އައްޑޫ ސިޓީ ކައުންސިލުން ސ. ފޭދޫ ޓޫރިޒަމް ސަރަހައްދުގައި އޮންނަ ސަވާހެލި ތަރައްގީކުރަން ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލާފައި ވަނިކޮށް، އެ ރަށް އައްޑޫ ސިޓީގެ އިހުތިސޯސުން ވަކިކުރުމަކީ ގަސްތުގައި އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް ޕޭޖުގައި އާންމުކުރެއްވި ވީޑިއޯއެއްގައެވެ.
ނިޒާރު ވިދާޅުވީ، ސަވާހެލި ރިކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް މި މަހުގެ 19 ވަނަ ދުވަހު އިއުލާންކޮށްފައިވާ ކަމަށާއި، ގިނަ ބަޔަކު ބިޑް ޑޮކިއުމެންޓްތައް ވެސް ގަނެފައިވާ ކަމަށެވެ.
މި މަސައްކަތަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތެއް ނަމަވެސް، ގާނޫނަށް ގެނައި ބަދަލުތަކާއެކު މީހުން ނޫޅޭ ރަށްރަށުގައި ޓޫރިޒަމް މަސައްކަތް ކުރިއަށް ގެންދާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެލްޖީއޭއިން އަންގާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރި އެ އަތޮޅު ސަވާހެލި....
މޭޔަރު ވިދާޅުވި ގޮތުގައި، ކައުންސިލުން ނެރުނު އިއުލާން ބާތިލްކުރުމަށްފަހު އެ ރަށުގައި ޓޫރިޒަމް މަސައްކަތް ކުރުމުގެ ހުއްދަ ކައުންސިލަށް ދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ސިޓީއަކުން އެދިވަޑައިގެންނެވި ނަމަވެސް، މިއަދާ ހަމައަށް ޖަވާބެއް ލިބިފައި ނުވެއެވެ.
"ޔަގީނާއި ގާތަށް އަޅުގަނޑުމެންނަށް ޔަގީންކުރެވޭ، މީގެ ފަހަތުގައި މިތިބި ބަޔަކު މިކަން މި ކުރުވަނީ އައްޑޫ ސިޓީގެ ތަރައްގީއާއި ކުރިއެރުމަށް ހުރަސް އެޅުމަށްޓަކައި،" ނިޒާރު ވިދާޅުވިއެވެ.
މި ނިންމުމުގެ ފަހަތުގައި އައްޑުއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވި ކަމުގެ މައުލޫމާތު ސަރުކާރުގެ މިނިސްޓްރީން ވެސް ލިބިފައިވާ ކަމަށް މޭޔަރު ތުހުމަތު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެ ބޭފުޅުން ވޯޓު ހޯދަން އައްޑޫ ރައްޔިތުންގެ ގާތަށް ގޮސް ދެއްކެވި ވާހަކަތަކާއި މިހާރުގެ އަމަލުތަކާ ދިމާނުވާ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނިޒާރު ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރުވާން ދާއިރު އައްޑޫގެ ތަރައްގީއަށް ކުރެވުނު އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. ޚާއްސަކޮށް އައްޑޫގެ ލިންކް ރޯޑް މަރާމާތު ކުރުމުގެ މަސައްކަތް ދޮޅު އަހަރު ކުރިން ބަޔަކާ ހަވާލުކޮށްފައިވީ ނަމަވެސް، މިހާތަނަށް ކުރެވުނުހާ ވެސް ކަމަކީ ވިނަ ނޮޅައި ރުއްތައް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫގެ ހާލަތާމެދު ކަންބޮޑުވުމެއް ނެތި، ބައެއް ސިޔާސީ ބޭފުޅުން މާލޭގެ ތަރައްގީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާތީ އެކަމާ މޭޔަރު ވަނީ ބޮޑު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޓޫރިޒަމްގެ ބޭނުމަށް އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ބުދަ ދުވަހުގައެވެ.
ރައީސް އޮފީހުން ބުނީ އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނައުމަށް ރައީސް ނިންމަަވައި، އެ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ މަނިކުފާނު އެގޮތަށް ނިންމަވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން، އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް މަތިކޮށްފައިވާ ބާރުގެ ދަށުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަވާހެލި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އޮތީ 2021ގައި ނިންމައިފައެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫގައި ފަތުރުވެރިކަން އެކަށީގެންވާ މިންވަރަކަށް ކުރިނޭރުވޭ ކަމުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. އެ އަތޮޅުގައި އޮންނަ ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީކުރުމަށް އެކި ސަރުކާރުތަކުން ވައުދުވި ނަމަވެސް، އެ މަސައްކަތް މިހާތަނަށް އޮތީ ނުނިމިއެވެ.
މިދިޔަ ހަފުތާގައި ރައީސް ވަނީ، ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފައެވެ.
ސަވާހެލިއަކީ ފޭދު އާއި މަރަދޫފޭދޫގެ މެދަށްވާ ގޮތަށް އޮންނަ ރަށެކެވެ.