ފަނޑިޔާރުން ވަކިކުރުމުގެ ބިލު ކޮމިޓީން ފާސްކޮށްފި؛ 'ދިރާސާކުރަން ޖެހޭ ކަމެއް ނެތް'

ޖުޑީޝަރި ކޮމިޓީގެ ކުރީގެ ބައްދަލުވުން: ކޮމިޓީން ވަނީ، ފަނޑީޔާރުން ވަކިކުރުމުގެ ބިލު ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް މިއަދު ފޮނުވި ބިލް، އެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ސަރުކާރު ހިންގާ ޕީއެންސީން ހުށަހެޅި ބިލު މަޖިލީހުން މިއަދު ބަލައިގަނެ، ކޮމިޓީއަށް ފޮނުވީ ޕީއެންސީގެ 64 މެންބަރުންގެ ވޯޓުންވެެ.

އެ ބިލު ދިރާސާކުރުމަށް ޖުޑީޝިއަރީ ކޮމިޓީން ހަވީރު ބޭއްވި ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ ބިލު ނިންމުމުގެ ސުންގަޑިއެއްގެ ގޮތުގައި އޭޕްރިލް މަހުގެ 25 ކަނޑައަޅައި ދިނުމަށެވެ.

އެ ހުށަހެޅުމަށް، ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު، ހިތަދޫ ދެކުނު ދާއިރާގެ އިބްރާހީމް ނާޒިލް ތާއީދު ކުރެއްވިއެވެ.

އެއަށްފަހު މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތް ޕީއެންސީގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ ބިލުގެ މަސައްކަތް މިއަދުން މިއަދަށް ކުރިއަށްގެންގޮސް، ދިރާސާކޮށް ވަކި ގޮތަކަށް ނިންމައި ތަޅުމަށް ފޮނުވުމަށެވެ.

"މިއީ އަޅުގަނޑުމެން އަލަށް ކުރާ ކަމެއް ނޫން އަދި މީގެ ކުރީގައި ރައްޔިތުންގެ މަޖިލީހުގެ ދައުރުތަކުގައި ވެސް އެބަހުރި ކޮމިޓީތަކުން މިކަހަލަ މައްސަލަތައް ހަމަ ވީހާވެސް އަވަހަކަށް ކޮމިޓީގެ މަސައްކަތް ނިންމައި، ފްލޯއަށް ފޮނުވާފައި،" އޭނާ ވިދާޅުވިއެވެ.

އެ ހުށަހެޅުމަށް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ތާއިދު ކުރެއްވިއެވެ.

ޖުޑީޝިއަރީ ކޮމިޓީގައި މެންބަރު އަނާރާއާއި މެންބަރު ހުސްނީ މުބާރަކް: އެ ކޮމިޓީން ފަނޑިޔާރު ވަކިކުރުމުގެ ބިލް ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

އެ ހުށަހެޅުންތަކުގެ ތެރެއިން ފާސްވީ، ހަ ވޯޓުން، އަޣުލަބިއްޔަތު އޮތް ޕީއެންސީގެ ހުށަހެޅުމެވެ.

އެ ބިލަށް ވާހަކަ ދައްކަވަމުން ޕީއެންސީން ފާހަގަކޮށްފައިވާ ކަމަކީ، ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަކީ މީގެ ކުރިން ވެސް ކޮށްފައިވާ ކަމެއް ކަމާއި އެހެންވެ ދިރާސާ ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.

އެ ބިލް ހުށަހެޅުއްވި ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ، ބިލް ވީހާވެސް އަވަހަށް ފްލޯއަށް ހުށަހެޅުން އެއީ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަދި ހަމައެއާ އެއްކޮށް މީގެ ތާރީޚަށް ޖެހިލާ އިރުގައި ފަހަކުން ހަތަކަށް، ފަހަކުން ހަތަކަށް އެގޮތަށް ބަދަލުވެފައި ވެސް އެބަހުރި އޭގެ އިތުރަށް މި ބިލުގެ ސަބަބުން އަންނަ ބަދަލުތަކެއް ނެތުމާ އެކުގައި އަޅުގަނޑު ދެކެނީ އަޅުގަނޑު މި ހުށަހެޅި ގޮތަށް މި ބިލް ކޮމިޓީން ފާސްކޮށް މަޖިލިސް ފްލޯއަށް ފޮނުވުމުގައި އެއްވެސް ކަހަލަ ގާނޫނީ ހުރަހެއް ނުވަތަ އިތުރަށް ލަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް،" އަބްދުއްސައްތާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: އެ ކޯޓުން އަންނަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލަ ބަލަމުން --

