ގޫގުލް ޑްރައިވްގައި ވީޑިއޯތައް ބެލުމަށް ފަސޭހަކުރުމަށް އައު ފީޗަރެއް ތަޢާރަފuކޮށްފިއެވެ.
"ވީޑިއޯ ޓްރާންސްކްރިޕްޓް" ކިޔާ މި ފީޗަރަކީ މިދިޔަ އަހަރު ތަޢާރަފުކުރި އޮޓޮމެޓިކް ކެޕްޝަން ފީޗާގެ އަޕްގްރޭޑެކެވެ.
ގޫގުލްއިން ފާހަގަކޮށްފައިވާ ގޮތުން، މި ފީޗާ މެދުވެރިކޮށް ޔޫޒަރުންނަށް ވީޑިއޯތަކުގެ ޓްރާންސްކްރިޕްޓް ބަލައި ސާޗް ކުރެވޭނެއެވެ. މިކަމުން ވީޑިއޯގެ ވަކި ބައެއް ހޯދުމަށް ފަސޭހަވާނެއެވެ. އެއީ ޖުމްލައެއްގައި ޓެޕް ކުރުމުން، ވީޑިއޯ އެ ވަގުތަށް ބަދަލުވާނެތީއެވެ. މި ފީޗާ މިހާރު ގޫގުލް ޑްރައިވް ހުރިހާ ޔޫޒަރުންނަށް ރޯލްއައުޓް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ވޯކްސްޕޭސް ބްލޮގް ޕޯސްޓެއްގައި މި އައު ފީޗާ ގޫގުލްއިން އިޢުލާންކޮށްފައިވާއިރު، ގޫގުލްއިން ބުނީ އަޑު ދެނެގަތުމުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިފީޗާއިން އޯޑިއޯ ޓްރާންސްކްރައިބް ކުރެވޭނެކަމަށެވެ. ނަމަވެސް މި ފީޗާ ބޭނުންކުރެވޭނީ ވާހަކަދައްކާފައިވާ ވީޑިއޯތަކުގައްޔާއި، އިނގިރޭސި ބަހުން ހުންނަ ވީޑިއޯއަށް އެކަންޏެވެ.
އެ ކުންފުނިން އެހެން ބަސްތަކަށް ވެސް މި ފީޗާ ފުޅާކުރުމުގެ ޕްލޭން އޮތްކަމަށް ބުނިނަމަވެސް، އަދިއެކަން ފެށިފައެއްނުވެއެވެ.
އޮޓޮމެޓިކް ކެޕްޝަން ފީޗާއިން ވީޑިއޯ ޕްލޭކުރާއިރު ކެޕްޝަން ފެންނަން ހުއްޓަސް، މީގެކުރިން ޓްރާންސްކްރިޕްޓް ވަކިން ބެލޭގޮތެއް ނުވެއެވެ. މިހާރު މި އައު އަޕްޑޭޓާއެކު އެކަން ވަނީ ފަހިވެފައެވެ.
ގޫގުލް ޑްރައިވްގައި ވީޑިއޯއެއް ޕްލޭކުރާއިރު، ކަނާތްފަރާތުގައި ހުންނަ ސައިޑް ޕެނަލްގައި ޓްރާންސްކްރިޕްޓް ހުޅުވޭނެއެވެ.
މި ޓްރާންސްކްރިޕްޝަންތައް ވަގުތާއެކު ދައްކައިދޭނެއެވެ. ޖުމްލަތައް ވަކިވަކިން ލިސްޓުގައި ހިމެނިފައިވާނެއެވެ. ސައިޑް ޕެނަލްގައި ސާޗް ބާއެއްވެސް ހުންނާނެއެވެ.
ޔޫޒަރުންނަށް ޓްރާންސްކްރިޕްޝަން ސްކްރޯލްކޮށް ނުވަތަ ވަކި ބަސްތަކެއް ސާޗްކޮށްގެން ވަގުތު ހޯދިދާނެއެވެ. ޖުމްލައެއްގައި ކްލިކްކުރުމުން ވީޑިއޯ އެ ވަގުތަށް ދިއުމުން، ޔޫޒަރުންނަށް ބޭނުންވާ ބައި ފަސޭހައިން ހޯދިދާނެއެވެ.
މި ފީޗާ ބޭނުންކުރުމަށް، ޔޫޒަރުން ފުރަތަމަ ގޫގުލް ޑްރައިވްގައި ވީޑިއޯއެއް ޕްލޭކުރަންވާނެއެވެ. ސެލެކްޓްކުރާ ވީޑިއޯގައި އޮޓޮމެޓިކް ކެޕްޝަން ހުރިކަން ކަށަވަރުކުރަންވާނެއެވެ. މިކަން ޗެކްކުރެވޭނީ ވީޑިއޯ ޕްލޭޔާގެ ތިރީ ކަނާތްފަރާތުގައި ހުންނަ CC ބަޓަން ބަލައިގެންނެވެ.
އެއަށްފަހު، ތިރީ ކަނާތްފަރާތުގައި ހުންނަ ސެޓިންގްސް އައިކޮން ޓެޕްކުރުމުން 'ޓްރާންސްކްރިޕްޓް' އޮޕްޝަން ފެންނާނެއެވެ. މިއަށް ޓެޕްކުރުމުން ސައިޑް ޕެނަލް ހުޅުވޭނެއެވެ.