ޑީއެންއާރުގައި ފުރީ ސައްހަ ފޯމު، ވަގު ފޯމު ފުރިނަމަ މާ ގިނައިން ފުރާނަން: އިހުސާން

ޑީއެންއާރުގައި ފޯމު ފުރުން: އެ ތަނުގައި ފުރީ ސައްހަ ފޯމު ކަމަށް އިހުސާން ވިދާޅުވި --

ދިވެހި ރައްޔިތުންގެ ޒާމީ މައުލޫމާތު ރައްކާކުރާ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީސް ތެރޭގައި ފުރީ ސައްހަ ފޯމުތަކެއް ކަމަށާއި އެ ތަނުގައި 'ވަގު ފޯމު'ތަކެއް ފުރި ނަމަ އެއަށް ވުރެ މާ ގިނަ ފޯމުތައް ފުރީސް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މީގެ މަހަކަށް ވުރެ ގިނަ ދުވަސް ކުރިން އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ ގާނުނުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. މިގޮތުން، އެ މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ޑީއެންއާރުގެ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވެއްދި ކަމަށެވެ.

އެ މައްސަލައަށް ޖަވާބުދާރީވާން އިހުސާން މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ޕީއެންސީއަށް 40،000 އަށްވުރެ ގިނަ ފޯމު ވައްދާފައިވާ ކަމަށެވެ. އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތަށް 'ވަގު ފޯމު' ފުރިނަމަ އޭނާ ޕާޓީއަށް ވައްދާނީ 1،700 މީހުން ނޫން ކަމަށާއި އެއަށްވުރެ މާ ގިނައިން ވައްދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން: އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅީ އެމްޑީޕީން

"މިދިޔަ ދުވަސްތަކުގައި ޕީއެންސީއަށް 40،000 އަށްވުރެ ގިނަ ފޯމު ވެއްދިއިރުގައި އަޅުގަނޑު ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން ފޯމު ވެއްދި ނަމަ 1،700 ފޯމެއް ނޫން އަޅުގަނޑު ވައްދާނީ. އެ ނިޒާމުން އަޅުގަނޑުމެން މީހުން ވެއްދި ނަމަ އަޅުގަނޑު 40،000 މީހުން ވައްދާނަން،" އޭނާ ވިދާޅުވިއެވެ.

"މިއީކީ ތާކުންތާކުޖެހޭ ވާހަކައެއް ނޫން،"

މިނިސްޓަރު ވިދާޅުވީ، ކޮންމެ މިނިސްޓަރަކު ވެސް ވަކި އަދަދަކަށް ފޯމު ހުށަހަޅަން އެންގުމުން އޭނާ އެ މަސައްކަތް ހަވާލުކުރީ ހޯމްލޭންޑް މިނިސްޓްރީގައި ތިއްބަވާ ސިޔާސީ މުވައްޒަފުންނާ ކަމަށެވެ. އެ މަސައްކަތް ކުރީ ޑީއެންއާރު ހުންނަ ފަންގިފިލާގައި ހުރި މީޓިން ރޫމެއްގައި ކަމަށް އޭނާ އެއްބަސްވެލެއްވިއެވެ.

"ފޯމުތައް ފުރައިގެން އަންނައިރުގައި ވިޓްނަސްގެ ބައި މި އިންނަނީ ފިލްނުކޮށް. ވިޓްނެސްގެ ބައިގައި ފިންގަޕްރިންޓް ޖެހުމާއި ސޮއިކުރުމާއި މި ކަންކަން އެ ތަނުގެ ތެރޭގައި ހިނގާ ދިޔަ ކަމަށް އަޅުގަނޑަށް މިހާރު މައުލޫމާތު ލިބެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެއްވެސް އިދާރާއެއްގައި އެ ފަދަ ކަމެއް ނުކުރަން ވާނީ އަންގާފައި،"

https://www.sun.mv/201633

އިހުސާން ވިދާޅުވީ، އެއީ ގާނޫނީ ކުށެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަކު ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ސިޔާސީ މަސައްކަތް ކޮށްގެންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ، މީގެ ފަހުން އެ ފަދަ ކަމެއް ނުކުރަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑީއެންއާރުގައި ހުންނަ މައުލޫމާތަށް އެކްސެސްވާން އެ އޮފީހަށް ދާން ނުޖެހޭނެ ކަމަށެވެ. އެހެންވެ، އެ ތަނުގައި ފޯމު ވަގު ފޯމު ފުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ޕީއެންސީއަށް ގިނަ އަދަދެއްގެ ވަގު ފޯމު ފުރިކަމަށް މި ފަހުން ވަނީ ތުހުމަތުކޮށްފައެވެ.

ޑީއެންއާރުގައި ހުރި އޮފީހެއް ތެރޭ ޕީއެންސީއަށް ފޯމު ފުރާ މައްސަލައާ ގުޅިގެން އެ ތަނުގައި މިނިސްޓަރު އިހުސާން ވެސް ހުންނަވާތަން ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ ލީކުކޮށްލާފައެވެ. އެކަމަކު، އިހުސާން މީގެ ކުރިން ވެސް ވިދާޅުވި ފަދައިން މިއަދު ވެސް ވިދާޅުވީ އެ ތަނަށް ވަޑައިގަތީ ޕިއްޒާ ކާން ކަމަށެވެ.

https://www.sun.mv/201723

ވަގު ފޯމު ފުރާ މައްސަލަ ބޮޑުވެފައި އޮއްވައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދާފައި އޮތް މައްސަލައެއް ވެސް ފެންމަތިވިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެއީ ޒިޔާދަށް ނޭނގި ފުރި ފޯމެއް ކަމަށް ނިންމައި، އޭނާ އަލުން އެމްޑީޕީގެ ދަފުތަރުގައި ހިމަނާފައެވެ.

ޕީއެންސީން ވެސް ވަނީ ސައްހަކަން ކަށަވަރުނުވާ ބައެއް ފޯމު ފުރުނު ކަމަށް އެއްބަސްވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް އެ ޕާޓީން އޭރު ބުންޏެވެ.

ވަގު ފޯމުތަކުގެ މައްސަލަ ބޮޑުވެ، އީސީން ވަނީ އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އަމިއްލައަށް އެކަނި ސިޔާސީ ޕާޓީތަކަށް ވަދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.

comment ކޮމެންޓް