ޕްރޮޖެކްޓް 37ގެ ޝޫޓިން ނިންމާލައިފި

ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ އާ ޕްރޮޖެކްޓު ކަމަށްވާ "ޕްރޮޖެކްޓް 37"ގެ ޝޫޓިން ނިންމާލައިފިއެވެ.

ތަފާތު އެކި ކަހަލަ ޕްރޮޖެކްޓުތަކުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ޑާކްރެއިނުން ޕްރޮޖެކްޓް 37 އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައެވެ. މިއީ ޕްރޮޑަކްޝަނުން ނެރޭ އެކްޝަން ތުރިލާ ފިލްމެކެވެ.

ރަސްމީ ނަމެއް ފިލްމަށް ދީފައި ނުވި ނަމަވެސް ފިލްމަށް ކޯޑު ނަމެއްގެ ގޮތުގައި ވަނީ ޕްރޮޖެކްޓް 37 ދީފައެވެ.

މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. އެއަށް ފަހު ޝޫޓިން ވަކި ދުވަސްކޮޅަކަށް މެދުކެނޑިފައި އޮވެ، އަނެއްކާ ވެސް ފަށައިގެން ކުރިއަށްދާ ކަމަށް ސްޓޫޑިއޯއިން އިއުލާނު ކުރީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

ނަމަވެސް މިހާރު ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލާފައިވާ ކަމަށް ޑާކްރެއިނުން ވަނީ ބުނެފައެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަން ފަށާނެކަމަށް ވެސް ވަނީ ބުނެފައެވެ.

ފިލްމުގެ ޝޫޓިން ނިމިފައިވި ނަމަވެސް ފިލްމުގެ ރަސްމީ ނަން އަދި ފައިނަލްކޮށްފައެއް ނުވެއެވެ. އަދިވެސް، ފިލްމުގެ ނަމެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ޕްރޮޖެކްޓް 37 އެވެ. އެއީ، މި ފިލްމަކީ ޑާކްރެއިންގެ 37 ވަނަ ޕްރޮޖެކްޓަށް ވުމުން ދީފައިވާ ނަމެކެވެ.

މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު ޑައިރެކްޓުކުރި މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.

ޕްރޮޖެކްޓް 37ގެ ގިިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވެފައިވަނީ ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ހިޓް ފިލްމު "ފުރޭތަ"ގެ މަސައްކަތް ވެސް ކޮށްފައިވާ ފަންނާނުންނެވެ. ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ފިލްމު "ފުރޭތަ"އަކީ ވެސް އެކްޝަން ތުރިލާ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޝީލާ ނަޖީބާއި މޫސާ އަލީފާއިި، އަހުމަދު ޝާކިރު ފަދަ ތަރީންނެވެ.

comment ކޮމެންޓް