ފިލްމު 'އާޝިޤީ 3'ގެ ފުރަތަމަ ޓީޒާ ދައްކާލައިފި، ބަތަލާ އަކީ ތުރިޕްތީއެއް ނޫން

ހިންދީ ސިނަމާގެ އެންމެ މަގުބޫލު ލޯބީގެ ފިލްމުތަކުގެ ތެރޭ ހިމެނޭ "އާޝިޤީ"ގެ ތިންވަނަ ފިލްމުގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.

މި ވީޑިއޯއިން ބެލުންތެރިން ގެންގޮސްދެނީ 1990ގައި ރިލީޒްކުރި ފިލްމު "އާޝިޤީ"ގެ ހަނދާނުގެ ތެރެއަށެވެ. ސްޓޭޖެއް މަތީގައި ކާތިކް އާރްޔަން އިންނަނީ އެ ފިލްމުގެ މަޝްހޫރު ލަވަ "ތޫ މެރީ ޒިންދަގީ ހޭ" ލަވަ ހުށަހަޅައިދި ނުމަށެވެ.

ކާތިކްގެ ފުރަތަމަ ލުކްއިން ވެސް މިއީ ލޯބީގެ ފިލްމެއް ކަން އެނގޭ ކަމަށާއި ލޯބީގެ ޖޯންރާތަކަށް ކާތިކްގެ އެނބުރިއައުން ވަރަށް ވަރުގަދަ ކަމަށް ބެލުންތެރިން ވަނީ ސިފަކޮށްފައެވެ.

މި ވީޑިއޯއިން ކާތީކް ފެންނާނީ ސައުތު ސިނަމާގައި ވިދަމުން އަންނަ ބަތަލާ ސްރީލީލާއާ އެކުގައެވެ. މިއީ ބަތަލާ ސްރީލީލާ ބޮލީވުޑަށް ތައާރަފްވާ ފިލްމުކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބަތަލާ ސްރީލީލާ ފިލްމު "ޕުޝްޕާ 2"ގެ ލަވައެއްގެ މަންޒަރެއްގައި އެ ފިލްމުގެ ލީޑް އެކްޓަރު އައްލޫ އަރުޖުންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޓީ-ސީރީސްއިން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ އަނޫރާގު ބާސޫ ކަމަށް ބުނެފައިވާއިރު ކާތިކް ބެލުންތެރިންނާ ހިއްސާކުރި ވީޑީއޯގައި ފިލްމުގެ ޓައިޓްލް ހިމަނާފައެއް ނެތެވެ.

އެހެންނަމަވެސް ފިލްމު "އާޝިޤީ"ގެ ލަވަޔަކާއެކު ގެނެސްދިން މި ކުޑަ ކުޑަ ޓީޒާއަކީ ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރަމުން އަންނަ "އާޝިޤީ-3" ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

ފިލްމު "އާޝިޤީ 3"ގެ ވާހަކަ ދެކެވެން ފެށީއްސުރެ ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ބޮލީވުޑްގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތުރިޕްތީ ދިމްރީ ކަމަށް ފިލްމީ ޚަބަރުތަކުން އައީ ބުނަމުންނެވެ.

އެހެންނަމަވެސް ކާތިކް ބެލުންތެރިންނާ ހިއްސާކުރި ވީޑިއޯއިން ތުރިޕްތީ ފެނިފައި ނުވާތީ ފިލްމުން ބަތަލާ ވަކިވީ ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މި އަހަރުގެ ދިވާލީ ދުވަސްވަރާ ދިމާކޮށް ރިލީޒް ކުރާނެކަން އިއުލާނުކޮށްފައިވާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ކާމިޔާބު މިއުޒިކް ޑައިރެކްޓަރު ޕްރިތަމެވެ.

comment ކޮމެންޓް