ފެނަކަ އޮތީ ބަނގުރޫޓުވެފައި، ކަރަންޓު މައްސަލަ ހައްލުކުރަން ދައުލަތުން ޚަރަދުކުރަންވެއްޖެ: ނިޒާރު

އައްޑޫގެ މޭޔަރު އަލީ ނިޒާރު: ވިދާޅުވީ ރޯދައަށް ވެސް އެ ސިޓީގެ ކަރަންޓު މައްސަލަ ހައްލުނުވާނެ ކަމަށް ---- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ބަނގުރޫޓުވެފައިވާ ކަމަށާއި، އެ ސިޓީގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ދައުލަތުން ސީދާ ޚަރަދުކުރަން ޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށްޓަކައި، ފެނަކައިން މިފަހުން ވަނީ 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އެސިޓީގައި އިންސްޓޯލްކޮށްފައެވެ.

https://sun.mv/202868

އެކަމާ ގުޅުވައި، މިއަދު ނިޒާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މާލެއިން ގެންދިޔަ ޖެނެރޭޓަރުން ކަރަންޓު ދިން ނަމަވެސް، މިހާރު ވެސް ދެ ޖެނެރޭޓަރަކަށް ސްޕެއާ ނުލިބޭ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ފެށޭ ރޯދަމަހަށް ވެސް އެ މައްސަލަ ހައްލުނުވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އެގޮތުން، އެކި ގަޑިތަކުގައި އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުން އަންނަ ކަމަށާއި އެކަމުގެ ހައްލަކީ އެ ސިޓީގެ ހަގީގީ ހާލަތު ދެނެގަނެގެން އެކަން ހާމަކޮށް، ދައުލަތުގެ ޚަރަދުގައި މައްސަލަ ރަނގަޅު ކޮށްދިނުން ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި، އޭނާގެ ޕޯސްޓުގައި ވަނީ ފޭދޫގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑުމަށް ފެނަކައިން ހިއްސާކޮށްފައިވާ މެސެޖުތަކުގެ ފޮޓޯވެސް ހިއްސާކޮށްފައެވެ.

މި މައްސަލައާ ގުޅުވައި ނިޒާރު 'ސަން'އަށް ވިދާޅުވީ، ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކައިގެ މުވައްޒަފުން މަސައްކަތް ކުރަމުން އައި ނަމަވެސް، މިވަގުތަށް ހައްލެއް ނެތް ކަމަށެވެ.

"ކަރަންޓު މައްސަލައެއް ހައްލެއް ނުވޭ، މިހާރު ވެސް ކަރަންޓެެއް ނެތް. އައްޑޫގެ އެކި ތަންތަނުން ކަރަންޓު ކަނޑަމުން މިދަނީ، ހައްލެއް ނެތް އަދިވެސް،" ނިޒާރު ވިދާޅުވިއެވެ.

އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ޒަމާންތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަތަކުގެ ތެރޭގައި ފެނަކައިން ފާހަގަކުރަނީ ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވުމާއި މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުމެވެ.

ކުރިއަށް އޮތް ރޯދަ މަހު އައްޑޫ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ނުލިބިދާނެތީ އެސިޓީގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފެނަކަ ބަނގުރޫޓުވެފައި އޮތް ކަމަށް ނިޒާރު ވިދާޅުވިއިރު، ފެނަކައަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވުނު އެއް ކުންފުންޏެވެ. ކުރަން ނުވާނެ ގޮތަކަށް އެތައް ކަމެއް ކުރި ކަމަށް ތުހުމަތު ކުރެވޭ އެ ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސްވެ، ދަރަނި ވެސް އިންތިހާއަށް ބޮޑެވެ.

https://sun.mv/200430

މި ސަރުކާރުން ވެރިކަމަށް އައިއިރު ފެނަކައަކީ "ކޮރަޕްޝަންގެ ހާއްޔެއްގެ" ގޮތުގައި ސިފަކޮށްފައިވެއެވެ. މި ސަރުކާރު ހަވާލުވިއިރު އެ ކުންފުނީގައި ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތް ކަމަށް ބުނެފައިވެއެވެ.

ފެނަކައިގެ ހާލަތު ގޯހުން ގޯހަށް މިސްރާބު ޖަހައިފައިވާފަދަ މޭރުމަކުން ވިދާޅުވެ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު ޑިސެމްބަރު 23، 2024ގައި ވަނީ އިސްތިއުފާ ދެއްވާފައެެވެ. އޭގެފަހުން އެ މަގާމަށް އައްޔަނުކޮށްފައި ވަނީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހެވެ.

comment ކޮމެންޓް