މަސްދަޅު ކޭސް ހޯދަން އަރައި ތިބި ސަފުގެ ކޮޅާކޮޅު ނުފެނޭ!

20 ފެބްރުއަރީ 2025: މަސްދަޅު ކޭސް ހޯދަން ދިގު ސަފުތައް ހަދައިފައި. މުޅި ސަރަހައްދު ވަނީ މަސްދަޅު ކޭސް ހޯދަން ތިބި މީހުންނާއެކު ފުރިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސް ބަހަން މިރޭ ފެށުމާއެކު، މަސްދަޅު ކޭސް ބަލައި އެތައް ސަތޭކަ ބަޔަކު މާލޭގައި ކިއު ހަދައިފިއެވެ.

މިރޭ 8:00 ޖެހިއިރު މަސްދަޅު ކޭސް ބަހަން ވަނީ ފަށައިފައެވެ. މަސްދަޅު ކޭސް މާލޭގައި ބަހަނީ މިފްކޯ އޮފީސް ކޮމްޕައުންޑުގައާއި، ހެންވޭރު އެމްޓީސީސީ ސޯމިލުގައެވެ.

އެ ސަރަހައްދުގެ މަންޒަރުތަކަށް ބަލާއިރު، ވަގުތުގެ މާ ކުރިން އެތައް ބަޔަކު ކިއު ހަދައިގެން ތިބިިއިރު، އެތައް ބަޔަކު އޭގެ ފަހުން ވެސް އަންނަނީ ކިއުގައި ޖެހެމުންނެވެ.

އެއާއެކު މަސްދަޅު ކޭސް ހޯދަން ހަދައިފައިވާ ސަފުގެ ކޮޅާކޮޅު ވެސް ނުފެނެއެވެ. މުޅި ކޮށި ވަށައިޖެހޭހައި ސަފު ދިގެވެ.

20 ފެބްރުއަރީ 2025: މަސްދަޅު ކޭސް ހޯދަން ދިގު ސަފުތައް ހަދައިފައި. މުޅި ސަރަހައްދު ވަނީ މަސްދަޅު ކޭސް ހޯދަން ތިބި މީހުންނާއެކު ފުރިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މަސްދަޅު ކޭސް ބަހަން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މާދަމާ މަސްދަޅު ކޭސް ނުބަހާނެއެެވެ.

މަސްދަޅު ކޭސް ބަހާނެ ގަޑިތައް:

  • ހޮނިހިރު ދުވަހު: 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
  • އާދިއްތަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް: 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް

ވިލިމާލޭގައި މަސްދަޅު ބަހާނީ ވިލިމާލޭގެ ވެމްކޯ ސައިޓުންނެވެ.

ހުޅުމާލެ ފޭސް-1 ގައި މަސްދަޅު ބަހާނީ އުމަރު ޒާހިރު ބިލްޑިންގުންނެވެ. ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރު 10ގެ ޔޫތު ސެންޓަރުގައި މަސްދަޅު ކޭސް ބެހުން ކުރިއަށް ގެންދާނެއެވެ.

20 ފެބްރުއަރީ 2025: މަސްދަޅު ކޭސް ހޯދަން ދިގު ސަފުތައް ހަދައިފައިވާއިރު، ކޭސް ހަވާލުކުރުމުގެ ކަންކަން މިފްކޯގެ މުވައްޒަފުން ކުރިއަށް ގެންދަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

އިތުރަށް ގާއިމް ކުރެވޭ މަރުކަޒުތަކުގެ މައުލޫމާތު އެސްޓީއޯއިން ހިއްސާކުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ.

ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނެގޮތަށް ކަންކަން ރާވާ ބައްޓަންކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

comment ކޮމެންޓް