އިދިކޮޅު އެމްޑީޕީން ފާހަގަކުރި މައްސަލަތަކަކީ، ބިލެއް ދިރާސާ ކުރުމަށް އާންމު އުސޫލުން އިތުރު ވަގުތު ދޭ ކަމާއި މި ބިލް ހުށަހަޅައިފައިވަނީ، މަޖިލީހާ ގުޅުން ހުރި މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް ކަމެވެ.

އެގޮތުން މައުރޫފް ވިދާޅުވީ، ޖުޑީޝިއަރީ ކޮމިޓީގައި މިހާރު ވެސް ވަރަށް ގިނަ ބިލުތައް އެބަހުރި ކަމަށާއި އާންމު އުސޫލަކީ ބިލަށް އާންމުންގެ ޚިޔާލު ހޯދައި، ކަމާ ގުޅޭ މުއައްސަސާތައް ހާޒިރުކޮށް، ދިރާސާ ކުރަން ވަގުތު ދިނުން ކަމަށެވެ.

މީގެ އިތުރުން ބިލާ ގުޅޭ ގޮތުން ޝަރުއީ އަދި ގާނޫނީ ދާއިރާގެ އެންމެން ވެސް ކަންބޮޑުވުން ފާޅުކުރާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އެއީ ކޮންމެ އިސްލާހަކަށް ވިޔަސް ވަރަށް ކުޑަކުޑަ ބަދަލެއް ކަމުގައި ވިޔަސް އެއީ މަޖިލީހުގެ ކޮމިޓީތަކުގައި އަމަލުކުރަމުންދާ އުސޫލު ވަކިން ޚާއްސަކޮށް މިހާރު މި ހުށަހެޅިގެން އުޅޭ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަަދަދު ހަތް ފަނޑިޔާރުން، ފަސް ފަނޑިޔާރުންނަށް ބަދަލު ކުރުމަށް ޓަަކައި ޚިޔާލު ތަފާތުވެފައި އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށް އެބަ ގަބޫލުކުރެވޭ،" އޭނާ ވިދާޅުވިއެވެ.

އެ ކޮމިޓީގައި ބިލުގެ މާއްދާތަކަށް ވޯޓަށް އަހަން ފުރަތަމަ މަސައްކަތް ކުރުމުން، ނާޒިލް ވަނީ ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ފުރުސަތަށް އެދިވަޑައިގެން އަޑުގަދަ ކުރައްވައިފައެވެ.

އެހާ ހިސާބުން، މުޅި ބިލަށް ވޯޓަށް އަހަން ވެސް މަސައްކަތް ކުރިއެވެ. އަދި ނިޒާރު ވަނީ، ނާޒިލް އަޑުގަދަ ކުރައްވާ ނަމަ ކޮމިޓީ ސިއްރު ކުރާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

އެއަށްފަހު، މައިކް ކަނޑާލައިގެން ވަގުތުކޮޅަކަށް ކުރިއަށްގެންދެވުމަށް ފަހު މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވަނީ ނާޒިލަށް ފުރުސަތު ދެއްވައިފައެވެ. ނާޒިލާއި މައުރޫފް އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރެއްވީ، ބިލް ދިރާސާ ކުރުމަށް ވަގުތުނުދީ ކޮމިޓީން ފާސްކުރުމާއި، ސުޕްރީމް ކޯޓުގައި މަޖިލީހާ ގުޅޭ މައްސަލައެއް އޮއްވައި ފާސްކުރަން މަސައްކަތް ކުރުމުންނެވެ.

