ވިކީގެ ފިލްމަށް އެހާ އަވަހަށް 25 މިލިއަން ޑޮލަރު

މި މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ޗާވާ"އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި މި އަހަރު މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމަށް މި ފިލްމު ވެއްޖެއެވެ.

ބޮލީވުޑް އެކްޓަރު ވިކީ ކޯޝަލް ލީޑް ރޯލު ކުޅެފައިވާ މި ފިލްމަށް މިހާތަނަށް 25 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބިފައިވާ ކަމަށް ފޯބްސް މަޖައްލާގައި ވަނީ ބުނެފައެވެ. ފިލްމުގެ ފުރަތަމަ އޮޕެނިންގް ގްލޯބަލް ކަލެކްޝަންއިން ވެސް ފުރަތަމަ ހަފުތާ ބަންދުގައި 19 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވާ ކަމަށް ފޯބްސްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މެޑްޑޮކް ފިލްމްސްއިން އުފައްދާފައިވާ "ޗާވާ"އިން ވިކީގެ އިތުރުން ބަތަލާ ރަޝްމިކާ މަންދަންނާއާއި، އަކްޝަޔޭ ކަންނާ އަދި އަޝުތޯޝް ރާނާ މުހިއްމު ރޯލަކުން ވަނީ ފެނިފައެވެ.

ކުރީގެ މަޝްހޫރު އެކްޓަރު އަކްްޝަޔޭ ކަންނާ، ބަތަލާ ރަޝްމިކާ އަދި ވިކީ ފިލްމު "ޗާވާ"ގެ ޕޯސްޓަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު ރިލީޒްކުރިތާ އެންމެ ހަ ދުވަސް ތެރޭ 25 މިލިއަން އެމެރިކާ ޑޮލަރު ފިލްމަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި މިއީ ވިކީގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު ކަމަށް ރިޕޯޓުތައް ބުނެއެވެ. ދިނޭޝް ވިޖަން ޕްރޮޑިއުސްކުރި މި ފިލްމަކީ ޖުމްލަ 15 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.

ފިލްމު "ޗާވާ"އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މި ފިލްމުގެ ގެނެސްދިން މެޑްޑޮކް ފިލްމްސްއިން މިދިޔަ ޖަނަވަރީ މަހު ރިލީޒްކުރި "ސްކައި ފޯސް"އަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ލަކްޝްމަން އުތޭކަރު ޑައިރެކްޓްކޮށްފައިވާ "ޗާވާ"ގައި ވިކީ ކޯޝަލް ކުޅެފައިވަނީ އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީސަނބާޖީ މަހާރާޖްގެ ރޯލެވެ.

comment ކޮމެންޓް