މިއަދު އިރުއޮއްސި ހައެއް ޖެހުމާއެކު މަސް ދަޅު ކޭސް ބަހަން ޓޯކަން ނަންބަރު ދޫކުރާ ގޮތަށް ހެދި ޚާއްސަ ޕޯޓަލް ހައެއް ޖެހިތާ މާ ގިނައިރު ނުވެ ޑައުންވެއްޖެއެވެ.
ކަރަންޓު މީޓަރަށް ބަލައިގެން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ރޯދަ ހަދިޔާގެ ގޮތުގައި މި އަހަރު ބެހުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމެކެވެ.
އަތޮޅު ތެރޭގައި މަސްދަޅު ކޭސް ބަހައި ނިންމައިފައިވާއިރު، މާލޭ ސަރަހައްދުގައި އެންމެ ފުރަތަމަ މަސްދަޅު ކޭސްތައް ބަހަން ފެށީ ބުރާސްފަތި ދުވަހުގެ ރެއެވެެ. އެ ރޭ 8:30ގައި މަސްދަޅު ކޭސް ބަލައި، މާލޭ، ހުޅުމާލޭގައި އެތައް ހާސް މީހުންނާއެކު ދިގު ކިއުތައް ދަމައިލިއެެވެ.
އެއާއެކު މަސްދަޅު ކޭސް ބަހައި ތަންތަން މަދުވުމުގެ ޝަކުވާއާއި، ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި ނެތްކަމުގެ ޝަކުވާ އޮތެވެ. އެހެންވެ ފަހުން މަސްދަޅު ކޭސް ބަހާ ތަންތަން އިތުރުކޮށް، މިއަދުވަނީ ޓޯކަން ނަންބަރު ދީގެން އެ ކަން ކުރަން ނިންމައިފައެވެ.
ނަމަވެސް ހައެއް ޖެހުމާއެކު ޕޯޓަލް ޑައުންވެ، އަނެއްކާވެސް އާންމުންގެ ޝަކުވާތައް ސޯޝަލް މީޑިއާގައި އަންނަނީ ފާޅުކުރަމުންނެވެ.
މަސްދަޅު ކޭސް ދޫކުރަނީ އައިޑީކާޑާއި އެއް މަހުގެ ކަރަންޓު ބިލު ގެންދިޔުމުން ކަމަށްވާއިރު، އެންމެ މީހަކަށް ގިނަވެގެން ދޫކުރަނީ ތިން މީޓަރަށް ތިން މަސް ދަޅު ކޭހެވެ.
އޭގެއިތުރުން، ޖުމުލަ 13 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރާއިރު، އެކި ތަންތަނުން ޓޯކަން ނަންބަރު ދޫކުރަނީ އެކި ވަރަށެވެ.
މަސްދަޅު ކޭސް ބަހާ މަރުކަޒުތަކާއި ޓޯކަން ނަންބަރު ދޫކުރާ އަދަދުތައް:
- މ. މިފްކޯ ކޮމްޕްލެކްސް އިން ރެއަކަށް 200 ޓޯކަން ނަންބަރު ދޫކުރާނެ
- އެމްޓީސީސީ ސޯމިލް އިން 200 ޓޯކަން ނަންބަރު
- ހެންވޭރު ދަނޑު މަސް ދަޅު ކޭސް ނަގަން ދޫކުރާނީ 100 ޓޯކަން ނަންބަރު
- ގަލޮޅު ދަނޑު ސެޓަޕް ވަން އިން 50 ޓޯކަން
- ގަލޮޅު ދަނޑު ސެޓަޕް ޓޫއިން 50 ޓޯކަން
- ގަލޮޅު ދަނޑު ސެޓަޕް ތްރީއިން 50 ޓޯކަން ނަންބަރު
- ގަލޮޅު ދަނޑު ސެޓަޕް ހަތަރެއް 50 ޓޯކަން ނަންބަރު
- ސޯޝަލް ސެންޓަރު 100 ޓޯކަން
- ވިލިމާލެ ވެމްކޯ ސައިޓުން 100 ޓޯކަން
- ހުޅުމާލެ އުމަރު ޒާހިރު ބްލިންޑިން 100 ޓޯކަން
- ހުޅުމާލެ ޕޮލްކޯ ޓަވަރުން 100 ޓޯކަން
- ހުޅުމާލެ ހިޔާ ޓަވަރު 10 އިން 100 ޓޯކަން ނަންބަރު
- ހުޅުމާލެ ކާމިލްދީދީ ޕްރީސުކޫލުން ދޫކުރާނީ 100 ޓޯކަން ނަންބަރު