ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުންނާއި ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނައީ އެކަން ކުރަން އޮންނަ އިޖުރާއަތާ ވެސް ޚިލާފަށް ކަމަށް ގަބޫލުކުރައްވާ ކަމަށް މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހު ބާތިލުކޮށްދޭން އެދި ހުށަހެޅި މައްސަލަ އިއްޔެ ވަނީ ސުޕްރީމް ކޯޓުގައި ފަށާފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ވެސް އެބަ ބާއްވައެވެ.
ޝަރީއަތުގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ އަލީ ހުސައިން ވިދާޅުވީ، ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ އެކަން ކުރަން އޮންނަ އިޖުރާއަތާ އެއްގޮތަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ، އެއީ އިޖުރާއަތާ އެއްގޮތަށް ކުރި ކަމެއް ކަމަށް ދައުލަތުން ބުނާ ބުނުމަށް ވަނީ އިއުތިރާޒުކޮށްފައެވެ.
އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ 12 ވަނަ ޗެޕްޓަރުގައި އެ އަސާސީ އިސްލާހުކުރަން އޮންނަ އިޖުރާއަތްތައް ފުރިހަމަކުރި ކަމަށް ފެނުނަސް އެކަން ކުރި ކަމަށް އެ ބޭފުޅުން ގަބޫލުނުކުރައްވާ ކަމަށެވެ.
އެ ގޮތުން، ގާނޫނުއަސާސީއަށް ބޭނުންވާ އިސްލާހުތައް ހުށަހެޅި ދުވަހު ވަގުތުން މަޖިލީހުގައި ހިންގަންޖެހޭ ތިން ކިޔުން ހިންގައި، ހަމަ އެ ދުވަހު މަޖިލީހުން ފާސްކޮށް، އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރެއްވުމަކީ މަޖިލީސް މެންބަރުން އަމަލުކުރަން ޖެހޭ މަޝްވަރާގެ އުސޫލާ ވެސް ހިލާފު ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
"އިޖުރާއަތްތަކާ އެއްގޮތަށް ފާސްކުރި ކަމަށް ބެލޭނެ ޖާގައެއް ހަގީގަތުގައި ނެތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.
އަލީ ހުސައިން އެގޮތަށް ވަކާލާތު ކުރެއްވި ނަމަވެސް ދައުލަތުގެ ފަރާތުން ވަނީ މި އިސްލާހަކީ ގާނޫނުއަސާސީ އިސްލާހުކުރަން އޮންނަ އިޖުރާތްތައް ފުރިހަމަކޮށްގެން ގެނެސްފައިވާ އިސްލާހެއް ކަމަށް ބުނެފައެވެ. ދައުލަތުން ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ވެސް ބުނެފައެވެ.
އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ:
ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ ފަސް މާއްދާއަކާ ހިލާފު ކަމަށް ފާހަގަކޮށްފައިވެއެވެ. އެއީ؛ ހަތަރުވަނަ މާއްދާއާއި އަށްވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއެވެ.
ހަތަރުވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އަށްވަނަ މާއްދާގައި ބުނަނީ، ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެމަތީން ކަމަށެވެ.
ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނަނީ:
މި ޤާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ޙައްޤުތައް ލިބިގެންވެއެވެ.
- (ހ) އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤު. މި ފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ.
- (ށ) އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު.
- (ނ) އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާ އެކު އިޚުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު.
އެ އަސާސީގެ 75 ވަނަ މާއްދާގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެ ކަމަށާއި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެ ކަމަށެވެ.
ނުވަދިހަވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެ މީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާ މެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެ ކަމަށެވެ.
އަދި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލަވުންތަކާ ބެހޭ ވާހަކަތައް ތެދުބަހުން ކަންހިނގި ގޮތުގެ ހަޤީޤަތް ނުގެއްލޭގޮތަށް ޝާއިޢުކުރާ ނުވަތަ ހާމަކުރާ މީހަކާ ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާ މެދު އަދި އެފަދަ ވާހަކައެއް ޝާއިޢުކުރި ނޫސް މަޖައްލާއަކާ މެދު އެއްވެސް ދަޢުވާއެއްކޮށް އަދި ފިޔަވަޅެއް އަޅައިގެނެއް ނުވާނެ ކަމަށެވެ.

ގާނޫނުއަސާސީ --- ސަން ފޮޓޯ
އެ މައްސަލަ ހުށަހަޅަން ޖެހުނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު މެންބަރުން އިންތިޚާބުވި ޕާޓީން، އެ މެންބަރަކު ވަކިކޮށްފި ނަމަވެސް ގޮނޑި ގެއްލޭނެތީއެވެ. އެހެންވެ، މެންބަރުންގެ މިނިވަންކަމަށް އަސަރުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ގޮވާލައްވައިފައެވެ. ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވެސް ވަނީ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީން އަންނަނީ އެ އިސްލާހު ދިފާއުކުރަމުންނެވެ.
އެ ގޮތުން، މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކުގެ ކޮމިޓީތަކަށް ނުދޭނެ ކަމަށާއި ޕާޓީތަކުން މެންބަރުން ވަކިކުރެވޭނެ ގޮތުގެ ގާނޫނެއް އެކުލަވައިލާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.