ބަންކަރިންނަށް ޚާއްސަކޮށްފައި އޮތް، އިހަވަންދިއްޕޮޅު ސަރަހައްދު ހިއްކައި، ތެޔޮ ރައްކާ ކުރެވޭނެ އިންތިޒާމާ އެއްކޮށް ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިގުތިޞާދީ ވަޒީރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެއެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވެހުއެވެ. ދެ ބޯޓެއް ބޭނުންކޮށް، އެ ޚިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ.
އިއްޔެ އިގުތިޞާދީ ކަންކަމާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ބަންކަރިންގެ ޚިދުމަތާ ގުޅޭ ސުވާލުތައް ވަޒީރު ސައީދަށް އަމާޒުކޮށްފައެވެ.
އެގޮތުން، އެސްޓީއޯއާ ހަވާލާދީ ވަޒީރު ސައީދު ވިދާޅުވީ، ބަންކަރިންގެ މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ވަޒީރު ސައީދު އިއްޔެގެ ނުސްވެރިންގެ ބައްދަލުވުމުގައި ---- ފޮޓޯ/ ރައީސް އޮފީސް
އެ ސަރަހައްދުގައި އޮފް ޕޯޓް ގާއިމުކޮށް، އެ ޕޯޓުގައި ބަހައްޓަނީ ކާގޯކަން ސައީދު ހާމަކުރެއްވިއެވެ. މިސާލެއްގެ ގޮތުން ސައީދު އިޝާރާތްކުރެއްވީ، އަވަށްޓެރި ލަންކާއަށެވެ. އެގޮތުން އެ ގައުމުގައި ބޮޑު ކޮމާޝަލް ބަނދަރެއް އެބަ އޮތް ކަމަށާއި އެއްގަމުގައި ވަސީލަތްތައް ގާއިމުކޮށްފައި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންނާ ގާތް އެހެން ގައުމުތަކުގައި ވެސް އެ ވަސީލަތްތައް ހުރިއިރު، އަޅުގަނޑުމެންގެ އަދި އެ ވަސީލަތްތަކެއް ނެތް. އެ ވަސީލަތްތައް ގާއިމުކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެވަސީލަތަކީ ބިން ހިއްކާފައި، އެބިމުގައި ފިއުލް ސްޓޯރް ކުރުމުގެ މަސައްކަތްތައް ގާއިމުކުރުން. އެކަން ކުރީމަ އަދި އެއާ އެއްކޮށް ބަނދަރު ގާއިމުކުރުންއިގުތިޞާދީ ވަޒީރު މުޙައްމަދު ސައީދު
ސައީދު ވިދާޅުވީ، އެފަދައިން އެކަން ކުރުމުން ކަނޑުގައި ބޯޓު ބާއްވައިގެން ޚިދުމަތް ދިނުމަށް ވުރެ ގިނަ ލުއިތަކެއް ލިބޭނެ ކަމެއް ކަމަށެވެ. ކަމެއްގައި ކުރިއެރުމެއް ލިބޭނީ އެކަމެއް ފެށުމުން ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ސައީދު -- ސަން ފޮޓޯ/ މޫސާ ނަދީމް
ބަންކަރިންގެ ޚިދުމަތް ފެށި ފަހުން މިއަދަށް ފަސް މަސް ވެފައިވާއިރު، މިހާތަނަށް ދެ ސިޕްމަންޓުގެ ޓްރާންސެކްޝަނެއް ހިންގާފައިވާ ކަމަށާއި ތިން ވަނަ ޝިޕްމަންޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް، އެ ސިޕްމަންޓުތަކުން ލިބުނު އާމްދަނީގެ ތަފުސީލުތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ވަޒީރު ވަނީ އެންމެ ރަނގަޅުވާނީ އެ މައުލޫމާތު އެސްޓީއޯއިން ހޯދުމުން ކަމަށް ވިދާޅުވެފައެވެ.
އެއާއެކު، ސަރުކާރަށް އެއް އަހަރުވުމާ ގުޅުވައި މިދޔަ އަހަރުގެ ނޮވެމްބަރު 13ގައި ބޭއްވި ޕްރޮގްރާމެއްގައި ސައީދު ވަނީ ބަންކަރިން ޚިދުމަތުން އޭރު 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ވަޒީރު ވަނީ، ރާއްޖޭގެ އުތުރުގައި 300އާއި 450އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރު ކުރަމުންދާ ކަމަށާއި އެ ބޯޓުފަހަރުތަކުގެ އެއް ޕަސެންޓަށް ބަންކަރިންގެ ޚިދުމަތް ދިނަސް، ޚިދުމަތް ފަށާ ފުރަތަމަ އަހަރު ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ.
comment ސަލާމް
1 month 1 week ago
ދޮންމަނިކު އެބުނާހެން، މުއިއްޒުގެ ސެލެކްސަން ޕުރޮސެސް އަށް އެވާޑެއް ދޭވަރުވޭ. މެރިޓައިމް ދާއިރާއަށް އެއްވެސް އަޅާލުމެއް ނުދީ އޭގެން ލާރި ހޯދަން ތެޅޭތަން ފެންނަނީ. ކަމެއް ކުރާނެ ގޮތް ނޭގި ތެޅެނީ.
comment ދޮންމަނިކު
1 month 1 week ago
ސައީދަށް އެގިލައްވާބާ ބަނދަރާ، ބޮޓާ، ބަންކަރިން ޢަކީ ކޮބާކަން؟ މެރިޓައިމް އާ ބެހޭ ހުރިހާ ތާކަށް ލާފައި ހުރީ ބޯޓަކީ ކަނޑުގައި ދުއްވާ އުޅަދެއްކަންވެސް ނޭގޭ މީހުން.