އޭދަފުށީގެ އެންމެ ރީތި މިސްކިތް ބިނާކުރެއްވި އެ ރަށުގެ ޚިދުމަތްތެރިޔާ މުޙައްމަދު ޢަލީ އަވަހާރަވީތާ 24 ގަޑިއިރު ވެސް ނުވެ، އޭނާގެ ކޮއްކޮ، އާމިނަތު ޢަލީ ނިޔާވެއްޖެއެވެ.
މުޙައްމަދު ޢަލީ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި، އުމުރުން 91 އަހަރުގެ މުހައްމަދު އަލީ ނިޔާވީ އިންޑިއާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އާމިނަތު ނިޔާވިކަން "ސަން"އަށް ކަށަވަރުކޮށްދެމުން އެ ރަށުގެ އިސް ބޭފުޅަކު ވިދާޅުވީ އޭނާ ނިޔާވީ އުމުރުން 85 އަހަރުގައި މުސްކުޅި ބަލީގައި ކަމަށެވެ.
އޭނާ ނިޔާވިއިރު އާއިލާގެ ބައެއް މީހުން ތިބީ މުޙައްމަދުގެ ޖަނާޒާއަށް އިންޑިޔާއަށް ގޮހެވެ. އާމިނަތު ނިޔާވިއިރު އޭނާގެ ހަތަރު ކުދިން ދުނިޔޭގައި އެބަތިއްބެވެ.
ރާއްޖޭގައި ހުންނާނެ އެންމެ ޗާލު، އެންމެ ރީތި މިސްކިތުގެ ގޮތުގައި ސިފަކޮށްފައިވާ، މަސްޖިދުލް މުޙައްމަދު އަލީ ހުޅުވީ މިދިޔަ މާރިޗު މަހުގެ 20ގައެވެ. އެ މިސްކިތް ބިނާކުރީ، މުޙައްމަދު އަލީގެ ޚަރަދުގައެވެ.
މީގެ ހަތަރު އަހަރު ކުރިން އަމަލީ މަސައްކަތް ފެށި އެ މިސްކިތް ގިނަ ބަޔަކަށް ކަމުދިޔައީ، ރާއްޖޭން އާންމުކޮށް ނުފެންނަ ހިތްގައިމު އިސްލާމީ ޑިޒައިނަކަށް މި މިސްކިތް ހުރުމުންނެވެ.
މުހައްމަދު ޢަލީ ވަނީ އޭދަފުއްޓަށް ގިނަ ޚިދުމަތްތަކެއް ކުރައްވައި، ރަށް ތަރައްގީ ކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި އޭނާ ވިޔަފާރި ކުރެއްވި ދުވަސްވަރު، އަމިއްލަ މަސްދޯނިފަހަރާއި މުދާ އުފުލާ ދޯނިތައް ވެސް ގެންގުޅުއްވިއެވެ.
މީގެ އިތުރުން ބ. އަތޮޅުގެ ބައެއް ފަޅު ރަށްރަށާ ހަވާލުވެ، ބަލަހައްޓަވައި، ބަކަރި ގެންގުޅުއްވިއެވެ.