މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިނަމާތަކުގައި އެޅުވި އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2" އިއްޔެ ނެޓްފްލިކްސްގައި ޕްރީމިއާކޮށްފިއެވެ.
އަޖޭ ލީޑް ރޯލް ކުޅެފައިވާ މި ރޮމޭންޓިކް ކޮމެޑީ ފިލްމަކީ ލަވް ރަންޖަން ތައްޔާރުކޮށްފައިވާ ވާހަކައަކަށް އަންޝުލް ޝަރުމާ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ.
ޓީ-ސީރީސް ފިލްމްސް އާއި ލަވް ފިލްމްސް ގުޅިގެން ގެނެސްދިން "ދޭ ދޭ ޕިޔާރު ދޭ 2" އަކީ 2019 ވަނަ އަހަރު ހަމަ އެ ނަމުގައި ރިލީޒްކުރި ފިލްމުގެ ސީކުއަލްއެކެވެ. ދެވަނަ ބައިގައި ގެނެސްދިން ވާހަކަ ބިނާކޮށްފައި ވަނީ 2019އިގެ ފިލްމު ނިންމާލި ހިސާބުން ފެށިގެންނެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ދޭ ދޭ ޕިޔާރު ދޭ"އަކީ، ކުރިން ކައިވެންޏެއްކޮށް ޒުވާން ފުރައިގެ ދެ ކުދިންވެސް ތިބި ބައްޕައަކު އުމުރަށްވުރެ ހަގު އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާއިލާއަށް ފަޅާ އެރުމުން ދިމާވާ ހާދިސާތައް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ މަންޒަރެއްގައި އާރް މާދަވަން އަދި ގޯތަމީ ކަޕޫރު--ފޮޓޯ/ފިލްމުފެއަ
ހެއްވާ މަޖާ ހާދިސާތައް ވެސް އެކުލެވޭ މި ފިލްމުގެ ދެވަނަ ބައިގެ ބަތަލާގެ ރޯލް ވެސް ކުޅެފައި ވަނީ ފުރަތަމަ ފިލްމުގެ ބަތަލާ ރަކުލް ޕްރީތް ސިންގްއެވެ. ފުރަތަމަ ފިލްމުން ބަތަލާ ތައްބޫ ފެނުނު ނަމަވެސް ދެވަނަ ފިލްމުގައި ތައްބޫ ނުހިމެނެއެވެ. މީގެއިތުރުން އާރް މާދަވަން، ޖާވީދު ޖެފްރީ، މީޒާން ޖެފްރީ، ގޯތަމީ ކަޕޫރު އަދި އިޝިތާ ދައްތާ ދެވަނަ ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައިވެއެވެ.
މި ފިލްމަށް ބޮކްސް އޮފީހުގައި އުއްމީދުކުރި ވަރަށް އާމްދަނީ ލިބިފައި ނެތް ނަމަވެސް ފިލްމު އުފައްދަން ހޭދަކުރި ޚަރަދު ފޫބެއްދޭ ވަރަށް ފިލްމުގެ ވިޔަފާރި ހިނގި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.