'ދްރިޝްޔަމް'ގެ ތިންވަނަ ބައިގެ މަސައްކަތް މި އަހަރު

ބޮލީވުޑް އެކްޓަރު އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރު އަޖޭގެ ކެރިއަރުގެ ބްލޮކްބާސްޓަ ފިލްމު "ދްރިޝްޔަމް"ގެ ތިން ވަނަ ބައިގެ މަސައްކަތް މި އަހަރު ތެރޭ ފަށާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފްރެންޗައިސްގެ އެންމެ ފަހުގެ ފިލްމު ރިލީޒްކޮށްފައިވަނީ 2022ވަނަ އަހަރެވެ. ދެވަނަ ފިލްމަށް ފަހު މި ސިލްސިލާގެ ތިންވަނަ ފިލްމަކަށް ބެލުންތެރިން އަންނަނީ އިންތިޒާރުކުރަމުންނެވެ. އަޖޭއާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ތިންވަނަ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ނިމިފައިވާއިރު ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ބޮލީވުޑްގެ އެންމެ 'ބިޒީ' އެއް އެކްޓަރު ކަމަށްވާ އަޖޭ މި އަހަރުގެ ޖުލައި/އޮގަސްޓް މަހުތެރޭ އެހެން ފިލްމުތަކެއްގެ ޝޫޓިންތަކުގައި އަވަދިނެތި އުޅޭނެތީ "ދްރިޝްޔަމް 3"ގެ މަސައްކަތް އެކްޓަރަށް ފެށޭނީ އޭގެފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ދުރިޝްޔަމް"ގެ މަންޒަރެއްގައި އަޖޭ ދޭވްގަން އަދި ބަތަލާ ޝްރިޔާ ސަރަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ދްރިޝްޔަމް"އަކީ 2013 ވަނަ އަހަރު މަޅަޔަލާމް ބަހުން ރިލީޒްކުރި ކްރައިމް ތުރިލަ ފިލްމެކެވެ. މި ފިލްމުގެ ފުރަތަމަ ހިންދީ ރިމޭކް އުފައްދާ ބެލުންތެރިންނަށް ގެނެސްދީފައިވަނީ 2015 ވަނަ އަހަރެވެ. އަޖޭގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލުން ސައުތު ބަތަލާ ޝްރިޔާ ސަރަން އަދި ބޮލީވުޑް ބަތަލާ ތައްބޫ ވަނީ ފެނިފައެވެ.

މި އަހަރުތެރޭ އަޖޭ މަސައްކަތް ކުރާނެ ފިލްމުތަކުގެ ތެރޭ "ދޭ ދޭ ޕިޔާރު ދޭ 2"، "ދަމާލް 4" އަދި "ރޭންޖާ" ހިމެނެއެވެ. މި ފިލްމުތަކުގެ މަސައްކަތާ އެކު ވެސް ބެލުންތެރިންނަށް ވީހާ ވެސް އަވަހަކަށް ފިލްމު "ދްރިޝްޔަމް" ގެނެސްދިނުމަކީ އަޖޭ ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަޖޭ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން"އިންނެވެ.

comment ކޮމެންޓް