ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ އަމިއްލަ ފައިސާއިން ކުރެވޭނެ ގޮތް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އިން މިއަދު ހަމަޖައްސައިފިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރާ ފައިސާގެ މުއާމަލާތްތަކުގައި ރުފިޔާއާއި ރުޕީސް ބޭނުންކުރުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި އާރުބީއައިއާ ދެމެދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
އާރުބީއައިއިން މިއަދު ނެރުނު ސާކިއުލާއެއްގައިވަނީ، އެ ފަހުމުނާމާގެ ދަށުން، ދެ ގައުމުގެ މެދުގައި ރުޕީސްއާއި ރުފިޔާއިން މުއާމަލާތު ކުރެވޭނެ ގޮތް ހަދަން ނިންމައިފައިވާ ކަމަށެވެ. އަދި އެ ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށް އެ ސާކިއުލާގައިވެއެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރެއްވި އެ ފަހުމުނާމާގައި ވަނީ ކަރަންޓް އެކައުންޓު މުއާމަލާތްތަކުގައިއާއި ހުއްދަ ކުރެވޭ ކެޕިޓަލް އެކައުންޓް މުއާމަލާތްތަކުގައިއާއި އެހެނިހެން އިގުތިސާދީ، މާލީ މުއާމަލާތްތަކުގައި ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ރުފިޔާއާއި ރުޕީސް ބޭނުންކުރުމަށް ބާރު އަޅައިފައެވެ.
އޭގެކުރިން އޮކްޓޫބަރު މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ވަނީ، ދެ ގައުމުގެ މެދުގައި ކުރާ ފައިސާގެ މުއާމަލާތްތަކުގައި ރުފިޔާއާއި ރުޕީސް ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
އިންޑިއާއަކީ ރާއްޖެއަށް މާލީ ގޮތުން އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާއިރު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމުގެ ބޮޑު ކެމްޕެއިނަކަށް ފަހު ވެރިކަމަށް އައި މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އިންޑިއާއާ ވަރަށް ގުޅުން ގޯސްވިއެވެ. އެގޮތުން ތިން ނައިބު ވަޒީރުން އިންޑިއާގެ ވެރިންނާއި ރައްޔިތުންނަށް ކުޑައިމީސްކޮށް ދެއްކި ވާހަކައަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައި، އިންޑިއާގައި ކެމްޕެއިނެއް ވެސް ކުރިއަށްގެންދިޔައެވެ.
އެއަށްފަހު މި ސަރުކާރުން ވަނީ އިންޑިއާއާ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެގައުމުގެ އޮފިޝަލުންނާއި ދިވެހި ސަރުކާރުން ވެސް ވަނީ އެ މަސައްކަތްތަކާއެކު އިންޑިއާއާ ގުޅުން ރަނގަޅުވެފައިވާ ކަމަށް ބުނެފައެވެ.
comment އަހްމަދުު
4 week 22 hour ago
މީ އަދި މާ އޮށްޓަރުހުރި ކަމެއްނޫން. ހަމަ ހެޑިންގް އެއް އާޅާލަން ކުރި ކަމެއް. ދުވަސްކޮޅުގެ ގޮތުން އެބަޖެހޭތާ ގިނަގިނައިން މިކަހަލަ ހެޑިންގް އަޅަން. 15 ބިލިއަނުގެ ވާހަކަ އޮއްބާލެވޭތޯ
comment ބެއްޔާގެ ދަރި
4 week 24 hour ago
މީގަ އެބަ އެނގޭތަ އާންމު މީހާ އަށް މި ފައިސާ ބޭނުންކުރެވޭނެ ގޮތެއް، ވާނެ ފައިދާއެއް؟
comment ދިލްސާ
4 week 1 day ago
ތިކަމުންވެސް ދައުލަތައްވާނެފާއިދާއެއްނެތް ހުރިހާގޮތަކުންވެސް ދައުލަތައްވާނީ މާލީބޮޑުބުރަޔަކައް ލޯނުވެސްދައްކަންޖެހޭނީ ޑޮލަރުން ހީވާގޮތައް އެއްވެސްކަމެއްނުދާނެ
comment ރަފް
4 week 1 day ago
ދެން ބޭސްކުރަން ދިވެހި ރުފިޔާ ހިފާގެން އިންްޑިޔާއަށް ދެވޭނެތޯ.؟
reply ފާއިޒުބެ
4 week 1 day ago
ބޭންކުގަ ރުޕީސް ދައުރުވަންޏާ އެފުރުޞަތު ފަހިވާނެ ކަމަށް ބަލަމާ. އެކަމަކު ރުޕީސް ދައުރު ނުވަންޏާ އުނދަގޫވާނެ. މަށަށް މިކަން ވިސްނެނީ ވަރަށްވެސް ފަހިކޮށް
reply ޚަބަރުކިއާ
4 week 1 day ago
އާއްމުމީހުނަށް އެބައެއްގެ ފައިސާއިން މުއާމަލާތު ކުރެވޭނެ ވާހަކައެއް ނެތެއްނުންތަ!
reply ސަމަރުގުންޑު
4 week 1 day ago
ނުވާނެ ތިކަމެއް. ބޭސްކުރަން އިންޑިއާއަށް ދާއިރު އެމްއެމްއޭއިން އިންޑިއާ ރުފިޔާ ގަންނަން ލިބޭނެނަމަ އަދި އެގޮތަށް ލިބޭއިރު ޑޮލަރު މާރުކޮށްގެން ލިބޭ ރޭޓަށްވުރެ ބޮޑު ނުވާނަމަ އެގޮތް ފަސޭހަވެދާނެ. އެކަމަކު މިހާރު މިއުޅެނީ އަދި އެއްވެސް ފަސޭހައެއް ރައްޔިތަކަށް ވާ ހިސާބެއްގަނޫން.