އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް މިޔަންމާގެ ރޮހިންގާ މުސްލިމުންގެ ހައްގުގައި ހުށަހަޅައިފައިވާ މައްސަލައިގައި ރާއްޖެއިން ތަދައްޚުލްވެ، ލިޔުން ހުށަހަޅައިފިއެވެ.
މިޔަންމާގައި އާބާދީ މަދު ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި، ލާއިންސާނީ އަމަލުތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް އައިސީޖޭއަށް މައްސަލައެއް ހުށަހެޅީ ނޮވެންބަރު 11، 2019ގައެވެ. އެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް އޮތީ ގެމްބިއާއެވެ.
އެ މައްސަލައަށް ތަދައްޚުލުވާން ރާއްޖެއިން ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ހުށަހެޅުމުން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އައިސީޖޭއިން ވަނީ އެ ފުރުސަތު ރާއްޖެއަށް ދީފައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ތަދައްޚުލުވާ އިދާރާއެއްގެ ދައުރާ އެއްގޮތްވާ ގޮތުގެ މަތިން ބަންޑާރަނައިބު އަޙްމަދު އުޝާމްގެ ފަރާތުން މިދިޔަ ހުކުރު ދުވަހު އައިސީޖޭއަށް ލިޔުން ހުށަހަޅައިފައިވާ ކަމަށެވެ.
އެ އޮފީހުން ބުނި ގޮތުގައި ރާއްޖެއިން ހުށަހެޅި ލިޔުމުގައި އަލިއަޅުވާލާފައިވާނީ، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތަކުގެ މާނަކުރުމަށެވެ. އެގޮތުން ވަކިން ޚާއްސަކޮށް، އެ މުއާހަދާގައި ގަތުލްއާންމުގެ މައްސަލަތަކުގައި އަދަބު ދިނުމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ މާއްދާތައް، "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތަށް އަލިއަޅުވާލާފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ރޮހިންގާ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާ ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ އޮފީހުން ވަނީ ދީފައެވެ.
ރޮހިންގާ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާއިން ދެކޭ ގޮތުގައި އެއީ އެގައުމަށް އެތެރެވެފައިވާ ބަންގުލަދޭޝްގެ ބަޔެކެވެ. އަދި ރޮހިންގާ މުސްލިމުންނަށް ރަށްވެހިކަން ދިނުން ފަދަ ހައްގުތަކުން އެމީހުންވަނީ މަހުރޫމްކޮށްފައެވެ.
މިޔަންމާގައި 2016 ވަނަ އަހަރު، އޭރުގެ ލީޑަރު އަންގް ސަން ސޫޗީގެ ވެރިކަމުގައި، ރޮހިންގާ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ސްޓޭޓުގައި އެ ގައުމުގެ ސިފައިން އަސްކަރީ އޮޕަރޭޝަނެއް ފެށިއެވެ. އެ އޮޕަރޭޝަނުގައި ގަތުލުއާންމު ހިންގައި، ގިނަ ބަޔެއްގެ ގެތަކުގައި ރޯކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބުނެއެވެ.
އޭގެ ސަބަބުން މިޔަންމާ ދޫކޮށް ދާން މަޖުބޫރުވި ރޮހިންގާ ދަރިކޮޅުގެ މީހުންގެ އަދަދު މިލިއަނަކަށް ވުރެ އިތުރުވާނެ ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.