ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ދުސްތޫރީ މައްސަލައެއް ގޮތުގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް މިއަދު ވިދާޅުވުމުން ފަނޑިޔާރުން ކުރެއްވި ގިނަ ސުވާލުތަކަށް ވަކީލަށް ޖަވާބު ނުދެވިއްޖެއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ވަނީ ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހާ ގުޅޭ މައްސަލަ ފަށައިފައެވެ.
އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިންނެވެ. އޭނާގެ ފަރާތުން ވަނީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ގާނޫނުއަސާސީއާ ފުށުއަރާތީ އެ އިސްލާހު ބާތިލުކޮށްދޭން އެދިފައެވެ.
އަލީގެ ފަރާތުން ވާހަކަދައްކަވަމުން ވަކީލު މަހްފޫޒް ސައީދު ވަނީ މި އިސްލާހު މިހާރު ތިއްބެވި މަޖިލީސް މެންބަރުންގެ މައްޗަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން ވެސް އެދިފައެވެ.
އެކަމަކު، ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ވަކާލާތު ކުރައްވަމުން ފާތިމަތު ވިދާޅުވީ، މި މައްސަލައަކީ ގާނޫނުއަސާސީގައި ބުނާ ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ފެތޭ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެންވެ، މި މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ގާނޫނުއަސާސީގެ އެއް މާއްދާ އަނެއް މާއްދާއާ ފުށުއަރާ ކަމަށް ބުނެ ހުށަހަޅާ މައްސަލައެއް ދުސްތޫރީ މައްސަލައެއް ގޮތުގައި ނުބެލޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އެހެންވެ، މި މައްސަލަ ދުސްތޫރީ މައްސަލައެއް ގޮތުގައި ނުބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ފަދަ މައްސަލައެއް ދުސްތޫރީ މައްސަލައެއް ފޯލްވާ ތަރަހައިގެ ތެރެއަށް ނުވާނެ ކަމަށް އަޅުގަނޑުމެން މި ދަންނަވަނީ،" ފާތިމަތު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ފާތިމަތު ހަލީމް: އޭނާ ވިދާޅުވީ، މިއީ ދުސްތޫރީ މައްސަލައެއް ގޮތުގައި ނުބެލޭނެ ކަމަށް ---
އޭނާ ވަކާލާތު ކުރެއްވީ މި އިސްލާހަކީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އޮންނަ ގޮތަށް އުސޫލާއި ގާނޫނުގެ ތެރެއިން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ ސުވާލުތަކެއް ކުރައްވާފައެވެ. ފަނޑިޔާރު އެއްސެވީ، ރައްޔިތުންގެ ވޯޓަކަށް ގޮސްގެން އިސްލާހުކުރަންޖެހޭ ކަމެއް ވޯޓަކަށް ނުގޮސް އިސްލާހުކުރި ނަމަވެސް، އެކަން ބާތިލުކުރުމުގެ އިހުތިސާސް ވެސް ސުޕްރީމް ކޯޓަށް ނޯންނާނެ ކަމަށް ގަބޫލުކުރައްވަނީތޯއެވެ.
އެ ސުވާލަށް ދައުލަތުގެ ވާކީލާ ސީދާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ، މި މައްސަލަ ނުބެލޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އިތުރަށް ސުވާލުކުރައްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ، މިއީ އާ މައްސަލައެއް ކަމަށެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ބާތިލުކުރަން އެދި މީގެ ކުރިން ދުވަހަކު ވެސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންވެ، އެ ފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ނިންމައިފި ނަމަ އަބަދުގެ އަބަދަށް އެ ބާރު ސުޕްރީމް ކޯޓަށް ގެއްލޭނެ ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުޢޫދު: ފަނޑިޔާރު ވަނީ ދައުލަތަށް ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފައި ---
"ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނޭ އޮންނަ މާއްދާ އުވާލަން. މަޖިލީހުން ފާސްކޮށް އުވައިލީ. އެ ހާލަތުގައި ސުޕްރީމް ކޯޓަށް ނާދެވޭނެތޯ؟،" މިސާލެއް ނަންގަވައި، ސާފު ސުވާލެއް ކުރައްވަމުން ފަނޑިޔާރު އެއްސެވިއެވެ.
އެ ސުވާލަށް ވެސް ދައުލަތުގެ ވަކީލާއަށް ސާފު ޖަވާބެއް ނުދެއްވުނެވެ.
"އަޅުގަނޑު މި ދަންނަވަނީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް މި މައްސަލަ ހުށަނޭޅޭނެއެކޭ ނޫން،" ވަކީލު ވިދާޅުވިއެވެ.
އެ ހިސާބުން ބެންޗުގައި އިންނަވާ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ވަނީ ދެން މި މައްސަލަ ހުށަހަޅަންޖެހޭނީ ކޮން ކޯޓަކަށްތޯ ސުވާލު އުފައްދަވާފައެވެ. އެ ސުވާލަށް ވެސް ވަކީލު ފާތިމަތު ސީދާ ޖަވާބެއް ނުދެއްވައެވެ. ތަކުރާރުކޮށް އެއްސެވުމުން ވިދާޅުވީ، އެ މައްސަލައަކާ ގުޅޭ ކޯޓަށް އެ މައްސަލައެއް ބެލޭނެ ކަމަށެވެ.
"ތި އެހާ ވެލިޑް އާގިއުމަންޓެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ސާފު ޖަވާބެއް ލިބިވަޑައިނުގަތުމުން ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.
ދައުލަތުން އެދުނީ މި މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަނީ ---
ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ހުށަހަޅަން ޖެހުނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު މެންބަރުން އިންތިޚާބުވި ޕާޓީން، އެ މެންބަރަކު ވަކިކޮށްފި ނަމަވެސް ގޮނޑި ގެއްލޭނެތީއެވެ. އެހެންވެ، މެންބަރުންގެ މިނިވަންކަމަށް އަސަރުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ގޮވާލައްވައިފައެވެ. ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވެސް ވަނީ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީން އަންނަނީ އެ އިސްލާހު ދިފާއުކުރަމުންނެވެ.
އެ ގޮތުން، މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކުގެ ކޮމިޓީތަކަށް ނުދޭނެ ކަމަށާއި ޕާޓީތަކުން މެންބަރުން ވަކިކުރެވޭނެ ގޮތުގެ ގާނޫނެއް އެކުލަވައިލާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.