ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާކަން ގަބޫލުކުރައްވާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު މިރޭ ވިދާޅުވެއްޖެއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ވަޒީރާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެރަށަށް ވަޑައިގެން ރައްޔިތުންނާއެކު ވަނީ ޖަލްސާއެއް ބާއްވާފައެެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ވަޒީރެއްގެ ހައިސިއްޔަތުން ހޮޅުދޫއަށް ދެވުން ލަސްވެއްޖެ ކަމަށާއި އެކަމަށްޓަކައި ހޮޅުދޫގެ އެންމެހައި ރައްޔިތުންގެ ކިބައިން ނިހާޔަތަށް މާފަށް އެދޭކަމަށެވެ. މިކަންކަން މިއަށްވުރެ ރަނގަޅަށް ކުރެވެން ވާނެކަން ގަބޫލުކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި އޮޓޮޕްސީ ނަހަދައި ޒަކިއްޔާ ވަޅުލާން ނިންމުމުން އެރަށުގެ ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ސުވާލު އުފައްދާފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ޑޮކްޓަރަކު ޒަކިއްޔާގެ ހަށިގަނޑު ބެއްލެވި ކަމަށެވެ. ނަމަވެސް، އޮޓޮޕްސީ ނަހަދާ ދޫކޮށްލި ދޫކޮށްލުމަކީ އެންމެ ރަނަގަޅު ގޮތް ކަމަށް ގަބަޫލު ނުކުރައްވާ ކަމަށް އިހުސާނު ވިދާޅުވިއެވެ.
ވަޒީރު ވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ރައްޔިތުން ކުރަމުންގެންދާ ސުވާލުތަކަށް ގަބޫލުކުރެވޭ ފެންވަރަށް ޖަވާބު ނުލިބެނީސް ތަހުގީގު ހުއްޓާނުލާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.
އަދި މި ތަހުގީގުގައި ނުލިބިހުރި އެއްވެސް މައުލޫމާތެއް އިތުރު މީހެއްގެ ފަރާތުން ލިިބިދާނެ ކަމަށް ގަބޫލުކުރައްވާނަމަ މާދަމާ އެ މައުލޫމާތު ހިއްސާކޮށްދެއްވުުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. ވަކިން ބައްދަލުކޮށް ޚިޔާލު ފާޅުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް މާދަމާ އޮންނާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެެވެ.
"އަޅުގަނޑު ދަންނަވާލާނަން ތިބޭފުޅުން ތި ދެންނެވިހެން ފުލުހުންގެ ބައެއް އިހުމާލުތައް އަޅުގަނޑު ގަބޫލުކުރަން ބައެއް ކަންކަން އެބަހުރި ވެފަ." ވަޒީރު އިހުސާނު ވިދާޅުވިއެވެ.
ޒަކިއްޔާގެ މަރުގެ ތަހުގީގުގައި އެއްވެސް މަރުހަލާއަކަށް ފުލުހުން ދޭންޖެހޭ އެއްބާރުލުމެއް ނުދީ ނުބާއްވާނޭ ކަމުގެ ޔަގީންކަން މިރޭ އެރަށުގެ ރައްޔިތުންނަށް ވަޒީރު އެރުވިއެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން ހޮޅުދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު އެންމެ ގިނަ ބަޔަކު ފާޅު ކުރި ކަންބޮޑުވުމަކީ ފުލުހުން "ކްރައިމް ސީން" ރޫޅާލިކަމަށް ތުހުމަތުކޮށް ފާޅުކުރާ ކަންބޮޑުވުމެވެ. އެގޮތުން ފޮރެންސިކް ޓީމުން އެރަށަށް އައުމުގެ ކުރިން ސީނަށް ހާޒިރުވި އާދައިގެ ފުލުހުން އެ ސީން ރޫޅާލާފައިވާކަމަށް އެރަށުގެ ރައްޔިތުން ތުހުމަތު ކުރެއެވެ.
މީގެ ކުރިން ފުލުހުން ވަނީ މި މައްސަލައިގެ އަދާހަމަ ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފުލުހުން ބުނީ، ޒަކިއްޔާގެ ކަރުގެ ކަނާތް އަދި ވައަތް ފަރާތަށް ފުންކޮށް ގިނަ ޒަޚަމްތަކެއް ލިބިފައި ހުރިކަމަށެވެ. އަދި ކަރުގައި މެދާއި ހިސާބުގައި ތިލަކޮށް އެއް ޒަޚަމް ލިބިފައިވާކަން ހާމަކޮށްފައި ވެއެވެ.
އޭނާ މަރުވެފައި އޮތް ސީންގައި އޭނާގެ ކައިރީ އޮތް ވަޅިއާއި އޭނާގެ ހެދުމުގައި ވެސް ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި އެ ވަޅީގައި ހުރި ލެއަކީ ޒަކިއްޔާގެ ލޭ ކަމަށް ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންނަމަވެސް ޒަކިއްޔާގެ ކަރުގައި ފެންނަން ހުރި ޒަޚަމްތަކަކީ އެ ވަޅިން ލިބިފައިވާ ޒަޚަމްތަކެއްތޯ ނުވަތަ ނޫންތޯ ފުލުހުން ހާމައެއްނުކުރެއެވެ. ފުލުހުން ބުނި ގޮތުގައި އެ މައުލޫމާތުތައް ހިއްސާކުރެވޭނީ މުޅި ތަހުގީގު ނިމުމުންނެވެ.
އޭގެ އިތުރުން ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ތަނަށް އިތުރު މީހަކު ވަދެ އޭނާއަށް ހަމަލާދިން ކަމުގެ އެއްވެސް ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޒަކިއްޔާގެ މަރުގެ ތަހުގީގުގެ އިތުރު އެއްވެސް އަދާހަމައެއް ރައްޔިތުންނަށް ނޭނގޭތީ އެ ރަށު ރައްޔިތުން އަންނަނީ ކޮންމެ ދުވަހަކުހެން ފުލުސް ސްޓޭޝަން ކުރިމަތީ އިހުތިޖާޖުކޮށް އަޑު އުފުލަމުންނެވެ.
އެގޮތުން އެ ރަށު ރައްޔިތުން އަންނަނީ މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިދާރާއާއި ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދާއި، ހޯމް މިނިސްޓަރު ވެސް ފެއިލްވެއްޖެ ކަމަށް ބުނަމުންނެވެ. އަދި މިނިސްޓަރު އިހުސާން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި އެ ރަށު ޕޮލިސް ސްޓޭޝަނުގައި ތަޅު އަޅުވަން ޖެހޭ ކަމަށް އެ މީހުން ބުނެފައިވެއެވެ.
މެދުނުކެނޑި ކުރި އިހުތިޖާޖުތަކަށް ފަހު އެރަށަށް ސީޕީއާއި ވަޒީރު ވަޑައިގަތީ މިއަދެވެ.