ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގުސަދުގައި ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ހިޔާ ޓަވަރު އަށެއްގައި ތަރައްގީކޮށްފައިވާ އިސްރަށްވެހިންގެ ނާދީ ހުޅުއްވައިދެއްވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރުއެވެ.
އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ތަރައްގީކޮށް، އެ ނާދީ ހިންގަން ހަވާލުކޮށްފައިވަނީ ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީއާއެވެ.
އެޗްޑީސީން ބުނީ، މި ނާދީ ހުޅުވުމުގެ މަގުސަދަކީ ހުޅުމާލޭގައި އިސްރަށްވެހިންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެގޮތުން، މިއަދު ހުޅުވި ނާދީ ތަރައްގީ ކުރީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެއިތުރުން، އިސްރަށްވެހިންގެ ހެލްތު ސްކްރީނިންއާއި، ބޭނުންވާ ޚާއްސަ ފަރުވާ އެތަނުން ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެ މަރުކަޒު ފަރުމާ ކޮށްފައިވަނީ އެންމެންނަށް ބޭނުންކުރެވޭ ކޮމަން ސަރަހައްދަކާއި ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަ ހިމެނޭ ގޮތަށްކަން އެޗްޑީސީން ފާހަގަކުރިއެވެ.
މީގެ އިތުރުން އަވަސް ފަރުވާދޭ ކޮޓަރިއާއި ނަމާދު ކޮޓަރިއަކާއި ބަދިގެއެއް ވެސް އެ ނާދީގައި ވަނީ ގާއިމުކޮށްފައެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ބޭނުންކުރެވޭނެ ހެން ފަރުމާކޮށްފައިވާ މި ނާދީ ހުކުރު ދުވަހާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00އިން 18:00 އަށް ހުޅުވާފައި ހުންނާނެއެވެ.
އެ ނާދީގެ ޚިދުމަތް ދޭން ފެށުމުން، ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.