ޒުވާނުންނާއި ދަރިވަރުން އިސްރަށްވެހިންގެ ހުނަރާއި ތަޖުރިބާތައް ދަސްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގައި ހުޅުވި އިސްރަށްވެހިންގެ ނާދީއަށް އަހަރެއް ވުމާ ގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމަނާ ވިދާޅުވީ، އިސްރަށްވެހިންނަކީ އެތައް ހުނަރަކާއި ތަޖުރިބާތަކުގެ ޚަޒާނާއެއް ކަމަށެވެ. ކޮންމެ އިސްރަށްވެއްސަކީ ގިނަ މައުލޫމާތުތަކެއް ހުންނާނެ ދިރިހުރި ކުތުބުޚާނާއެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.
އެހެންވެ،ސާޖިދާ ވަނީ އިސްރަށްވެހިންނަށް އިލްތިމާސެއް ކުރައްވާފައެވެ. އެއީ އިސްރަށްވެހިންގެ ތަޖުރިބާތަކާއި މައުލޫމާތުތަކާއި މަންޒަރުތައް އަދުގެ ޒުވާނުންނާ ހިއްސާކުރެއްވުމަށެވެ.

މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީ: އެތަނުގައި އަންނަނީ އިސްރަށްވެހިންނަށް ތަފާތު ހަރަކާތްތައް ހިންގަމުން ---- ފޮޓޯ/ ރައީސް އޮފީސް
އެއް ޖީލުން އަނެއް ޖީލަށް މިފަދަ ހަނދާންތައް ވާސިލުވަމުން ދިޔުމަކީ ވަރަށް މުހިންމު ކަމެއް. ގައުމެއްގެ ނިސްބަތުގައި ކިތަންމެހާ ވެސް ބޭނުންތެރިކަމެއް. ހަމައެހެންމެ، އިސްރަށްވެހިންގެ ކިބައިން މައުލޫމާތާއި ހުނަރާއި ތަޖުރިބާ ހިއްސާކުރުމުގެ ފައިދާ ލިބިގަތުމަށް އަދުގެ ކިޔަވާ ކުދިންނަށް އަޅުގަނޑު ގޮވާލަންފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު
އެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ ޒުވާނުންނާއި ދަރިވަރުން އުމުރުން ދުވަސްވީ މީހުންގެ ތަޖުރިބާތަކާ ހުނަރު ދަސްކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން، އެކަމުގެ ސަބަބުން ޒުވާނުންގެ އިތުބާތު އިތުރުވުމާއި މައުލޫމާތު މުއްސަނދިވެ، އެފަދަ ގުޅުމެއް ޒުވާނުން ބާއްވަން ފެށުމުން އިސްރަށްވެހިންނަށް އުފާވެރިކަން ލިބޭނެ ކަން މެޑަމް ވަނީ ފާހަގަކުރައްވާފައެވެ.

މ. އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގި ރަންވޭލާ ކެމްޕެއިންގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ތަކެއް --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
އެ ފައިދާތައް ޒުވާނުންނާއި ދަރިވަރުން ލިބިގަތުމަކީ މުހިންމުކަމެއް ގޮތުގައި ސިފަކުރައްވައި، ސާޖިދާ ވަނީ ގައުމުގެ ހައިބަތު އިތުރުކުރުމަށް އިސްރަށްވެހިންނަށް ގަދަރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެ ބޭފުޅުންގެ [އިސްރަށްވެހިން] ފަރާތްޕުޅުން ޒުވާނުންނާއި ކިޔަވާ ކުދިން ޢިލްމީ، ފިކުރީ އަދި، ހުނަރުގެ މަންފާ ލިބިގަންނަން ޖެހޭ. އަޅުގަނޑުގެ އުންމީދަކީ މި ނާދީއަކީ އިސްރަށްވެހިންގެ ކިބައިން މަޢުލޫމާތާއި ތަޖުރިބާ މިއަދުގެ ޖީލުތަކަށް ފޯރުކޮށްދޭ ފުރުސަތުތަކެއް ހުޅުވިގެންދާނެ ތަނެއް ކަމުގައިވެގެން ދިޔުންފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު
މާލޭގެ އިތުރަށް މީގެ ދެހަފުތާއެއް ކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ވަނީ އިސްރަށްވެހިންނަށް ޚާއްސަ ނާދީއެއް ހުޅުވާފައެވެ. އެގޮތުން އެ ނާދީގައި އިސްރަށްވެހިންގެ ހެލްތު ސްކްރީނިންއާއި، ބޭނުންވާ ޚާއްސަ ފަރުވާ އެތަނުން ލިބެން ހުންނަކަން ފާހަގަކޮށްލެވެއެވެ.
އޭގެއިތުރުން، މާލޭގައި މިދިޔަ އަހަރު ހުޅުވި ނާދީއާ އެއްކޮށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕް މިނިސްޓްރީން އަންނަނީ އެތަނުގައި އިސްރަށްވެހިންނަށް ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.
އޭގެތެރޭގައި، ކަސްތަރު ޕްރޮގްރާމުތަކާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމުތައް ހިމެނެއެވެ.