ޖެމިނައިއަށް ލައިވް ވީޑިއޯ އަދި ސްކްރީން ޝެއަރިން ފީޗާ ތައާރަފުކުރަނީ

ޖެމިނައި ޗެޓްބޮޓް - ދިރިއުޅުމުގެ އެތައް ހައްލެއް

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ގޫގުލްއިން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް ކަމުގައިވާ ޖެމިނައިއަށް ދެ މުހިންމު ފީޗަރެއް ތައާރަފުކުރަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ. މި ދެ ފީޗަރަކީ ލައިވް ވީޑިއޯ އަދި ސްކްރީން ޝެއަރިންއެވެ.

މި ފީޗަރުތައް ފުރަތަމަ ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ގޫގުލް އައި/އޯ ކޮންފަރެންސްގައެވެ. ގޫގުލް ޑީޕްމައިންޑްގެ "ޕްރޮޖެކްޓް އަސްޓްރާ"ގެ ދަށުން ތަރައްގީކޮށްފައިވާ މި ފީޗަރުތަކުގެ ސަބަބުން، ބޭނުންކުރާ މީހާގެ ވަށައިގެންވާ މާހައުލާއި ޑިވައިސްއާ ގުޅޭ ސުވާލުތަކަށް ޖެމިނައިއަށް ވަގުތުން ޖަވާބު ދެވޭނެއެވެ.

ގޫގުލްއިން ކުރިން ބުނެފައިވަނީ މި ފީޗަރުތައް މާރިޗު މަހުގެ ތެރޭގައި ތަޢާރަފުކުރާނެ ކަމަށެވެ. އެގޮތުން، މި ފީޗަރުތައް ޖެމިނައި އެޑްވާންސްޑް ސަބްސްކްރައިބަރުންނަށް، މޮބައިލް އެޕްލިކޭޝަންތަކުގައި މިހާރު ލިބޭނެކަމަށް ގޫގުލްއިން ބުނެއެވެ.

ގޫގުލްގެ ތަރުޖަމާނު އެލެކްސް ޖޯސެފް ދަ ވާޖްއަށް ދީފައިވާ މައުލޫމާތުގައި، މި އައު އާޓިފިޝަލް އިންޓެލިޖެންސް ފީޗަރުތައް ޖެމިނައި ލައިވްއަށް ތައާރަފުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ސްކްރީން ޝެއަރިންގެ އިތުރުން، ބޭނުންކުރާ މީހާގެ ޑިވައިސްގެ ކެމެރާއަށް ޖެމިނައިއަށް އެކްސެސް ލިބި، އެ މީހަކު ދައްކާ އެއްޗަކާ ގުޅޭ ސުވާލުތަކަށް ވަގުތުން ޖަވާބު ދެވޭނެކަމަށް ޖޯސެފް ބުނެފައިވެއެވެ.

ޖެމިނައި ލައިވް ވީޑިއޯ ފީޗަރަކީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީއަށް ތައާރަފުކޮށްފައިވާ އެޑްވާންސްޑް ވޮއިސް މޯޑް ވިތް ވިޝަން ފީޗާއާއި ރޭ-ބޭން މެޓާ ސްމާޓް ގްލާސަސްގެ ރިއަލް-ޓައިމް ވީޑިއޯ ފީޗާއާ ވަރަށް އެއްގޮތް އެއްޗެކެވެ.

ގޫގުލްގެ ޖެމިނައި އަކީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ތައާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓެކެވެ. މިއީ ކުރިން ބާޑްގެ ނަމުގައި އޮތް ޗެޓްބޮޓް އަޕްގްރޭޑްކޮށް، އިތުރު ގާބިލިއްޔަތުތަކަކާއެކު ނެރެފައިވާ ވާޝަނެކެވެ.

ޖެމިނައި ފަރުމާކޮށްފައިވަނީ ޓެކްސްޓް، އިމޭޖް، އޯޑިއޯ އަދި ވީޑިއޯ ފަދަ ގިނަ ބާވަތްތަކުގެ ޑޭޓާ ޕްރޮސެސްކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ މަލްޓިމޯޑަލް މޮޑެލްއެއްގެ ގޮތުގައެވެ.

ގޫގުލްއިން މި އައު ފީޗަރުތައް ތައާރަފުކުރަމުންދަނީ އެހެން ކުންފުނިތަކާ ވާދަވެރި މާހައުލެއްގައި، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އިސް ދައުރެއް އަދާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

comment ކޮމެންޓް