ޝާހިދުގެ 'އޯ ރޯމިއޯ' އަންނަ މަހު ސިނަމާތަކަށް

ފިލްމު "އޯ ރޯމިއޯ"ގެ ޕޯސްޓަރުތަކެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރު ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ތުރިލާ ފިލްމު "އޯ ރޯމިއޯ"ގެ ފަސްޓް ލުކް ޕޯސްޓަރާ އެކު ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފިއެވެ.

އަހަރުތަކަކަށްފަހު ޑައިރެކްޓަރު ވިޝާލް ބަރަދުވާޖްއާ އެކު ޝާހިދު މަސައްކަތްކުރި ފިލްމު "އޯ ރޯމިއޯ" ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައި ވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހެވެ.

މި ފިލްމަކީ ފިލްމު "ހައިދަރު"، "ކަމީނޭ" އަދި "ރަންގޫން"އަށްފަހު ޝާހިދު ސޮއިކުރި ވިޝާލްގެ ހަތަރު ވަނަ ފިލްމެވެ. އިއްޔެ ބެލުންތެރިންނަށް ދައްކާލި ފިލްމުގެ ޕޯސްޓަރުގައި ޝާހިދު ފެންނަނީ ޒަޚަމްތަކާކާ އެކު ލެއިން ތެމިފޯވެފައި ހުއްޓައެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު މަސައްކަތް ފެށި "އޯ ރޯމިއޯ"އަކީ މަޝްހޫރު ފިލްމު ޕްރޮޑިއިސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުންޏަށް ވިޝާލް އުފައްދައިދޭ ފިލްމެކެވެ.

ފިލްމު "އޯ ރޯމިއޯ"ގެ ސެޓުގައި ޑައިރެކްޓަރު ވިޝާލް ބަރަދުވާޖް އަދި ދިޝާ ޕަޓާނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމު އަންނަ މަހު ރިލީޒް ކުރާނެކަން އިއުލާނުކޮށްފައި ވަނީ މިދިޔަ މަހު ރިލީޒްކުރާނެކަން އިއުލާނު ކުރުމަށްފަހު، ސިނަމާތަކަށް ގެނައުން ލަސްކުރެވުނުކަން އިއުލާނުކުރިތާ މާގިނަ ދުވަސް ނުވަނީހެވެ.

ފިލްމު "އޯ ރޯމިއޯ"އިން ޝާހިދުއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ތުރިޕްތީ ދިމްރީއެވެ. މީގެއިތުރުން ފިލްމީ ތަރިން ކަމަށްވާ ނާނާ ޕަޓޭކަރު، އަވީނާޝް ތިވާރީ، ދިޝާ ޕަޓާނީ، ފަރީދާ ޖަލާލް އަދި ދިއާ މިރްޒާ ފަދަ ތަރިން މި ފިލްމުގެ ކާސްޓުގައި ހިމެނެއެވެ.

ޝާހިދު އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރު ރިލީޒްކުރި ވަރުގަދަ އެކްޝަން ތުރިލާ "ދޭވާ"އެވެ. ޝާހިދުގެ މަސައްކަތް ކުރަމުން އަންނަ އިތުރު ފިލްމުތަކުގެތެރޭ ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ ރޮމޭންޓިކް ކޮމެޑީ ފިލްމު "ކޮކްޓެއިލް 2" ހިމެނެއެވެ.

comment ކޮމެންޓް