އަވައްޓެރި އިންޑިއާއާއި ބަންގްލަދޭޝް ހިމެނޭހެން އޭޝިއާ ބައްރުގެ ބައެއް ގައުމުތަކުން އަންނަ މަސައްކަތު މީހުންނަށް ވިސާ ދިނުމުގެ ކުރިން ހިމަބިހީގެ ވެކްސިން ފުރިހަމަކުރިތޯ ބެލުމަށް، ކުޑަކުދިންގެ ޚާއްސަ ޑރ. އަޙްމަދު ފައިޞަލް ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހިމަބިހި އެންމެ ބޮޑަށް ފެތުރެނީ އިންޑިއާގައެވެ. އެގޮތުން އިންޑިއާއިން 23،361 މީހުން ހިމަބިއްސަށް ފައްސިވެފައިވެއެވެ. މީގެ އިތުރުން ބަންގްލަދޭޝް އިން 14،704 މީހުން، އަދި ޕާކިސްތާނުން 10،626 މީހުން ހިމަބިއްސަށް ފައްސިވެފައިވެއެވެ.
ރާއްޖޭގައި އެކި މަސައްކަތްތަކަށް އާންމުކޮށް އެންމެ ގިނައިން މީހުން ގެންނަނީ އަވައްޓެރި ބަންގްލަދޭޝްއާއި އިންޑިއާއިންނެވެ.
މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓުގައި ޑރ. ފައިޞަލް ވަނީ، އެންމެ ގިނައިން ހިމަބިހި ފެތުރެނީ އިންޑިއާއާއި ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާއާއި ބުރުމާއާއި ނޭޕާލުގައިކަން ފާހަގަކުރައްވައިފައެވެ. އެ ގައުމުތަކުން އަންނަ މަސައްކަތު މީހުންނަށް ވިސާ ދިނުމުގެ ކުރިން ހިމަބިހީގެ ވެކްސިން ފުރިހަމަކުރިތޯއާއި ރާއްޖެ އަންނަ ފަތުރުވެރިންގެ ކިބައިން ފެންނަ އަލާމާތްތަކަށް ސަމާލުވުމަށް ފައިޞަލް ވަނީ ގޮވައިލައްވައިފައެވެ.
ފައިޞަލް 'އެކްސް'ގައި ލިޔުއްވި އިތުރު ޕޯސްޓެއްގައިވާ ގޮތުގައި، ހިމަބިހި ޖެހުމުގެ ފުރުސަތު ބޮޑީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނަށެވެ.
އޭނާ ލިޔުއްވައިފައިވާ ގޮތުގައި ރާއްޖޭގައި 72 މީހުންނަށްވުރެ ގިނައިން ހިމަބިހި ޖެހިފައި އެބަތިއްބެވެ. ގިނައިން ހިމަބިހި ޖެހިފައި ތިބީ ހަތަރު ކުޑަކުދިން ފިޔަވައި 14 އަހަރުން މަތީ މީހުންނަށް ކަމަށް ފައިޞަލް ލިޔުއްވާފައިވެއެވެ. އެހެންކަމުން އޭނާ ވަނީ 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ދެ ޑޯޒް ހަމަކުރުމަށް އެދިވަޑައިގެންފައެވެ.
މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހު އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، 569 މީހެއް ހިމަބިއްސަށް ޓެސްޓުކުރެވިފައިވެއެވެ. އެ ދުވަހުގެ ނިޔަލަށް ހިމަބިއްސަށް ފައްސިވީ ކަމަށް ދެއްކީ 66 މީހުންނެވެ. އޭގެތެރެއިން މިހާތަނަށް އަދިވެސް ފަރުވާ ދެމުން އަންނަނީ 13 މީހުންނަށް ކަމަށް އެ ހިސާބުތަކުގައިވެއެވެ.
އޭގެ އިތުރުން، ވެކްސިން ދިނުމުގެ ކެމްޕެއިނަށް ބަލާއިރު، ބަލި ޖެހުނު މީހުންނާ ދިމާވި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ 2,048 މީހަކަށް މިހާތަނަށް ވަނީ ވެކްސިން ދީފައެވެ. މީގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ސިއްހީ ޚިދުމަތްތެރިއަކަށް ވެސް ވަނީ ހިމަބިހި ވެކްސިން ދީފައެވެ.
ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ތަކެތި ރާއްޖެއާ ހަވާލުކޮށްފައިވަނީ މިދިޔަ މިމަހުގެ 18ގައެވެ.
ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިން ރާއްޖެއަށް ތައާރަފުކުރީ 1983 ވަނަ އަހަރެވެ. އެއަށްފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖޭން ފެނިފައިވެއެވެ.
ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ.