ކިތަންމެ ކުރިން ލަނޑު ޖެހިޔަސް، މިލާން ކަޓައިފި

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ޓީމުގެ ބުރުން ޖާގަ ނުލިބި އޭސީ މިލާން އެ މުބާރާތުން ކަޓައިފިއެވެ.

މިލާން މި މުބާރާތުން ކަޓާފައިވަނީ ޕްލޭ އޮފްގައި ފެޔެނޯޑާ ބައްދަލުކޮށް 2-1ގެ އެގްރިގޭޓް ނަތީޖާއަކުން ފެޔެނޯޑް ކުރި ހޯދުމުންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ފެޔެނޯޑްގެ ދަނޑުގައި ކުޅެ 1-0 އިން ކާމިޔާބުކޮށްފައިވަނީ ފެޔެނޯޑެވެ. ދެ ޓީމުގެ މެދުގައި ރޭ ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގެ ކުޅުން ފެށިޔާ 36 ސިކުންތުގެ ތެރޭގައި މިލާނުން ވަނީ ދާދި ފަހުން ފެޔެނޯޑުން މިލާނާ ގުޅުނު ސަންޓިއާގޯ ގިމެނޭޒް ޖަހައިދިން ލަނޑުން މެޗުގެ ލީޑު ނަގައި، އެގްރިގޭޓް ނަތީޖާއިން ހަމަހަމަކޮށްފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކާމިޔާބުކުރި އެންމެ އަވަސް ލަނޑެވެ. މެޗުގެ ފުރަތަމަ ހާފުގައި މިލާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ފެޔެނޯޑަށް ގިނައިރު ޖެހުނީ ޑިފެންސަށް އިސްކަންދީ އިތުރު ލަނޑެއް ބައިކޮޅަށް ވަނަނުދީ ފަރުޖެއްސޭތޯ މަސައްކަތް ކުރުމެވެ. އެއާ ހިލާފަށް މިލާނަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފެމުންދިޔަ ތަނެއް ނުފެނުނެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒަށް ދެއްކި ދެވަނަ ރަތް ކާޑާ އެކު، މިލާނަށް ދަތިތަކާ ކުރިމަތިވިއެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ހޫލިއަން ކަރަންޒާ ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށް، އެގްރިގޭޓް ނަތީޖާއިން ފެޔެނޯޑް ކުރި ހޯދުމެވެ. މިލާނުން އަލުން ލީޑު ނެގޭތޯ މަސައްކަތްކުރި ނަމަވެސް އެ ޓީމަށް އެކަން ވާގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ފަހު 16 ޓީމުގެ ބުރުން ފެޔެނޯޑަށް ޖާގައެއް ކަށަވަރުވިއެވެ. ފެޔެނޯޑްގެ އިތުރުން ކްލަބް ބްރޫޖް ވެސް ވަނީ މި މުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ.

ބްރޫޖް ޖާގަ ކަށަވަރުކުރީ މި ފަހަރުގެ ޕްލޭ އޮފްގައި މިހާތަނަށް ފެނުނީ އެންމެ ހައިރާން ކުރުވަނިވި ނަތީޖާއާއެކުއެވެ. ކްލަބް ބްރޫޖް މި ޖާގަ ކަށަވަރުކޮށްފައިވަނީ ޕްލޭ އޮފްގައި އެޓަލާންޓާއާ ބައްދަލުކޮށް 5-2ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

comment ކޮމެންޓް