ގޫގުލްގެ މަޝްހޫރު ފެމިލީ ލިންކް އެޕް އަލުން ފަރުމާކޮށް އާ ޑިނައިޒާއެކު ނެރެފިއެވެ.
މައިންބަފައިންނަށް ދަރިންގެ ޑިވައިސްތަކާއި ސްކްރީން ޓައިމް ބެލެހެއްޓުމަށް ފަސޭހަވާނެ ގޮތަށް ގޫގުލްއިން ފަރުމާކޮށްފައިވާ ފެމިލީ ލިންކް އެޕް އަލުން އިތުރު ބަަދަލުތަކާއެކު ނެރެފައިވާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި އަޕްޑޭޓްގައި ގޫގުލްއިން ނިންމާފައިވަނީ މުހިންމު ޓޫލްތައް ފަސޭހައިން ފެންނާނެހެން ބެހެއްޓުމަށެވެ. މިގޮތުން، މައިންބަފައިންނަށް ދަރިންގެ ޑިވައިސްތަކުގެ ބޭނުންކުރާ ގޮތް އަވަހަށް ބަލައި، ބެލެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.
އެޕްގެ ފުރަތަމަ ޓެބް ވަނީ "ހައިލައިޓްސް" އިން "ސްކްރީން ޓައިމް" އަށް ބަދަލުކޮށްފައެވެ. މި ޓެބްގައި މައިންބަފައިންނަށް ފެންނާނީ ދަރިފުޅުގެ ޑިވައިސްގައި މިއަދު ހޭދަކުރި ވަގުތާއި އެންމެ ގިނައިން ބޭނުންކުރި އެޕްތަކެވެ. މި ބައިގައި ޓެޕްކޮށްލުމުން އެކި އެޕްތަކުގައި ހޭދަކުރި ވަގުތުގެ ތަފްސީލު ފެންނާނެއެވެ.

އާ ފަރުމާގައި ބޮޑެތި ބަދަލުތަކެއް ---
މީގެ އިތުރުން، ޑިވައިސް ލޮކްވެފައިވޭތޯ ނުވަތަ ބޭނުންކުރަމުންދޭތޯ ދައްކުވައިދޭ ކާޑެއް ވެސް ހިމަނާފައިވެއެވެ. އަދި ޑިވައިސް ވަގުތުން ލޮކްކުރުމަށް ޝޯޓްކަޓެއް ވެސް ލިބެން ހުންނާނެއެވެ. އެޕްތައް ބޭނުންކުރުމަށް ވަގުތު ކަނޑައެޅުމާއި ޝެޑިއުލްކުރުމުގެ ފީޗާތައް ވެސް ހިމަނާފައިވެއެވެ.
ފަހުގެ ބަދަލާއެކު ކޮންޓްރޯލްސް ޓެބް ހުންނާނީ މެދުގައެވެ. މި ބައި ވަނީ މެޓީރިއަލް ޔޫ ޑިޒައިން އަޕްޑޭޓްތަކާއެކު ސާފުކޮށް ފެންނަ ގޮތަށް ބަދަލުކޮށްފައެވެ. މި ބައިން ގޫގުލް އެކައުންޓް ސެޓިންގްސް، ގޫގުލް ޕްލޭ، ޔޫޓިއުބް، ގޫގުލް ކްރޯމް، ގޫގުލް ސާރޗް، ގޫގުލް ފޮޓޯސް، އަދި ލޮކޭޝަން ސެޓިންގްސް ފަދަ ގޫގުލްގެ އެކި ޚިދުމަތްތަކަށް ވަދެވޭނެއެވެ.
މި އަޕްޑޭޓާއެކު ގޫގުލްގެ ފެމިލީ ލިންކް އެޕް މެދުވެރިކޮށް މައިންބަފައިންނަށް ދަރިންގެ ޑިވައިސްތަކާއި ސްކްރީން ޓައިމް އިތުރަށް ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
ގޫގުލްގެ ފެމިލީ ލިންކް އެޕަކީ 2017 ވަނަ އަހަރު ތަޢާރަފުކުރެވުނު އެޕެކެވެ. މި އެޕް ފަރުމާކުރެވިފައިވަނީ މައިންބަފައިންނަށް ދަރިންގެ ޑިޖިޓަލް ދިރިއުޅުން ބެލެހެއްޓުމަށް އެހީތެރިވުމަށެވެ. އެޕް މެދުވެރިކޮށް މައިންބަފައިންނަށް ދަރިންގެ ޑިވައިސްތަކުގައި އެޕްތައް އިންސްޓޯލްކުރުމާއި، ސްކްރީން ޓައިމް ބެލެހެއްޓުމާއި، ލޮކޭޝަން ޓްރެކްކުރުމުގެ އިތުރުން އެހެނިހެން ގިނަ ކަންކަން ކުރެވެއެވެ.
މިފަދަ އެޕްތަކުގެ ބޭނުން އިތުރުވަމުން އައުމާއެކު، ގޫގުލްއިން ވަނީ ގަވާއިދުން މި އެޕަށް އައު ފީޗާތަކާއި އިސްލާހުތައް ގެނެސްފައެވެ. މިފަހަރުގެ އަޕްޑޭޓަކީ އޭގެ ތެރެއިން އެންމެ ފަހުގެ އަޕްޑޭޓެވެ.