ޑިޒްނީގެ "ކެޕްޓަން އެމެރިކާ" ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު ހީކުރި ވަރަށް ވުރެ ބޮޑު އާމްދަނީއާއެކު ބޮކްސް އޮފީހުގައި ހުޅުވާލައިފިއެވެ.
ކެޕްޓަން އެމެރިކާގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ބްރޭވް ނިއު ވޯލްޑް" އަކީ ފްރެންޗައިޒްގެ ބޮޑު ބަދަލެއް ގެނެސް ނެރޭ ފުރަތަމަ ފިލްމެވެ. އެގޮތުން މި ފިލްމަކީ ކެޕްޓަން އެމެރިކާ ބަދަލުވެ އޭނާގެ އަމިއްލަ ފިލްމެއް ނެރޭ ފުރަތަމަ ފަހަރެވެ. އެގޮތުން ކްރިސް އެވަން ކުޅެމުން އައި ކެޕްޓަން އެމެރިކާގެ ރޯލު އެންތަނީ މެކީއަށް ހަވާލު ކުރުމަށްފަހު އެ ރޯލާއެކު ފަށާ މިއީ ފުރަތަމަ ފިލްމެވެ.
އަލަށް ނެރުނު ކެޕްޓަން އެމެރިކާ ފިލްމަކީ ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމެއް ކަމަކަށް ގިނަ ބަޔަކު ހީކޮށްފައެއް ނުވެއެވެ. ނަމަވެސް ހަފުތާ ބަންދުގައި ފިލްމު ދައްކަން ފަށާފައިވާއިރު މި ފިލްމުގެ ފުރަތަމަ ދެ ދުވަހުން އެކަނި ވެސް ވަނީ ހީކުރި ވަރަށް ވުރެ ބޮޑު އާމްދަނީ އެއް ލިބިފައެވެ.
ފާއިތުވި ހަފުތާ ބަންދުގައި އެކަނި ވެސް މި ފިލްމު ވަނީ 192 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. އޭގެތެރެއިން 100 މިލިއަން ޑޮލަރަކީ އެމެރިކާއިން އެކަނި ހޯދާފައިވާ އާމްދަނީއެކެވެ. މިއީ މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ހުޅުވުމެވެ.
އެހެންވީމާ މި ފިލްމަކީ ބޮކްސް އޮފީހުގައި ހިޓަކަށްވުން އެކަށީގެންވާ ފިލްމަކަށް ވެދާނެއެވެ. މިއީ މާވެލްގެ ބޮޑެތި ފްލޮޕްތަކަށްފަހު ޑިޒްނީއަށް ކާމިޔާބީއަކަށް ވެދާނެ ފިލްމަކަށްވުން އެކަށީގެންވެއެވެ.
އާމްދަނީއަށް ބަލާއިރު ފިލްމު ރަނގަޅު ނަމަވެސް ކްރިޓީކުންގެ ތެރޭގައި ފިލްމު ރަނގަޅެއް ނޫނެވެ. ސިނެމާ ސްކޯއިން ފިލްމު ރިވިއު ކޮށްފައިވާއިރު މި ފިލްމަށް ވަނީ "ބީ ނެގެޓިވް" އެއް ލިބިފައެވެ. މިއީ މިހާތަނަށް މާވެލްގެ ފިލްމަކަށް ލިބިފައިވާ އެންމެ ދަށް ރިވިއު ރޭޓިން އެވެ.