9000އަށް ވުރެ ގިނަ މަސްދަޅު ކޭސް މާލޭ ސަރަހައްދަށް ބަހައިފި، މާދަމާ ރޭ އިތުރު ތަންތަނުން ވެސް ބަހާނެ

20 ފެބްރުއަރީ 2025: މަސްދަޅު ކޭސް ހޯދަން ދިގު ސަފުތައް ހަދައިފައި. މުޅި ސަރަހައްދު ވަނީ މަސްދަޅު ކޭސް ހޯދަން ތިބި މީހުންނާއެކު ފުރިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރަމަޟާން މަހާ ދިމާކޮށް މާލޭގައި މިހާތަނަށް 9،394 މަސްދަޅު ކޭސް ބަހާފައިވާ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގައި މަސްދަޅު ކޭސް ބަހަން ފެށީ ރޭ 20:00އިން ފެށިގެންނެވެ. އެ ތަކެތި ބަހަނީ މިފްކޯ އޮފީސް ކޮމްޕައުންޑުގައާއި، ހެންވޭރު އެމްޓީސީސީ ސޯމިލުގައެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް --

އެ ސަރަހައްދުގައި، މަސްދަޅުކޭސް ބަހަން ފެށުމުގެ މާ ކުރިން އެތައް ބަޔަކު ކިއު ހަދައިގެން ތިބިިއިރު، އެތައް ބަޔަކު އޭގެ ފަހުން ވެސް ކިއުގައި ޖެހެމުން ދިޔައެވެ.

https://sun.mv/202847

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ މިހާތަނަށް މާލޭގައި ބެހުނު މަސްދަޅު ކޭހުގެ އަދަދުތައް ހާމަކުރައްވައިފައެވެ. އެ ގޮތުން:

  • ވިލިމާލޭގައި 582 މަސްދަޅު ކޭސް ބެހި
  • އެމްޓީސީސީ ސޯމިލުގައި 2،083 މަސްދަޅު ކޭސް ބެހި
  • މިފްކޯގައި 3،666 މަސްދަޅު ކޭސް ބެހި
  • ހިޔާ ފްލެޓު 10ގައި 1،555 މަސްދަޅު ކޭސް ބެހި
  • އުމަރު ޒާހިރު ބިލްޑިންގައި 1،508 މަސްދަޅު ކޭސް ބެހި

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މާދަމާ ރެއިން ފެށިގެން އިތުރު ތަންތަނުން މަސްދަޅު ބޭސް ބަހާނެ ކަމަށެވެ. އެ ތަންތަނަކީ:

  • ގަލޮޅު ދަނޑުގެ ހަތަރު ފަރާތު ސިޑިބަރި ކައިރި
  • ސޯޝަލް ސެންޓަރު
  • ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި އިތުރު ދެ ތަނަކުން

އެއާއެކު ޖުމްލަ 13 ތަނަކުން މަސްދަޅު ކޭސް ބަހަމުންދާނެއެވެ. އަދި އެއިން ކޮންމެ ތަނެއްގައި މަސްދަޅު ކޭސް ބެހުން ކުރިޔަށް ދާނީ ފަސް މޭޒަކުން ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ދުވާލު ހޫނުގަދަ ކަމަށް ފެންނާތީ، އެ ވަގުތު ރޯދަ ހަދިޔާ ދޫކުރުން ނޯންނާނެ ކަމަށެވެ.

މަސްދަޅު ކޭސް ބަހާނެ ގަޑިތައް:

  • މާދަމާ: 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
  • އާދިއްތަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް: 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް

މަސްދަޅު ކޭސް ބަހަ ތަންތަން އިތުރުކުރަން ނިންމާފައި ވާއިރު، ރޭ އެތައް ބަޔަށް ގިނަ އިރުވަންދެން ސަފުގައި ތިބެން ޖެހުމުން، މަސްދަޅު ކޭސް ބެހުމުގެ ކަންކަން ދޯދިޔާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރިއެވެ.

މިކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ވަނީ މައާފަށް އެދިފައެވެ. އެ ޕޯސްޓުގައި ވަނީ، މިކަމުގައި ގިނަ މީހުން ޝާމިލްކޮށް، މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމު ވަރުގަދަކުރަން މަސައްކަތް ކުރާކަމަށެވެ.

މި ޕޯސްޓުގައި ވަނީ ދިގު ކިއުއަށް ނޭރިކަމުގައި ވީނަމަވެސް، އަންނަ ހަފުތާގެ ބުދަ ދުވަހުގެ ފަހުން ވެސް މަސްދަޅު ކޭސް ބެހުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މަސްދަޅުކޭސް ބެހުން ހުއްޓާލާނީ ހުރިހާ ގޭބީސީއަކަށް ހަދިޔާ ލިބުނުކަން ޔަގީންވުމުން ކަމަށް އެ ޕޯސްޓުގައި ވެއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީފައެވެ. އަދި 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ވެސް ސަރުކާރުން މިދިޔަ ރޯދަމަހާ ދިމާކޮށް ވަނީ ހިލޭ ފޯރުކޮށްދީފައެވެ.

comment ކޮމެންޓް