ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް އެ ގައުމުގެ ރަސްގެފާނަށް ފަތްކޮޅު އަރުވައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ބޭންކޮކްގައި ހުންނަ ޝާހީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ފުއާދު، ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ފުއާދުވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހީންގެ ފަރާތުން ތައިލެންޑުގެ ރަސްގެފާނަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ.
މީގެ އިތުރުން ރާއްޖެއާއި ތައިލެންޑުގެ ޒަމާންވީ ގުޅުން ފާހަގަކުރައްވައި، މިހާރަށް ވުރެ ވެސް އިތުރަށް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން އޭނާ ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ތައިލެންޑަށް އައްޔަންކުރެއްވި ސަފީރުންގެ ތެރެއިން ރަސްގެފާނަށް ފަތްކޮޅު އެރުއްވި ފުރަތަމަ ސަފީރަކީ، 2020ގައި އެ މަގާމަށް އައްޔަންކުރި މުޙައްމަދު ޖިނާހެވެ.
އީސީގައި ފުއާދުގެ ދައުރު ހަމަވީ މިދިޔަ ނޮވެމްބަރު މަހުގެ 23ވަނަ ދުވަހަށެވެ. އޭނާ ވަނީ މީގެ ކުރިން ފޮރިން މިނިސްޓްރީއާއި ސާކްގައި ވެސް މަސައްކަތް ކުރައްވައިފައެވެ.
ރައީސް، ތައިލެންޑުގެ ސަފީރު ކަމަށް ފުއާދު އައްޔަންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 16ގައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން ފާސްކުރީ ޑިސެމްބަރު މަހުގެ ނުވައެއްގައެވެ.
ރާއްޖެއާއި ތައިލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ ޖޫން 21، 1979ގައެވެ.