ވޮޝިންޓަން (26 މާޗް 2026) : ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން އެމެރިކާއާއެކު ވާހަކަ ދެއްކުމަށް އީރާނުގެ ލީޑަރުން ދެކޮޅު ހައްދަވާތީ އީރާނުގެ އެންމެ ބާރުގަދަ ލަޝްކަރު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރުންގެ ތެރޭގައި އެމެރިކާއާ ވާހަކަ ދައްކާނެ ބޭފުޅުކު ހުރިތޯ ބައެއް ގައުމުތަކާ ގުޅައިގެން އެމެރިކާ މަސައްކަތް ކުރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެމެރިކާގައި ޝާއިއުކޮށްފައިވާ މީޑިއާ ބައެއް ރިޕޯޓްތައް ބުނާގޮތުން ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން އީރާން އާ މަޝްވަރާކުރުމަށް އެދި ޕާކިސްތާނާއި ތުރުކީ އަދި މިސްރު މެދުވެރިކޮށް ޓްރަމްޕް ވަނީ އީރާނަށް މެސެޖްތަކެއް ފޮނުވާފައެވެ.
މި މެސެޖްތަކަށް އީރާން ދިން ރައްދަކީ އެމެރިކާގެ އިތުބާރު ގެއްލިފައިވާކަމުގެ ރައްދެވެ. ނަމަވެސް އެމެރިކާއާއި އިސްރާއީލު އީރާނާ ދެކޮޅަށް ފެށީ އުދުވާނީ ހަނގުރާމައެއްކަން ގަބޫލުކޮށް ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކަށް ބަދަލުދިނުމަށާއި އެމެރިކާއާއި އިސްރާއީލުން ދުވަހަކުވެސް އިސްވެ އީރާނަށް ހަމަލާނުދޭނެކަމުގެ ޔަގީންކަން ދިނުމަށާ މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ބަންދުކުރުމަށް އެމެރިކާ އެއްބަސްވާނަމަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވާހަކަތައް ފެށުމާމެދު އީރާން ވިސްނާނެކަމުގެ މެސެޖް ޕާކިސްތާން މެދުވެރިކޮށް އީރާނުން ވަނީ އެމެރިކާއަށް ދީފައެވެ.
އީރާނުގެ މިޝަރުތުތަކަކީ އެމެރިކާ އެއްގޮތަކަށްވެސް ގަބޫލުނުކުރާނެ ޝަރުތުތަކެއްކަން އީރާނަށް އެނގެއެވެ. މިޝަރުތުތައް ގަބޫލުކުރުމަކީ އެމެރިކާ އީރާނަށް އަމާންދިނުމެވެ. އަދި މުޅި މެދުއިރުމަތި އެމެރިކާއަށް ގެއްލި އެމެރިކާގެ ބާރާއި ހައިބަތު އީރާނުގެ ފައިދަށަށް ދިޔުމެވެ.
މި ޝަރުތުތަކާއެކު އެމެރިކާއާ ވާހަކަ ދެއްކުމަށް އީރާނުގެ ސިޔާސީ ލީޑަރުން ދެކޮޅު ހައްދަވާފައިވާތީ އެމެރިކާ މިހާރު މަސައްކަތް ކުރަމުންގެންދަނީ ބަލި ގަބޫލުނުކޮށް ހަނގުރާމައިން އެމެރިކާއަށް ނުކުމެވޭފަދަ ހައްލެއް ހޯދުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިރިޕޯޓްތައް ބުނާގޮތުން އީރާނުގެ އެންމެ ބާރުގަދަ ލަޝްކަރު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކުގެ ކޮމާންޑަރުންނާ ގުޅޭނެ ގޮތެއްވޭތޯވެސް އެމެރިކާ ގެންދަނީ ބަލަމުންނެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކަކީ ޓެރަރިސްޓް ޖަމާއަތެއް ސިފަކޮށް އެމެރިކާ ގެންގުޅޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި އެމެރިކާ ހިމަނާފައިވާ ލަޝްކަރެކެވެ.
ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކުގެ ކޮމާންޑަރުންނާ ގުޅޭނެ ގޮތެއްވޭތޯ އެމެރިކާ ބަލަމުންގެންދާކަމަށް ރިޕޯޓްތައް ބުނިނަމަވެސް އެމެރިކާގެ ރަސްމީ ފަރާތަކުން މިކަން ކަށަވަރު ކޮށް ދީފައެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން އޭނާގެ ސަރުކާރުން އީރާން އާއެކު މަޝްވަރާތައް ކުރަމުންގެން ދާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް މަޝްވަރާތައް ކުރިޔަށްގެންދާ ތަނެއް އަދި މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކަކީ ކޮބައިކަން ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ.
ޓްރަމްޕް އަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން ޓްރަމްޕް ވާހަކަ ދައްކަވަމުން ގެންދަވަނީ އޭނާއާއި އޭނާގެ ނަފްސާ ދެމެދުގައެވެ. އީރާން އާއެކުގައެއް ނޫނެވެ.
ޓްރަމްޕްވަނީ އޭނާއަކީ ހަނގުރާމަތައް ހުއްޓުވައި ދުނިޔެ ސުލްހަ ކުރުމުގެ މަސައްކަތުގައި އުޅޭ މީހެއްކަމަށް ބުނެފައެވެ. މިހާތަނަށް 8 ހަނގުރާމަ އެއް ހުއްޓުވާފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު އޭނާ ހުއްޓުވިކަމަށް ވިދާޅުވި ބައެއް ހަނގުރާމަ ތަކަކީ ފަށާފައިވާ ހަނގުރާމަތަކެއްވެސް ނޫނެވެ.