ވޮޝިންޓަން (24 ފެބްރުއަރީ 2025) : އދ. ގެ މެންބަރުކަމުން އެމެރިކާ ވަކިވާން ބޭނުންކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރެއް ކަމަށްވާ މައިކް ލީ ވިދާޅުވެއްޖެއެވެ.
މައިކް ލީ އޭނާގެ ވެބްސައިޓްގައި ވިދާޅުވެފައިވާ ގޮތުގައި އދ. އަކީ އެމެރިކާއަށް މުހިއްމު މުއައްސަސާއެއް ނޫނެވެ. އަދި އދ. އަށް އެމެރިކާ ކުރަންޖެހޭ ޚަރަދުތަކަކީވެސް އެމެރިކާއަށް ވަރަށް ބޮޑު ޚަރަދުތަކެކެވެ. އެހެންކަމުން އދ. ގެ މެންބަރުކަމުން އެމެރިކާ ވަކިވުމާ ބެހޭ ބިލެއް ރިޕަބްލިކަން ޕާޓީގެ ސެނެޓަރުންތަކެއް މިހާރުވަނީ އެމެރިކާގެ ޕާލަމެންޓް ކަމަށްވާ ކޮންގްރެސްގެ މަތިގެ ނުވަތަ ސެނެޓަށް ހުށަހަޅާފައެވެ.
މައިކް ލީ، ވިދާޅުވެފައިވާ ގޮތުގައި އެމެރިކާ އދ. އިން ވަކިވުމުގެ ބިލް ބިނާކޮށްފައިވަނީ އދ. އާއި އދ. ގެ ހުރިހާ އިދާރާތަކާއި މުއައްސަސާ ތަކަކުން އެމެރިކާ ވަކިވުމަށާއި އެތަންތަނަށް ކުރަންޖެހޭ ހުރިހާ ޚަރަދުތަކެއް ހުއްޓާލުމުގެ މައްޗަށެވެ. އަދި ނިޔުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުވެސް ބަންދުކޮށް އދ. ގެ މުވައްޒަފުންގެ ޑިޕްލޮމެޓިކް ހައިސިއްތު އުވާލައި އެ މީހުން އެމެރިކާއިން ބޭރުކޮށްލުމުގެ މައްޗަށެވެ.
އޭނާ ވިދާޅުވިގޮތުގައި އދ. އިން ވަކިވުމުގެ އިތުރުން ދުނިޔޭގެ ރެފިއުޖީންނަށް އެހީވުމަށް އެމެރިކާ ހިންގާ ހުރިހާ ހަރަކާތްތަކެއްވެސް ވަރަށް އަވަހަށް ހުއްޓާލާނެއެވެ. އަދި ދުނިޔޭގެ އެކިތަންތަނުގައި ސުލްހަ ގާއިމް ކުރުމަށް އެކުލަވާލާ މިޝަންތަކުގައި އެމެރިކާ ބައިވެރިވާ ބައިވެރިވުންވެސް ނިމުމަކަށް ގެންނާނެއެވެ. މިދެ ކަންތައްވެސް މި ބިލްގައި ހިމެނެއެވެ.
މައިކް ލީ، ވިދާޅުވެފައިވާ ގޮތުގައި މި ބިލް ފަރުމާކޮށްފައިވަނީ އެމެރިކާގެ އެހެން ސަކާރަކުން ބޭނުންވިޔަސް އދ. ގައި އެމެރިކާއަށް އަލުން ބައިވެރި ނުވެވޭނެ ގޮތަކަށެވެ. އެމެރިކާއަށް އެހެން ސަރުކާރެއް އައިނަމަވެސް އދ. ގައި އަލުން އެމެރިކާ ބައިވެރިވާން ބޭނުންވެއްޖެނަމަ ބައިވެރިވެވޭނީ ސެނެޓްގެ ބޮޑު އަޣްލަބިއްޔަތަކުން އެކަމަށް ރުހުން ދީގެންނެވެ. ބިލް ފަރުމާ ކޮށްފައިވަނީ އެމެރިކާގެ ސަރުކާރު އެކަނި ބޭނުންވިޔަސް މިކަން އަލުން ނުކުރެވޭ ގޮތަށެވެ.
ސެނެޓާ މައިކް ލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ވަރަށް ޚިޔާލު އެއްގޮތް އަދި ޓްރަމްޕް އާ ވަރަށް ކުރީއްސުރެ އަރިސް ބޭފުޅެކެވެ. ޓްރަމްޕް ދާދިފަހުން ވަނީ އދ. އަކީ އެމެރިކާއަށް މުހިއްމު ނޫން ބޭކާރު ޖަމްއިއްޔާ އެއްކަމަށް ސިފަކުރައްވައިފައެވެ. ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި އދ. އަކީ ހިންގުންތެރިކަމެއް ނެތް ބިރޮކްރަސީ ބޮޑު އަދި ކޮރަޕްޝަނުން ފުރިގެންވާ ޖަމްއިއްޔާ އެކެވެ. މިގޮތަށް އދ. ސިފަކުރައްވައި ޓްރަމްޕް ވަނީ އދ. އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް އދ. އިން އެމެރިކާ ވަކިވާނެ ވާހަކަ ސީދާ ގޮތެެއްގައި ޓްރަމްޕް ވިދާޅުވެފައެއް ނުވެއެވެ.
ޓްރަމްޕްގެ ރިޔާސީ ދެވަނަ ދައުރުގައި އޭނާ އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމާއެކު އެމެރިކާ ވަނީ އދ. ގެ ދެ މުއައްސަސާ އެއްކަމަށްވާ ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔު. އެޗް.އޯ) އާއި އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލް އިން ވަކިވެފައެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެމެރިކާވަނީ ސައެންސާއި ސަގާފަތާބެހޭ އދ. ގެ މުއައްސަސާ (ޔުނެސްކޯ) އިން ވެސް ވަކިވެފައެވެ. ނަމަވެސް ޖޯ ބައިޑެންގެ ވެރިކަމުގައި އެމެރިކާ ވަނީ އަލުން ޔުނެސްކޯ އަށް އެނބުރި އައިސްފައެވެ.