދެ ޓީމުކަމުން މި ދެ މެޗު ވެސް ކުޅޭނީ ސެންސީރޯ ސްޓޭޑިއަމްގައެވެ.

ސެމީފައިނަލްގެ ދެވަނަ މެޗުން ބޮލޯނިއާ މިހާރު ޖާގަ ހޯދާފައިވާއިރު ފަހު ޖާގަ ކަށަވަރުވާނީ މިރޭ ޔުވެންޓަސްއާއި އެމްޕޯލީ ބައްދަލުކުރާ މެޗަށް ފަހެވެ.

comment ކޮމެންޓް