މެންބަރުން ވަކިނުކުރެވޭ ގޮަތަށް ވަގުތީ އަމުރެއް ނެރެދީ މައްސަލަ އަވަސްކޮށްދޭން އެދިއްޖެ

ވިހިވަނަ މަޖިލީހުގެ މެންބަރުން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވައި، އިސްލާހަށް އަމަލުނުކުރުމުގެ ވަގުތީ އަމުރެއް ނެރެދޭން އެދިއްޖެއެވެ.

މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެއްވަން އެދިވަޑައިގަތީ މި ގާނޫނީ ވަކީލް، އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.

"ސަން"އާ ވާހަކަދައްކަވަމުން މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ މި އިސްލާހުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުގެ އެއްވެސް އިޖުރާތެއް ކުރިއަށް ނުގެންދިއުމުގެ ވަގުތީ އަމުރަކަށް އެދިފައިވާ ކަމަށެވެ.

ހަމައެއާއެކު މި މައްސަލަ ސުޕްރީމް ކޯޓުގައި އަވަސްކޮށް ދިނުމަށް ވެސް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެފަހުން ސުޕްރީމް ކޯޓުގައި މި އިސްލާހާ ގުޅޭގޮތުން އޮތް މައްސަލައިގެ އަޑުއެހުމެއް އޮތީ މި މަހުގެ 18ވަނަ ދުވަހެވެ.

https://sun.mv/202723

އެ ދުވަހު އެ ކޯޓުން ވަނީ އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ނިންމައިފައެވެ.

ދައުލަތުން ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައެވެ.

އެ އިޖުރާއީ ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ އެ ކޯޓުގެ މުޅި ބެންޗުގައި މަޝްވަރާކުރުމަށް ފަހު، ނިންމާފައިވަނީ މި މައްސަލަ ކުރިއަށް ގެންދާށެވެ. އެއަށް ފަހު، މައްސަލަ ކޯޓުން ބެލޭނެތޯ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތް ހުކުމުގައި ހިމަނަން ވަނީ ނިންމައިފައެވެ.

އެހެންވެ، ދައުލަތުގެ ފަރާތުން ވަނީ މި މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަހުގެ މުއްދަތެއް ދޭން އެދިފައެވެ. ޝަރީއަތުން ނިންމީ ދައުލަތުން އެދުނު ގޮތަށް އެ މުއްދަތު ދޭށެވެ.

comment ކޮމެންޓް