އެއަށްފަހު ވަކިވަކި މާއްދާތަކަށް ކޮމިޓީގައި ވޯޓަށް އެހިއެވެ. އޭގެ ތެރެއިން ފުރަތަމަ މާއްދާ ކަމަށްވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތެކުން ފަހަކަށް މަދު ކުރުން ވޯޓަށް އެހުމުން ނާޒިލް އިސްލާހެއް ހުށަހެޅުއްވިއެވެ.

އެއީ ފަނޑިޔާރުންގެ އަދަދު ނުވައަކަށް އިތުރު ކުރުމަށެވެ. އެ ހުށަހެޅުމަށް މައުރޫފް ތާއިދު ކުރެއްވި ނަމަވެސް، ޕީއެންސީގެ މެންބަރުން ދެކޮޅަށް ވޯޓު ދެއްވިއެވެ.

އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް ވެސް ބިލާ ގުޅޭ ގޮތުން ޚިޔާލެއް ހުށަހެޅުއްވިއެވެ. އެއީ، ފަސް ވަނަ މާއްދާގެ (ނ)ގައިވާ، އެ އިސްލާހުގެ ދަށުން ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފަނޑިޔާރުންގެ ނަންތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ބުނެފައިވާ މާއްދާއަށެވެ.

އެ މާއްދާއާ ގުޅޭ ގޮތުން އަނާރާ ވިދާޅުވީ، ފަސް ދުވަހުގެ މުއްދަތަކީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އެއަށްވުރެ އިތުރަށް ވަގުތު ދޭން ފެންނަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭނާ އިސްލާހެއް ހުށަނާޅުއްވާތީ މާއްދާ އޮތް ގޮތަށް ވޯޓަށް އަހައި، ފާސްކުރީއެވެ.

އެ މާއްދާގައި އަނާރާ ހުންނެވީ ވަކިކޮޅަކަށް ނުޖެހިއެވެ.

ބާކީ މާއްދާތަކަށް ވަކިވަކިން ވޯޓަށް އެހުމަށްފަހު، މުޅި ބިލް އޮތް ގޮތަށް ފާސްކުރުމަށް ވޯޓަށް އެހުމުން ޕީއެންސީގެ ހަތް މެންބަރުން ތާއިދު ކުރެއްވިއެވެ. ބިލާ ދެކޮޅަށް އެމްޑީޕީގެ ދެ މެންބަރުން ވޯޓު ދެއްވިއެވެ.

ބިލަށް ވޯޓެއް އެހިއިރު ވެސް އަނާރާ ވަނީ ވަކިކޮޅަކަށް ވޯޓު ނުދެއްވަން ނިންމަވައިފައެވެ.

ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައިފައިވާ އަނާރާ އެ ބިލު ފާސްކުރުމުގައި ވަކި ކޮޅަކަށް ޖެހިވަޑައިގަންނަވަން ދެކޮޅުހެއްދެވިއިރު، މިއަދު އެ ބިލް ކޮމިޓީއަށް ފޮނުވަން ނެގި ވޯޓުގައި ބައިވެރިނުވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ވޯޓުގައި ބައިވެރިނުވުމަކީ އެއްވެސް ފަހަރަކު އެއްވެސް މެންބަރަކު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފައެވެ.

https://www.sun.mv/203032

ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ.

އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވެރިކަން ކުރާ ޕާޓީން ގާނޫނު އަސާސީ އިސްލާހު ކޮށްފައިވަނީ އެއް ދުވަހުގެ މަސައްކަތުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20ގައި ބިލުގެ ފުރަތަމަ ކިޔުން އިއްވައި، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން ފާސްކޮށް، ތަޅުމުން ވޭސް ފާސްކުރިއެވެ.

ހަމަ އެ ދުވަހު ރައީސް އެ ބިލް ތަސްދީގު ކުރައްވައި، ގާނޫނު އަސާސީ އިސްލާހު ކުރެއްވިއެވެ.

comment ކޮމެންޓް