ބަންކަރިން ޚިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރަށް އެއް އަހަރު ފުރުމުގެ ގޮތުން ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ހަފުތާ 52ގެ ނަމުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެ ޕްރޮގްރާމުގައި އޭނާ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހެއްދެވި މެދުރާސްތާގެ އިސްތިރާޖީ ތިން އަހަރުގެ ޕްލޭން ފިޔަވައި އެއްވެސް މެދު ރާސްތާގެ ރިޕޯޓެއްގައި ފަތުރުވެރިކަން ފިޔަވައި އެހެން ސިނާއަތަކުން އާމްދަނީ ލިބޭނެ ގޮތެއް ހިމަނާފައި ނުވާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އިގުތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފަށައިފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.
"މި އޮތް ދަތީގައިވެސް، އޮފް ޝޯ ޚިދުމަތެއްގެ ގޮތުގައި ފަށައިގެންވެސް ގާތްގަނޑަކަށް އެކެއް 1.5 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް މިހާރުވެސް އެސްޓީއޯ ހޯއްދަވައިފި،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަޝްރޫއުގެ ދަށުން ބަނދަރު ހަދާނެ ފަރާތެއް މިހާރު ލިބިފައިވާ ކަމަށާއި އިންޓަނޭޝަނަލް ފައިނޭންސިން ސެންޓަރު ވެސް މިހާރު ގާއިމްކޮށްފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް މިވަގުތު ލިބޭ އާމްދަނީއަށް ބަލާއިރު ސަރުކާރަށް ވަންނަނީ 65 މިލިއަން ރުފިޔާ ކަމަށެވެ. އަދި ރިކަރަންޓު ޚަރަދުގެ ގޮތުގައި 96 މިލިއަން ރުފިޔާ ހިނގާއިރު ދުވާލަކަށް 40 މިލިއަން ރުފިޔާ ދަރަނިވެރިވާކަމަށް ސައީދު ވިދާޅުވިއެވެ.
"އޭގެ މާނައަކީ ދުވާލަކަށް ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރު ކޮންމެ ދުވަހަކު ރާއްޖެ މިދަނީ ޑެފަސިޓަށް،" އޭނާ ވިދާޅުވިއެވެ.
ރާއްޖެ މި ހާލަތުގައި އޮތްއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާ ފަދަ ސިޔާސަތުތަކެއް ތަންފީޒު ނުކުރާ ނަމަ މާޒީ ތަކުރާރުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް، އޮފްޝޯ ޚިދުމަތެއްގެ ގޮތުގައި މިހާރި ދެނީ ދެ ބޯޓެއް ބޭނުންކޮށްގެންނެވެ. އެ ޚިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ.
ސައީދު މީގެ ކުރިން ވަނީ، ރާއްޖޭގެ އުތުރުގައި 300 އާއި 450އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރު ކުރަމުންދާ ކަމަށާއި އެ ބޯޓުފަހަރުތަކުގެ އެއް ޕަސެންޓަށް ބަންކަރިންގެ ޚިދުމަތް ދިނަސް، ޚިދުމަތް ފަށާ ފުރަތަމަ އަހަރު ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ.