އެޗްބީއޯއިން ދާދިފަހުން ޕްރިމިއާ ކޮށްފައިވާ "ވައިޓް ލޮޓަސް" އަކީ މިވަގުތު ސޯޝަލް މީޑިއާގައި އެންމެ ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ ޝޯއެވެ. އެންމެނަށް ޝޯ ކަމުދިޔަ ނަމަވެސް މި ވަގުތު ގިނަ ބަޔަކު އަންނަނީ މައްސަލަތަކެއް ޖައްސަމުންނެވެ. އެއީ ޝޯގެ ތީމް ލަވައާ ގުޅިގެންނެވެ.
ޑްރާމާ ޝޯ ވައިޓް ލޮޓަސްއަކީ ރިލީޒްކުރުމާއެކު ބޮޑު މަގުބޫލުކަމެއް ހޯދަން ފަށާފައިވާ ޝޯއެކެވެ. މި ޝޯ ދައްކަމުން ދިޔަ ދުވަސްވަރު މުޅި އިންޓަނެޓުން މި ޝޯގެ ވާހަކަ ނޫން އެހެން ވާހަކައެއް ނީވެއެވެ.
އެޗްބީއޯއިން މިދިޔަ އާދިއްތަ ދުވަހު ވަނީ ޝޯގެ ތިންވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑު ޕްރިމިއާ ކޮށްފައެވެ. އެއާއެކު މުޅި ސޯޝަލް މީޑިއާގައި މިހާރު ދައްކަމުން އަންނީ ޝޯގެ ވާހަކައެވެ. ނަމަވެސް ފޭނުންނަށް މި ސީޒަނުން ކަމެއް ހަޖަމެއް ނުވިއެވެ. އެއީ ޝޯގެ ތީމު ލަވައެވެ.
ޝޯގެ ފުރަތަމަ ދެ ސީޒަންގައި ބޭނުންކޮށްފައިވަނީ އެއްކަހަލަ ތީމް ލަވައެކެވެ. ނަމަވެސް ދެ ސީޒަންގައި ވަނީ އެއް ތީމް ލަވަ ދެގޮތަކަށް ބަދަލުކޮށްލާފައި އޭގެ އަސްލު ނުގެއްލޭ ގޮތަކަށް އާންމުކޮށްފައެވެ. ނަމަވެސް ތިންވަނަ ސީޒަން ޕްރިމިއާ ކޮށްފައިވަނީ މުޅީން އާ ތީމް ލަވައަކާއެކުގައެވެ.
އެއާއެކު އެތައް ފޭނުންނެއް ބުނަމުން އަންނަނީ ތީމް ލަވަ ކަމު ނުދާ ކަމަށެވެ. އަދި ތީމް ލަވައާ ގުޅިގެން ޝޯ މަތީން ފޫހިވާ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އެތައް ބަޔަކު ވަނީ ބުނެފައެވެ. އެއާ ގުޅިގެން ޝޯ ހުއްޓާ ނުލެވުނީ ކިރިޔާ ކަމަށް ވެސް އެތައް ބަޔަކު ބުނެއެވެ.
ކޮންމެ ސީޒަނެއްގައި ތަފާތު މަންޒިލަކަށް ޚާއްސަކޮށްގެން ދައްކާ މި ޝޯގައި މި ފަހަރު ފެންނާނީ ތައިލެންޑެވެ. އާ ސީޒަނާއެކު ޝޯގެ ކާސްޓަށް ވެސް ބޮޑެތި ބަދަލުތައް އާދެއެވެ. މިފަހަރު ކާސްޓު ވަނީ ކުރީ ސީޒަނާ ބަލާއިރު އެއްކޮށްހެން ބަދަލު ވެފައެވެ.
ތިންވަނަ ސީޒަންގެ އެންމެ ޚާއްސަ އެއް ތަރިއަކީ ކޭޕޮޕްގެ އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ ލިސާ މަނޮބަންއެވެ. މިއީ ލިސާ އެކްޓުކުރުމަށް ނުކުންނަ ފުރަތަމަ އުފެއްދުމެވެ.
ވައިޓް ލޮޓަސްއަކީ ބޮޑު ކާސްޓެއް އޮތް ޝޯއެކެވެ. ލިސާގެ އިތުރުން މިފަހަރު އެންމެ ފާހަގަކުރެވޭ ތަރީންގެ ތެރޭގައި ހިމެނެނީ ޕެޓްރިކް ޝްވާޓްސެނޭގާ އާއި އެއިމީ ލޫއެވެ.