އެންމެ މަގުބޫލު ޖާސޫސީ ކެރެކްޓަރު ކަމަށްވާ "ޖޭމްސް ބޮންޑް"ގެ އާ އެކްޓަރު އިއުލާނު ކުރުމުގެ އިންތިޒާރުގައި ތިއްބައި، ފިލްމު ފްރެންޗައިޒްއަށް ހަދާނެ ގޮތެއް ނޭނގިގެން އުޅޭކަން ހާމަވެއްޖެއެވެ.
ޖޭމްސް ބޮންޑްގެ ފްރެންޗައިޒް އެންމެ ކުރިން ފެށި ހިސާބުން ވެސް އެ ފްރެންޗައިޒް އޮތީ "އެމްޖީއެމް" ޕްރޮޑަކްޝަންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް ދާދި ފަހުން ލީކުވި ކުންފުނީގެ ކަރުދާސްތަކަކުން އެނގުނު ގޮތުގައި ކުރިއަށް އޮތް ތަނުގައި ޖޭމްސް ބޮންޑަށް ހަދާނެ ގޮތެއް ކުންފުންޏަށް ވެސް ނޭނގެއެވެ.
ގިނަ ދުވަސްތަކެއް ވަންދެއް ފިލްމަށް ހަދާނެ ގޮތެއް ނޭނގި އޮއްވައި އެންމެ ފަހުން މިދިޔަ އަހަރު ކުންފުނިން ވަނީ އިންޓާނަލްކޮށް ފްރެންޗައިޒް ވިއްކާލުމަށް މަސައްކަތް ކޮށްފައެވެ. އެންމެފަހުން މި ފްރެންޗައިޒް ނަން ގަނެފައިވަނީ އެމޭޒަންއިން ދާދިފަހުންނެވެ.
އެމޭޒަންއިން ފްރެންޗައިޒް ގަތް ނަމަވެސް އަލަށް ފްރެންޗައިޒް ފެށުމަށް ހަމަޖެހިފައިވާ ގޮތެއް ނޭނގެއެވެ. އެކަމާ ގުޅޭގޮތުން އެމޭޒަން އިން ވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.
އެންމެފަހުން ފްރެންޗައިޒް ނިމިފައިވަނީ މަޝްހޫރު އެކްޓަރު ޑެނިއެލް ކްރެއިގްގެ ޖޭމްސް ބޮންޑުންނެވެ. ދެން އަނެއްކާ ވެސް އާ ޖޭމްސް ބޮންޑެއް ހޯދަމުން އަންނަ ކަމަށް އިއުލާނު ކޮށްފައިވާތާ މިހާރު ދެތިން އަހަރެއް ވެއްޖެއެވެ. އެއާއެކު އެ ރޯލަށް ތަފާތު އެކި އެކްޓަރުން ހޯދަމުން އަންނަ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ. އަދި އެ ރޯލަށް ފޭނުން އެންމެ ބޭނުންވާ އެކްޓަރުން ވެސް ވަނީ ހިއްސާކޮށްފައެވެ.
އެންމެ ފަހުން އަޑުތައް އިވިފައިވަނީ އެމްޖީއެމްގެ އެގްޒެކެޓިވްސްއާ މަޝްހޫރު ތަރި އެރަން ޓޭލާ ޖޯންސަން ބައްދަލު ކުރި ކަމަށެވެ. މި ބައްދަލުވުމަކީ ޖޭމްސް ބޮންޑްގެ ރޯލަށް އޭނާ ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމުގައި ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.