ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރައްވައިފައިވާ އިސްލާހީ މަސައްކަތްތަކުގެ ދަށުން، މިފްކޯއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ތިން ޖެނެރަލް މެނޭޖަރަކު މަގާމުން ވަކިކޮށްފިއެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ރައީސްގެ އިސްލާހީ އެޖެންޑާގެ ދަށުން އެ ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން މެނޭޖުމެންޓުގެ މަސައްކަތްތައް ބަލަމުން އަންނަ ކަމަށެވެ. އެގޮތަށް ބެލުމަށްފަހު، ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް ގެނައުމުގެ މަސައްކަތްތައް މިހާރު ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ބުނީ އެ ކުންފުނިން އިސްލާހީ މަސައްކަތްތައް ފެށީ މިދިޔަ އަހަރު ކަމަށާއި މަގުސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން ކަމަށެވެ.
މިފްކޯއިން ވަކިކުރި ޖެނެރަލް މެނޭޖަރުންނާއި އެ މީހުންގެ މަސައްކަތާ ގުޅޭ އިތުރު މައުލޫމާތެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.
މި ސަރުކާރުގެ އިސްލާހީ އެޖެންޑާގެ އެންމެ މުހިންމު އެއް މަސައްކަތަކީ ދައުލަތުގެ ކުންފުނިތައް އިސްލާހު ކުރުން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެއެވެ.
މީގެ އިތުރުން، މީގެ ކުރިން ރައީސް ވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ވިދާޅުވެފައެވެ. އެ މަގުސަދުގައި މިދިޔަ ޑިސެމްބަރު މަހު މިފްކޯއަށް ވަނީ ބޭރުގެ ސީއީއޯއެއް އައްޔަންކުރައްވައިފައެވެ.
އެ ސީއީއޯ ޑރ. ވިޓާލީ ލްޔުބިމޯވް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ، އެ ކުންފުންނަށް ސިޔާސީ ނުފޫޒު ފޯރުވަން ނުވަތަ އެ ކުންފުނީގެ މެނޭޖްމެންޓަށް އެއްވެސް ބާރެއް ފޯރުވަން މަސައްކަތް ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ނުފޫޒެއް ފޯރުވަން މަސައްކަތްކޮށްފި ނަމަ އެކަން ކުރާ ބަޔެއްގެ މައުލޫމާތު އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.