އަޅުގަނޑު މި ގޮނޑީގައި މި އިންނަނީ މިނިވަންކަމާއެކު، އެއްވެސް ހުރަހެއް ނެތް: އަބްދުއްރަހީމް

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ: އެ މަނިކުފާނު ވިދާޅުވީ، ބިލުތައް އަވަހަށް ނިންމަނީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކަންކަން ނިންމަން ކަމަށް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އެމަނިކުފާނު އިންނަވަނީ މިނިވަންކަމާއެކު ކަމަށާއި އެއްވެސް ކަމަކަށް ހުރަހެއް ވެސް ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެ، އިދިކޮޅަށް ހޫނު ބަހުގެ ހަމަލާއެއް ރައްދުކުރައްވައިފިއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، މާލިއްޔަތު ކޮމިޓީން ހުށަހެޅި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ އިސްލާހީ ފިޔަވަޅުތަކާ ގުޅޭ ރިޕޯޓަށް ބަހުސްކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

މީކާއިލް ވަނީ އަބްދުއްރަހީމަށް އިޝާރާތްކުރައްވައި އެމަނިކުފާނުގެ ހާލުކޮޅާ މެދު ހަމްދަރުދީވާ ކަމަށް ވިދާޅުވެފައެވެ.

"ބަޑި ބައިންދާފައިއިން ރައްޔިތުންގެ މަޖިލީހުގެ ރައީސެއް މެދުވެރިކޮށް...،" މީކާއިލްގެ ވާހަކަ މެދުކަނޑައިލައްވާ އަބްދުއްރަހީމް ވަނީ އެ ވާހަކައަށް ރައްދު ދެއްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅެއް މެންބަރަކަށް އެނގިވަޑައެއް ނުގަންނަވާނެ ކަމަށެވެ.

"އިއްޒަތްތެރި މެންބަރަކަށް އެނގިވަޑައެއްނުގަންނަވާނެ އަޅުގަނޑުގެ ސިއްހީ ހާލަތެއް ވެސް އަދި ދިރިއުޅުމުގެ ހާލަތެއް ވެސް އަދި އެހެން ހާލަތެއް ވެސް. އެހެންވީމަ އެއަށް އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ނުއެއް އޮންނާނެ. އަޅުގަނޑު މި އިނީ މިނިވަންކަމާއެކީގަ މި ގޮނޑީގަ. މި ގޮނޑިއަށް އަޅުގަނޑު އިންތިޚާބުކޮށްދެއްވީ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުން. އަޅުގަނޑަށް ހުރަހެއް މިތަނުގައި އެއްވެސް ކަމަކަށް ނެތް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެހެންވީމާ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރުގެ މައިކު ބޭނުން ނުކުރެއްވުމަށް ތަކުރާރުކޮށް ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެއާއެކު ރައްދުގައި މީކާއިލް ވަނީ ގަލޮޅު ދެކުނު ދާއިރާގެ މައިކުގައި އަޑު ހުރިހާ ހިނދަކު އަޑު އިއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ސަރުކާރުން އުޅޭ ކަމަށް ވިދާޅުވެ މީކާއިލް ވަނީ މަޖިލިސް ރައީސްގެ ހާލުކޮޅު ވެސް މިއަދު ރައްޔިތުންނަށް އެނގޭނެ ކަމަށް ވިދާޅުވެފައެވެ.

"އިއްޒަތްތެރި ރައީސްގެ ދަރިފުޅަށް ހަދާލި ގޮތާއި، އާއިލާގެ ބޭބޭފުޅުންނަށް ހަދާލި ގޮތާއި، އަދި އިއްޒަތްތެރި ރައީސް މެދުވެރިކޮށް އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމުތަކަށް،،،" އެއާއެކު އަބްދުއްރަހީމް ވަނީ މީކާއިލްގެ ވާހަކަ މެދުކަނޑާލައްވައި ރިޕޯޓާ ގުޅޭގޮތުން ބަހުސްކުރެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

ރައީސް މުއިއްޒާއި އަބްދުއްރަޙީމް -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ކުއްލި ގޮތަކަށް ވަކިކުރި ފަހުން އެމަނިކުފާނާ ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅުން ގޯސް ކަމުގެ އަޑުތަކެއް ފެތުރުނެވެ.

ވަޒީރުކަމުން ފައިސަލް ވަކިކުރީ މިދިޔަ މަހު 28 ގައެވެ. ފައިސަލް ވަކިކުރުމާ އެކު އަބްދުއްރަޙީމް ވަނީ ރައީސް މުއިއްޒާ އެކު ކުރިން އޮތް ގާތްގުޅުން އޮތް ނަމަ މިހެން ނުވީސްކަމަށް ވިދާޅުވެ، ގުޅުން ހީނަރުވެފައިވާ ކަމަށް އެއްބަސްވެލައްވާފައެވެ. އޭރު މެލޭޝިއާގައި ހުންނެވި އަބްދުއްރަހީމް ވަގުތުން ދަތުރު ކުރުކޮށްލައްވައި އެރޭ ރާއްޖެ ވަޑައިގަތެވެ.

އެކަމަކު، އޭގެ ފަހުން އެ މައުޟޫއުގައި އެއްޗެއް ވިދާޅެއް ނުވެއެވެ. އެ ފަހުން، ސިޔާސީ ގިނަ ހަރަކާތްތަކުން ވެސް އަބްދުއްރަޙީމް ފެނިފައެއް ނުވެއެވެ.

ފައިސަލް ވަކިކުރާތާ ގާތްގަނޑަކަށް މަހެއްހައި ދުވަސް ފަހުން އަބްދުއްރަޙީމް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސް މުއިއްޒާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އަބްދުއްރަހީމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހާ ދެ ބޭފުޅުންނާއި ރައީސް ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ މި ދައުރު ސަރުކާރުން ފޮނުވަން ހުރި ބިލުތަކާ ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް