މާލޭގައި ގެއެއް އިމާރާތްކުރުމަށްޓަކައި ކޮންނަނިކޮށް، ޖެހިގެން ހުރި ގޭގެ ތަޅުގަނޑުން ބައެއް ގަނބައިގެންފައިވާއިރު، އެ ކަމުގައި ދެ ގޭގެ މީހުން ވާހަދައްކައިގެން ގޮތެއް ނިންމުމަށް ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ވަނީ މ. ނަސީމީ ހިނގުމުގައި ހުރި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް، ޖެހިގެން ހުރި މ. އޭޑީއާރު ގޭގެ ތަޅުންގަނޑުން ބައެއް އަޑިއަށް ގޮސްފައެވެ. އެ ތަޅުންގަޑު ގަނބައިގަނެ، އެ ދުވަހުގެ މެންދުރު މީހަކު ވެސް ވެއްޓުނެވެ.
ހަމަ އެ ދުވަހު މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ އެ ސަރަހައްދަށް ވަޑައިގެން ހާލަތު ބައްލަވާފައެވެ.

އިމާރާތް ކުރަން ކޮންނަނިކޮށް ޖެހިގެން ހުރި ގޭގެ ތަޅުގަނޑު ގަބައިގަތް ސަރަހައްދުގައި މޭޔަރު އާޒިމް ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
'ސަން'އިން ސުވާލުކުރުމުން އާޒިމް މިއަދު ވިދާޅުވީ، އެ ހާދިސާ ހިނގި ސަރަހައްދުގެ ގެތަކުގެ އެސެސްމަންޓެއް ހަދާފައިވާ ކަމަށެވެ. މި ކަން ދިމާވެގެން އުޅެނީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ ގެއެއްގެ ބަޔަކަށް ކަމަށާއި މި ކަމުގައި ދެ ގޭގެ މީހުން ވާހަކަދައްކައިގެން ގޮތެއް ނިންމުމަށް ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެހެންވީމާ ދެ ފަރާތުން ވާހަކަދައްކައިގެން އަނެއް އިމާރާތަށް ގެއްލުން ނުވާނެ ކަހަލަ ގޮތަކަށް މަސައްކަތްތައް ބަދަލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ވާހަކަދެކެވިފައިވަނީ. އެ ކަމުގައި[ހާދިސާ ދިމާވި ދެ ގޭގެ މީހުން] ވާހަކަދައްކާފައި ކުރިއަށް ދާނީ،މާލޭގެ މޭޔަރު އާދަމް އާޒިމް
މޭޔަރު ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އޭޑީރީޑު ގެއާއި ޖެހިގެން އިރުމައްޗަށް ހުރި ގޯތީގައި އިމާރާތް ކުރުމަށް ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ގޭގެ ދަށުން ފަސްގަޑު ދޫވެގެންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި އޭޑީރީޑު ގޭގެ، ތަޅުންގަނޑު ގަނބައިގަނެގެން ގޮސްފައިވާއިރު، އެ ތަނުގެ ފުންމިން، އުނަގަނޑާއި ހަމައަށް ހުއްޓެވެ.
މި އަހަރުގެ ތެރޭގައި ވެސް މިފަދަ އިތުރު ހާދިސާއެއް ވަނީ ހިނގާފައެވެ. މި ގޮތުން، މި އަހަރު ޖޫން މަހުގެ ތެރޭގައި މާފަންނު ހަވާއީ ގޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަނިކޮށް، ޖެހިގެން ހުރި ގޭގެ ފާރު ވަނީ އެއްކޮށް ވެއްޓިފައެވެ.