ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ނުދިނުމުން، ޕީއެންސީގެ ރަސްމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ބޭރުކޮށްލައިފިއެވެ.
ޕީއެންސީގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވަނީ މިކަން "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. މިކަމާ ގުޅިގެން އަޒާން އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ދެ ބޭފުޅުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
މިއަދު ބޭއްވި މަޖިލީސް ޖަލްސާގައި، ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމާ މެދު ވަނީ ވޯޓު ނަގާފައެވެ.
އެ ބިލު ބަލައިގަތުމާ މެދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ 76 މެންބަރުންނެވެ. އޭގެ ތެރެއިން 64 މެންބަރުންގެ ވޯޓާ އެކު ބިލު ބަލައިގެންއިރު ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންނެވެ. ޕީއެންސީގެ 10 މެންބަރުން އެ ބިލުގެ ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
މި ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނުމަށް އެ ޕާޓީގެ ޕީޖީން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ދެ މެންބަރަކު ވަނީ ވިޕާ ޚިލާފުވެފައެވެ. އެއީ:
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން
- އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު
މާލޭގައި ނެތުމުގެ ސަބަބުން މި ވޯޓުގައި ޕީއެންސީގެ ހަތް މެމްބަރަކަށް ބައިވެރިވެ ވަޑައިނުގަނެވުނެވެ. އެއީ:
- މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙިމް މުހައްމަދު
- މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު
- ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު
- ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
- ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
މިއަދު މަޖިލިސް ޖަލްސާ ނިންމުމަށްފަހު ޕީއެންސީގެ ޕީޖީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އެ ޕާޓީގެ ޕީޖީ ލީޑަރު ފަލާހް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް ގަސްތުގައި ވިޕްލައިނާ ހިލާފުވާ ބޭފުޅުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ފަލާހު މިފަދައިން ވިދާޅުވެފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުއްވައިފައެވެ. މި މެސެޖުގައި ވަނީ، ވޯޓުގައި ބައިވެރިވެވަޑައިނުގެން ޕީއެންސީގެ މެންބަރުން ކުރެއްވީ އެއްވެސް ފަހަރަކު އެއްވެސް މެންބަރަކު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށެވެ.
މި ބިލު މިއަދު ވަނީ ޖުޑީޝަރީ ކޮމިޓީން ވެސް ފާސްކޮށްފައެވެ. ނަމަވެސް، ޖުޑީޝަރީ ކޮމިޓީގައި ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް މި ބިލަށް ވޯޓު ދެއްވާފައެއް ނުވެއެވެ.
ސަރުކާރުގެ ހިންގާ ޕީއެންސީން، މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ފުށުއަރާ އިސްލާހެއް ކަމަށް ބުނެ، އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަކުރަން ހުށަހެޅީ އެ މައްސަލަ ބަލަމުން އަންނަނިކޮށެވެ.
އެ ބިލާ ގުޅޭ ގޮތުން ޕީއެންސީގެ މެންބަރުންގެ މެދުގައި ވެސް ނުތަނަވަސްކަން އޮތެވެ.
އެކަމަކު، އެ ބިލަށް ތާއީދުކުރަން ޕީއެންސީގެ ލީޑާޝިޕުން ނިންމައި، އެ ބިލަށް ވޯޓުދޭން އެ ޕާޓީގެ މަޖިލީސް މެންބަރުންނަށް ރޭ އެންގިއެވެ.