ސްނޯ ވައިޓަށް 100 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ

ޑިޒްނީގެ ކްލެސިކް ކެރެކްޓަރު "ސްނޯ ވައިޓް"އަށް ބިނާކޮށް އުފައްދާ ލައިވް އެކްޝަން ފިލްމު ބޮކްސް އޮފީހުގައި ބޮޑު ފްލޮޕަކަށްވެ 100 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ ކަމަށް ލަފާކޮށްފިއެވެ.

ޑިޒްނީގެ އެންމެ މަގުބޫލު ކެރެކްޓަރުންގެ ތެރޭގައި ހިމެނޭ ސްނޯ ވައިޓަށް ބިނާކޮށް ފިލްމެއް ނެރެން އުޅޭ ކަން ޑިޒްނީން އިއުލާނު ކޮށްފައި ވަނީ 2022ވަނަ އަހަރުގައެވެ.

ފިލްމު އިއުލާނު ކުރުމާއެކު ފިލްމުގެ ކާސްޓާ މެދު އެތައް ބައެއްގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ ސްނޯ ވައިޓްގެ ރޯލުން ފެންނަ ލެޓިން އެކްޓަރު ރޭޗެލް ޒެގްލާއާ ގުޅިގެންނެވެ. މީހުން ބުނާ ގޮތުގައި އޭނާގެ ހަމުގެ ކުލަ ރޯލަކަށް ނުފެތެއެވެ. ދެން ހިޔާލު އުފެދުނީ އިޒްރާއިލު އެކްޓަރު ގަލް ގަޑޯޓް ފިލްމުގެ ލީޑު ރޯލަކަށް ހަމަޖެއްސުމާ ގުޅިގެންނެވެ.

ކަންތައް މިހެން އޮތް އިރު ފިލްމުގެ ޓްރެއިލާތަކުން ވެސް އާންމުންގެ މެދުގައި ފިލްމަށް އޮތް ޝައުގުވެރިކަން ބޮޑެއް ނުވިއެވެ.

އެއާއެކު ފިލްމުގެ އާމްދަނީ އެނަލިސްޓުން ބުނާގޮތުގައި ފިލްމު ވެގެން ދާނީ ބޮޑު ފްލޮޕަކަށެވެ. އަދި ފިލްމުގެ ސަބަބުން ޑިޒްނީ އަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށްވެސް އެނަލިސްޓުން ބުނެއެވެ. ލަފާ ކުރާ ގޮތުގައި ފިލްމަށް 100 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ އެވެ.

މި ފިލްމަކީ 209 މިލިއަން ޑޮލަރުގެ ބަޖެޓެއްގައި އުފައްދާ ފިލްމެކެވެ. އެހެންވީމާ ފިލްމުން ފައިދާއެއް ހޯދުމަށްޓަކައި ބަޖެޓުގެ ދެގުނަ އާމްދަނީގެ ގޮތުގައި ހޯދަން ޖެހޭނެއެވެ. އެއީ ފިލްމުގެ މާކެޓިންއަށް ވެސް ބޮޑު ހަރަދެއް ދާނެތީއެވެ. އަދި މި ހުރިހާ ހަރަދަކަށް ބަލައި ފިލްމުގެ އާމްދަނީ 400 މިލިއަން ޑޮލަރު ފަހަނަ އަޅައި ދާނެ ކަމަށް ނުބެލެވޭ ކަމަށް އެނަލިސްޓުން ބުނެއެވެ. އެހެންވީމާ ފިލްމުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ޑިލޭ އަކަށްފަހު ޑިޒްނީއިން މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 21ގައެވެ.

comment ކޮމެންޓް