ތާރާ އާއި ވީރްގެ ގުޅުން ގުޑުވާނުލެވޭނެ ކަމަށް ބުނިތާ ދުވަސްކޮޅެއްފަހުން އެ ގުޅުން ނިމުމަކަށް އައި ކަމުގެ އަޑުތަކެއް

ތާރާ އަދި ވީރް އެކީގައި ރެސްޓޯރެންޓަކުން ނުކުމެގެންދާ މަންޒަރު ފެންނަ ފޮޓޯއެއް--ފޮޓޯ/އެންޑީޓީވީ

ވަރަށް ލޯބިން އެކީގައި އުޅޭ މަންޒަރު ފެނި މީޑިއާގެ ސަމާލުކަން ހޯދި ބޮލީވުޑްގެ ޒުވާން ޖޯޑު ތާރާ ސުތާރިއާ އާއި ވީރް ޕަހާރިޔާގެ ލޯބީގެ ގުޅުމަށް ނިމުމެއް އައިސްފައިވާ ކަމުގެ އަޑުތަކެއް ވަރަށް ގަދަޔަށް ދެކެވެން ފަށައިފިއެވެ.

މި ދެތަރިންގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމުގެ އަޑުތަކެއް އަރާފައި މިވަނީ ދާދިފަހުން ތާރާ ބައިވެރިވި އޭޕީ ދިލޮންގެ މުމްބާއީ ކޮންސެޓްގައި ލަވަކިޔުންތެރިޔާއާ އެކު ބަތަލާ މާ ގައިގޯޅިކޮށް އުޅުނު މަންޒަރުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ.

އެ ވީޑިއޯތަކުގައި ވީރް އެކަމާ ވަރަށް ހިތްހަމަނުޖެހިފައި ހުންނަ މަންޒަރު ފެންނަ ތަންކޮޅެއް ވެސް ހިމަނާފައިވާއިރު އެއީ އެޑިޓް ވީޑިއޯއެއް ކަމަށާއި އެފަދަ ވީޑިއޯއެއް ލުމަށްފަހު ތާރާ އާއި ވީރްގެ ގުޅުން ބަދުނާމްކުރަން ބަޔަކު އުޅުނަސް އެކަން ކާމިޔާބުނުވާނެ ކަމަށް ދެ މީހުން ވަނީ ބުނެފައެވެ.

ވީރް އާއި ތާރާ އަދި ތާރާ އޭޕީ ދިލޮންއާ އެކު ލަވަކިޔުންތެރިޔާގެ ކޮންސެޓްގައި--ފޮޓޯ/ފިލްމުފެއަ

ތާރާ އާއި ވީރްގެ ލޯބީގެ ގުޅުން ދެމި އޮންނަތާ އަހަރެއްހާ ދުވަސްފަހުން ދެ މީހުން ވަކިވެފައިވާ ކަމަށް އިންޑިއާގެ އެކި މީޑިއާތަކުން ބުނަމުން އަންނައިރު އެކަމާ ގުޅޭގޮތުން ދެ މީހުންގެ ފަރާތުން ވެސް ވަކި އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.

ހަމައެއާއެކު އާއްމުކޮށް ފިލްމީ ތަރިން އެކަކު އަނެކަކަށް ރުޅިވުމަށްފަހު ސޯޝަލް މީޑިއާތަކުން އަންފޮލޯކޮށް އެކީގައި ނަގާފައި ހުރި ފޮޓޯތައް ފޮހެލާ ނަމަވެސް އެފަދަ އަމަލެއް ދެ ތަރިންގެ ފަރާތުން ވެސް މިހާތަނަށް ފެނިފައި ނުވާތީ ނޫސްތަކުގައި ޝާއިއުކޮށްފައިވާ ޚަބަރުތަކުގެ ތެދުކަމާ މެދު ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އިންޑިއާގެ ކަޕޫރު ޚާންދާނަށް ނިސްބަތްވާ އެކްޓަރު އާދަރު ޖައިންއާ އެކު ކުރިން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ އެކްޓަރު ވީރްއާ ހިތާވެގެން އުޅުނީ ވަރަށް ލޯބިންނެވެ. ދެ ތަރިން އެހާ ލޯބިން އުޅެފައި ކުއްލިއަކަށް ވަކިވި ކަމުގެ އަޑުތައް އެރުމާ އެކު ދެ މީހުންގެ ފޭނުންނަށް ވެސް ވަނީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައެވެ.

މިދިޔަ ނޮވެމްބަރު މަހު ތާރާގެ 30 ވަނަ އުފަންދުވަސް ވީރްއާ އެކު ރާއްޖޭގައި ފާހަގަކުރިއިރު މި ނިމުނު ކްރިސްމަސް ދުވަސް ވެސް ދެ ތަރިން ފާހަގަކުރީ އެކީގައެވެ.

މީގެއިތުރުން އާ އަހަރުގެ މުނާސަބާ ފާހަގަ ކުރުމަށް ބޭރު ޤައުމަކަށް ދެ ތަރިން އެކީގައި ފުރަން ގޮސް އެއާޕޯޓުގައި ތިބި މަންޒަރު ވެސް މީޑިއާ ރިޕޯޓަރުންނަށް ވަނީ ފެނިފައެވެ.

comment ކޮމެންޓް