ޝަކީރާ ބަލިވެ އެޑްމިޓްކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޕަފޯމަރު ކަމަށްވާ ޝަކީރާ ޝޯތަކުގެ ތެރެއިން ވަރަށް ބޮޑަށް ބަލިވެ އެޑްމިޓު ކޮށްފިއެވެ.

އުމުރުން 48 އަހަރުގެ ޝަކީރާ ދާދިފަހުން ސޯޝަލް މީޑިއާއަށް އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ މި ވަގުތު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށެވެ.

ޕެރޫގެ ވެރިރަށް ކަމަށްވާ ލައިމާއަށް ޝޯއެއް ދިނުމަށް ގޮސްފައިވަނިކޮށް ޝަކީރާގެ ބަނޑަށް ވަރަށް ބޮޑަށް ތަދުވާތީ މީގެ ދެ ދުވަހެއް ކުރީން ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ. އެއާއެކު ލައިމާގެ ހޮސްޕިޓަލެއްގައި އޭނާ ވަނީ އެޑްމިޓްކޮށްފައެވެ.

ހޮސްޕިޓަލުގައި މިވަގުތު އޭނާއަށް ފަރުވާ ދެމުންދާއިރު އޭނާ ދިނުމަށް ހަމަޖެހިފައިވާ ޝޯ ވަނީ ޑިލޭ ކޮށްލާފައެވެ. އެ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ރޭގައެވެ. އަދި އެ ޝޯ އަލުން ބާއްވާނެ ދުވަހެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ޝޯ ކެންސަލުކޮށްލަން ޖެހުމުން އެކަމާ ފޭނުންގެ ކިބައިން އޭނާ ވަނީ މައާފަށް އެދިފައެވެ.

ޝަކީރާ، ޕެރޫގައި ދިނުމަށް ހަމަޖެހިފައިވާ ޝޯއަކީ އޭނާގެ މިއަހަރު ފަށާފައިވާ ދުނިޔޭގެ ޓުއާގެ ތެރެއިން ޝޯއެކެވެ. އެގޮތުން މިދުވަސްކޮޅު ޝަކީރާ ޝޯތައް ދެމުން އަންނަނީ ލެޓިން އެމެރިކާގެ ގައުމުތަކުގައެވެ. މި ޓުއާ ފަށާފައިވަނީ ރިއޯ ޑި ޖެނެއިރޯގައެވެ.

މިއަހަރުގެ ޖޫންގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޓުއާގައި 50 ޝޯއެއް ދިނުމަށް ހަމަޖެހިފައިވާއިރު އެމެރިކާއާއި ކެނެޑާގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވެސް ޝޯ ދިނުމަށް ވަނީ ނިންމާފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު ޝަކީރާ މިފަދަ ބޮޑު ޓުއާއެއް ފަށާފައިވާއިރު ގިނަ ބައެއްގެ ތަރުހީބު މި ޓުއާއަށް އަންނަނީ ލިބެމުންނެވެ.

comment ކޮމެންޓް