މިދިޔަ މަހު ޑެންގޫ މަދު، ނަމަވެސް އިންފްލޫއެންޒާއާއި ބޭރަށް ހިންގުން އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑެންގޫ މަދުކަމަށް ދެއްކި ނަމަވެސް އިންފްލޫއެންޒާއާއި ބޭރަށް ހިންގުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެގޮތުން މިދިޔަ ޑިސެންބަރު މަހާ އަޅައިބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހު ޑެންގީހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވަނީ 73 އަށް ދަށަށް ގޮސްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 30,590 ކޭހެވެ. ނަމަވެސް މިދިޔަ މަހުގައި އެ އަދަދު ހުރީ 30,161 ގައެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހު، އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވަނީ 135 އަށް އިތުރުވެފައެވެ. މި އަހަރުގެ މިހާތަނަށް ޓެސްޓް ކުރެވުނު 135 ސާމްޕަލްގެ ތެރެއިން 15 ސާމްޕަލްވަނީ ޕޮޒިޓިވް ވެފައެވެ.
އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
• އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުން އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
• ޢާއްމު ސާފުތާހިރުކަމަށް ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން
• ރޯގާޖެހި ކެއްސާ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
• ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން
• ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
• ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާ ވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން. އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ
ހޮސްޕިޓަލަށް ދިއުން މަދުކުރުން
މިދިޔަ އަހަރުގެ ޑިސެންބަރުމަހާ އަޅާބަލާއިރު މި އަހަރުގެ ޖަނަވަރީ މަހު ބޭރަށްހިންގުން ޖެހިގެން ރިޕޯޓުކުރެވުނު އަދަދު 4،183 އަށް ވަނީ އިތުރުވެފައެވެ.
އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން:
• ކެއުމުގެ ކުރީން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
• ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
• ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން
• ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފުތާހިރު ތަނެއްތޯ ބެއްލުމާއި ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން
• ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކްލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާ ސަޕްލައިފެން ނުވަތަ ފެން ކައްކައިގެން ބޭނުން ކުރުން
ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިއްޖެނަމަ އަމަލުކުރާނެ ގޮތްތައް:
• ގިނަގިނައިން ލޮނުޕެކެޓު (އޯއާރްއެސް)، ފެން އަދި ސޫޕް، ކުރުނބާ ފެން ފަދަ ދިޔާ ތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރުދިނުން ކުރިއަށް ގެންދިޔުން.